ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އިރާނުން ބައިވެރިވުމަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކާއެކު ހަދަން އުޅުނު އިޝްތިހާރު އެއްބަސްވުމެއް ކެންސަލްވެފައިވާ ކަމަށް ޖަޕާނުގެ ފުޓްބޯޅަ ލެޖެންޑް ކެއިސޫކޭ ހޮންޑާ ބުނެފި އެވެ.
އުމުރުން 39 އަހަރުގެ ހޮންޑާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުގައި އިރާން ވާދަކުރަން ބޭނުންވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ އެ ވާހަކައާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކުން ވަނީ އޭނާއާ އެކު ހަދަން އުޅުނު އެއްބަސްވުމެއް މަޑުޖައްސާލާފަ އެވެ. އޭނާއާއެކު ފައިނަލް ކުރަން އުޅުނު އެއްބަސްވުމެއް މަޑުޖައްސާލާފަ އެވެ.
"މިއީ ވަރަށް ނާޒުކު މައްސަލައެއްކަން އެނގޭ، އެކަމަކު އަހަރެން އަމިއްލައަށް ބޭނުންވަނީ އީރާނުން ވޯލްޑް ކަޕްގައި ވާދަކުރަން،" ޖަޕާނަށް 38 ލަނޑު ޖަހައިދީފައިވާ ހޮންޑާ ބުނެފައިވެ އެވެ.
އޭނާއާ އެކު އިސްތިހާރުގެ އެއްބަސްވުން އުވާލީ ކޮން ކުންފުންޏެއް ކަމެއް ހޮންޑާ ނުބުނެ އެވެ. އިޝްތިހާރު ކެންސަލްވުމާ ގުޅިގެން އޭނާ އެ ކުންފުންޏަށް ވަރުގަދަ ރައްދުތަކެއް ދީފަ އެވެ. އޭނާ ބުނީ ކަންކަމުގެ އަސްލު ހަގީގަތަށް ބެލުމެއް ނެތި، ގޮތް ނިންމާ ކުންފުނިތަކާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.
ޖުލައި 2024 ގައި ކުޅުން ހުއްޓާލައި ކޯޗިންއަށް ބަދަލުވި ހޮންޑާ އަކީ ޖަޕާނުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2010، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން ތަމްސީލުކޮށްފައެވެ.
އިރާނުގެ ވޯލްޑް ކަޕްގެ ފުރުސަތާ މެދު ސުވާލު އުފެދިފައިވަނީ، އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެ ގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އުފެދިފައިވާ ހާލަތުގެ ސަބަބުންނެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އިރާނުގެ ހުރިހާ މެޗެއް ކުޅުމަށް ތާވަލުކޮށްފައިވަނީ އެމެރިކާގެ ސިޓީތަކުގައެވެ.