މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން އެ ކްލަބްގެ ލެޖެންޑް މުހައްމަދު ސަލާހް އިއުލާން ކޮށްފި އެވެ.

ޞަލާޙް މިކަން ހާމަކުރީ ސޯޝަލް މީޑިއާގައި އާންމުކުރި އަސަރުގަދަ ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.

އޭނާ ބުނި ގޮތުގައި، މި ދުވަސް އަންނާނެ ކަމަކަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.

"މިއީ އަހަރެންގެ އަލްވަދާއީ މެސެޖުގެ ފުރަތަމަ ބައި. މި ސީޒަން ނިމުމުން އަހަރެން ލިވަޕޫލް ދޫކޮށްލާނަން،" އޭނާގެ ވީޑިއޯގައި ބުންޏެވެ.

މިސްރުގެ ކެޕްޓަން ބުނީ ލިވަޕޫލަކީ ހަމައެކަނި ފުޓްބޯޅަ ކްލަބެއް ނޫން ކަމަށާއި، އެއީ އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ކަމަށެވެ.

ރޯމާއިން 2017 ގައި ލިވަޕޫލާ ގުޅުނު ސަލާޙް ވަނީ އެ ކްލަބުގައި ހޭދަކުރި ނަވަ އަހަރުގެ ތެރޭގައި އެ ކްލަބްގެ ގިނަ ކާމިޔާބުތަކުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ ކްލަބަށް އޭނާ ވަނީ މިހާތަނަށް 435 މެޗުން 255 ގޯލު ޖަހައި ދީފަ އެވެ.

އެންމެ ފަހުގެ ޕްރިމިއާ ލީގުގެ ތައްޓާ އެކު ސަލާހް އުފާފާޅު ކުރަނީ: އެ ތައްޓަކީ ވެސް އޭނާގެ ހިދުމަތުގެ މުހިންމު ކާމިޔާބެއް --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް
އެންމެ ފަހުގެ ޕްރިމިއާ ލީގުގެ ތައްޓާ އެކު ސަލާހް އުފާފާޅު ކުރަނީ: އެ ތައްޓަކީ ވެސް އޭނާގެ ހިދުމަތުގެ މުހިންމު ކާމިޔާބެއް --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

ލިވަޕޫލަށް ޕްރެމިއާ ލީގާއި، ޗެމްޕިއަންސް ލީގު އަދި އެހެނިހެން ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ސަލާހަކީ މި ފަހަުގެ އަހަރުތަކުގައި ޕްރިމިއާ ލީގުން ވެސް ފެނުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ.

ސަލާހް ކްލަބް ދޫކޮށްލާކަން ލިވަޕޫލުން ވެސް އިއުލާން ކުރި އެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަލާހް ކްލަބް ދޫކޮށްލަން ނިންމީ ދެފަރާތް އެއްބަސްވެގެން ކަމަށެވެ. އޭނާ ކްލަބަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކުރާ ލިވަޕޫލުން ބުންޏެވެ. 

ލިވަޕޫލްގައި އޭނާ ހޭދަ ކުރި މުއްދަތުގައި، މި ސީޒަނަކީ އޭނާ އަށާއި އެ ކްލަބަށް ވެސް އެންމެ އުނދަގޫ ސީޒަނެވެ. ކޯޗު އާނެ ސްލޮޓް އާއި ސަލާހްގެ ގުޅުން ގޯސްވެގެން ދިޔަ އެވެ. ޖެނުައަރީ ޓްރާންސްފާ ޕީރިއަޑްގައި އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ވެސް ބެލެވުނެވެ.

އަންނަ ސީޒަނުގައި އޭނާ ގުޅޭނީ ކޮން ކްލަބަކާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން އޭނާ ހޯދުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.