ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ވެސްޓް ހޭމްއާ ދެކޮޅަށް 1-1 އިން އެއްވަރުވެ މެންޗެސްޓާ ސިޓީ ނުވަ ޕޮއިންޓް ފަހަތަށް ފުރޮޅާލައިފި އެވެ. 

ލީގުގެ ތާވަލުގެ އެއްވަނައިގައި އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ސިޓީ އަށް ގެއްލުނީ ވެސްޓް ހޭމް އަތުން މޮޅު ނުވެވުމުންނެވެ.

އޭގެ ކުރިން އާސެނަލުން އެވަަޓަން އަތުން 2-0 އިން ހޯދި މޮޅާއެކު، ސިޓީއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން 10 ޕޮއިންޓްގެ ލީޑެއްގަ އެވެ. ނަމަވެސް، އޭގެ ފަހުން ވެސްޓް ހޭމް ކައިރިން ޕޮއިންޓަކުން ފުއްދާލި ކަމުން ނުވަ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވުނެވެ. 

"ތަށީގެ ރޭސް އަދި ނުނިމޭ"

މެޗަށް ފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، ނުވަ ޕޮއިންޓަކީ ބޮޑު ފަރަގެއް ނަމަވެސް އަދިވެސް ތަށި ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"(ތަށި ހޯދުމުގެ ރޭސް) އަދި ނުނިމޭ. އަހަރެމެން ބައްޔެއް ނުވޭ. އަދިވެސް ކުރިއަށްދާނަން،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނ ގޮތުގައި އާސެނަލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗަކީ ފަރަގު ކުޑަކުރަން ލިބޭނެ މުހިންމު ފުރުސަތެކެވެ.

"އާސެނަލް ކުޅެމުންދާ ގޮތެއް އަހަންނަކަށް ނޭނގޭ، އެއީ އެ ޓީމު ފަހުން ކުޅުނު މެޗުތައް އަހަރެން ނުބަލަން. އެކަމަކު އަހަރެން ގަޔާވާ ބައެއް ކަންކަން އެބަހުރި. (އަހަރެމެންނަށް) މިއަށްވުރެ ރަނގަޅު ކުރެވިދާނެ، އެކަމަކު ކަންތައް މިހިރީ މިހެން،" ގާޑިއޯލާ ބުންޏެވެ.

"އާސެނަލްއާ ދެކޮޅަށް ނުވަ ޕޮއިންޓަކީ ބޮޑު ފަރަގެއް، އެކަމަކު ނިމެންދެން އަހަރެމެން މަސައްކަތް ކުރަންޖެހޭނެ. އެއީ ނުވާނެ ކަމެއްކަން ކަށަވަރުވާ ހިސާބަށް ދާންދެން. ޗެމްޕިއަނުންނަށް މަރުހަބާ ކިޔާނަން. އެކަމަކު އަހަރެމެން މަސައްކަތް ކުރަންޖެހޭނެ."

ސިޓީއަށް މި ސީޒަނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭ މައްސަލަކަން ގާޑިއޯލާ ފާހަގަކުރިއެވެ. މިގޮތުން ޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑަށް އެންމެ ފަހުން ކުޅުނު 12 ލީގު މެޗުގައި ޖެހުނީ އެންމެ ތިން ލަނޑެވެ.

"ހާލަންޑަށް އެނގޭނެ އަހަރެމެން އޭނާގެ ލަނޑުތަކަށް ބޭނުންވާކަން. މި މެޗުގެ ކުރީކޮޅުވެސް އޭނާއަށް ރަނގަޅު ތިން ހަތަރު ފުރުސަތު ލިބި ބޭނުން ނުކުރެވުނު. އެކަމަކު އޭނާ އަލުން ފޯމަށް އަންނާނެ،" ކޯޗު ބުންޏެވެ.

ސިޓީގެ ސީޒަން މިހާރު އޮތީ ނާޒުކު ފައްތަރެއްގައެވެ. ލީގުގެ ފަހު މަރުހަލާ އޮތީ ކުރިމަތީގަ އެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް އަތުން ވަނީ 3-0 އިން ބަލިވެފައެވެ. އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ ދެވަނަ ލެގާ ބެހޭގޮތުން ގާޑިއޯލާ ބުނީ، މާޒީގައި ސިޓީއަކީ މިފަދަ ހާލަތްތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި ޓީމެއް ކަމަށާއި، ކުރިއަށް އޮތް މެޗަށް މުޅި ޓީމު ތައްޔާރުވާނެ ކަމަށެވެ.