ޕްރެމިއާ ލީގުގެ ތަށި ދިފާއުކުރުމުގެ ރޭހުގައި ވެސްޓްހޭމް ޔުނައިޓެޑްގެ އެހީ އަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެދިއްޖެ އެވެ.

ލީގުގައި އިއްޔެ ބްރެންޓްފޯޑް އަތުން 3-0 އިން މޮޅުވެ، ސުިޓީން ވަނީ އާސެނަލާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ.  މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ޖެރެމީ ޑޯކޫ އާއި އާލިން ހާލަންޑްގެ އިތުރުން އުމަރު މާމޫޝް އެވެ.

މިއަދު އާސެނަލުން ވެސްޓްހޭމްއާ ދެކޮޅަށް ކުޅޭނެ އެވެ.  ގާޑިއޯލާ އުންމީދު ކުރަނީ ނޫނޯ އެސްޕިރިޓޯ ސަންޓޯގެ ޓީމުން އާސެނަލް ހުއްޓުވާނެ ކަމަށެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުން ނިންމާލައި، ހޯލުން ނުކުންނަމުން ގާޑިއޯލާ ވަނީ ވެސްޓްހޭމްގެ ސަޕޯޓަރުން ބޭނުންކުރާ އިޝާރާތް ދައްކާލައި، އެ ޓީމަށް ސަޕޯޓްކުރާކަން ހާމަކޮށްފަ އެވެ. އޭނާ ވަނީ "ކަމް އޯން ޔޫ އަޔަންސް" އޭ ބުނެ ވެސްޓްހޭމްއަށް ހިތްވަރު ދީފަ އެވެ.

ތަށީގެ ރޭހާ ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އާސެނަލަކީ މި ސީޒަނުގައި ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ތަށި ލިބުން މިހާރު އޮތީ ސިޓީގެ އަތްމަތީގައި ނޫން ކަމަށާއި، އެއީ އާސެނަލްއަށް ޕޮއިންޓް ގެއްލުމާ ގުޅިފައިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން މި ވާދަކުރަނީ މުޅި ސީޒަނުގައި ލީގުގެ އެއްވަނައިގައި އޮތް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެއްވެސް މެޗަކުން ބަލިނުވެ ދަތުރުކޮށްފައިވާ ވަރުގަދަ ޓީމަކާ،" ގާޑިއޯލާ ބުންޏެވެ. 

"މިހާރު ކޮންޓްރޯލް މިއޮތީ އަހަރެމެންގެ އަތްމަތީގައެއް ނޫން. އެހެންވީމާ ތަށި ލިބުން ބިނާވެފައި އޮތީ އެ ޓީމު (އާސެނަލް) އަތުން ޕޮއިންޓް ގެއްލުމުގެ މައްޗަށް. އެކަމަކު އަހަރެން މިކަމާ ވަރަށް ގަޔާވޭ. އަލުން ތަށީގެ ރޭހުގެ މި ހިސާބުގައި ހުރެވުމުން ވަރަށް އުފާވޭ."

ސީޒަން ނިމެން ދެން އޮތީ އެންމެ ދެ ހަފުތާ އެވެ.  ސިޓީ އަށް ކުރިއަށް އޮތީ ކްރިސްޓަލް ޕެލަސް، ބޯންމައުތު އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އާސެނަލްއަށް ބާކީ އޮތީ ވެސްޓްހޭމް، ބާންލޭ އަދި ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ލީގުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި ކޮންމެ މެޗަކީވެސް ފައިނަލެއް ކަމަށް ގާޑިއޯލާ ވަނީ ސިފަކޮށްފަ އެވެ.

"އަހަރެމެންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ ބުދަ ދުވަހު ޕެލަސް އަތުން މޮޅުވުން. އެއަށްފަހު އެފްއޭ ކަޕް ފައިނަލް ކުޅެފައި ބޯންމައުތާއި އެސްޓަން ވިލާއާ ދެކޮޅަށް ނުކުތުން،" ގާޑިއޯލާ ބުންޏެވެ.