ލަންޑަން (މާޗު 22) - އީއެފްއެލް ކަޕް ފައިނަލްގެ ދެވަނަ ހާފުގައި އިނގިރޭސި ޒުވާން މިޑްފީލްޑަރު ނިކޯ އޮރައިލީ، 21، ކާމިޔާބުކުރި ގޯލުތަކާއެކު 2-0 އިން އާސެނަލް ބަލިކޮށް މެންޗެސްޓާ ސިޓީ ތަށި އުފުލާލައިފި އެވެ.

މިއީ މެންޗެސްޓާ ސިޓީ މުބާރާތް ކާމިޔާބު ކުރި ނުވަވަނަ ފަހަރެވެ. މިއާ އެކު ސިޓީ ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ލިވަޕޫލާ ތަށީގެ ގޮތުން އެއްވަރު ކުރުމާ ގާތަށް ޖެހިލައިފަ އެވެ. ލިވަޕޫލް ވަނީ 10 ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ސިޓީ މިހާތަނަށް އީއެފްއެލް ކަޕްގެ ފައިނަލްގައި 10 ފަހަރު ވާދަ ކޮށްފައި ވާއިރު، އެ ޓީމު ބަލި ވެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 1974ގަ އެވެ.

ސިޓީގެ ދެ ލަނޑު ވެސް ޖަހައިދިން އޮރައިލީ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީގެ ދެ ލަނޑު ވެސް ޖަހައިދިން އޮރައިލީ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިވަނީ އެ ޓީމާ އެކު ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މިއާ އެކު ގާޑިއޯލާ ވެފައި ވަނީ އީއެފްއެލް ކަޕްގެ އެންމެ ކާމިޔާބު ކޯޗަށެވެ. އޭނާގެ ފަހަތުން މި ލިސްޓުގައި އޮތީ ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކުރި ސާ އެލެކްސް ފާގަސަން އާއި ހޯޒޭ މޮރީނިއޯ އަދި ކުރީގެ ނޮޓްނަމް ފޮރެސްޓްގެ ލެޖެންޑަރީ ކޯޗު ބްރިއަން ކްލޯގް އެވެ. ތިން ކޯޗުން ވެސް ވަނީ ހަތަރު ފަހަރު ތަށި ހޯދައިފަ އެވެ. ފާގަސަން ހަތަރު ފަހަރު ވެސް ތަށި ހޯދީ މެންޗެސްޓާ ޔުނައިޓެޑާ އެކު އެވެ. މޮރީނިއޯ ވަނީ ޗެލްސީއާ އެކު ތިން ފަހަރު އަދި ޔުނައިޓެޑާ އެކު އެއް ފަހަރު މި ތަށި އުފުލާލައިފަ އެވެ.

މި ފައިނަލްގެ ކުރިން ގާޑިއޯލާއަށް ކުރިމަތިވި ހިތްހަމަނުޖެހުމަކީ، އެ ޓީމުން ޖެނުއަރީ މަހު ގެނައި މިދިޔަ ސީޒަންގެ މި ތަށި ހޯދި ކްރިސްޓަލް ޕެލަސްގެ ކެޕްޓަން މާކް ގޭއީ އަށް ނުކުޅެވުމެވެ. އޭނާ ސިޓީއަށް ގެނައީ ލީގް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅުނު ފަހުން ކަމަށް ވުމާ އެކު އޭނާއަށް ފައިނަލްގައި ނުކުޅެވޭނެކަން ސިޓީއަށް ވަނީ އަންގައިފަ އެވެ. މިއީ ލީގް ކަޕްގައި މިގޮތަށް އުސޫލެއް ހެދި ފުރަތަމަ ފަހަރެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ، މިއީ އޭނާ ސިޓީއަށް މި ތަށި ހޯދައިދިން ފަސްވަނަ ފަހަރު.-- ފޮޓޯ: އޭއެފްޕީ
ސިޓީގެ ކޯޗު ގާޑިއޯލާ، މިއީ އޭނާ ސިޓީއަށް މި ތަށި ހޯދައިދިން ފަސްވަނަ ފަހަރު.-- ފޮޓޯ: އޭއެފްޕީ

ސިޓީ ވަނީ މިދިޔަ ހަފްތާ ރެއާލް މެޑްރިޑް އަތްދަށުވެ، ޔޫއެފާ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. ނަމަވެސް އާސެނަލް ވަނީ ބެޔާ ލެވަކޫސަންގެ މައްޗަށް ކުރި ހޯދައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މިކެލް އާޓެޓާ 2019ގެ ޑިސެމްބަރު މަހު އާސެނަލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ކުޅުންތެރިން ގަންނަން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފައި ވާއިރު އަދި ތަށްޓެއް ނުލިބެ އެވެ. ނަމަވެސް މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ އެންމެ ގާތުގައި އޮތީ އާސެނަލް އެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ވެސް އާސެނަލް އާ އެންމެ ގާތުން ވާދަ ކުރަނީ ސިޓީ އެވެ. އެއް މެޗު އިތުރަށް ކުޅެގެން އާސެނަލް އެއްވަނައިގައި އޮތީ، ސިޓީއަށް ވުރެ ނުވަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގުގައި ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެއް އަންނަ މަހު ކުޅޭނެ އެވެ.

އާސެނަލް އަށް ލީގުގައި ބާކީ ހަތް މެޗު އޮތް އިރު، ސިޓީއަށް އަދި އަށް މެޗު އެބަ އޮތެވެ. ގާޑިއޯލާ ހުރީ އަދި ވެސް ސިޓީއަށް ލީގު ރޭހުގައި އާސެނަލް އަތުލެވިދާނެ ކަމަށް ގަބޫލު ކޮށްގެންނެވެ.