ނޭޕާލްގެ ކުޅިވަރުގެ މައި އިދާރާ، ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެންފާ) ތިން މަސްދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

އެ ފިޔަވަޅު ވަނީ އެންފާގެ އިންތިހާބު ބޭއްވުމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުންނެވެ. އިންތިހާބާ ގުޅޭ ގޮތުން އެންފާއިން ސްޕޯޓްސް ކައުންސިލަށް ދިން ޖަވާބުތަކާ މެދު ހިތްހަމަނުޖެހޭތީ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މި ސަސްޕެންޝަނުގެ ސަބަބުން އެންފާއިން ބާއްވާ އެއްވެސް މުބާރާތެއް ސަރުކާރުން ބަލައިނުގަންނާނެ ކަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

މައްސަލަ ފެންމަތިވީ މިދިޔަ ޑިސެމްބަރު މަހު، އެންފާގެ މިހާރުގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން އަވަސް އިންތިޚާބެއް ބާއްވަން ނިންމުމާ ގުޅިގެންނެވެ. ސްޕޯޓްސް ކައުންސިލާއި އެ ގައުމުގެ ކުޅިވަރު ވުޒާރާއިން ބާރުއަޅަމުން ދަނީ އަންފާގެ މައި އިންތިހާބުގެ ކުރިން  ސަރަހައްދީ އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ބޭއްވުމަށެވެ.

ނަމަވެސް އެންފާއިން ބުނަމުންދަނީ އެއީ މިނިވަން އިދާރާއެއް ކަމަށާއި، އަމިއްލަ ގަވާއިދުގެ ދަށުން އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އޮންނާނެ ކަމަށެވެ. މި މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. ކޯޓުން ހުކުމް ކުރީ އެންފާއިން އަވަސް އިންތިހާބެއް ބޭއްވުމަކީ ގާނޫނާ ހިލާފު އަމަލެއް ނޫން ކަމަށެވެ.

މި ސަސްޕެންޝަނާ އެކު ނޭޕާލްގެ ފުޓްބޯޅައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ފީފާގެ ސަސްޕެންޝަނެއް ކުރިމަތިވެދާނެ ކަމުގެ ބިރެވެ. ފީފާގެ ގަވާއިދު ބުނާގޮތުން އެ އިދާރާގެ މެންބަރު ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ހިންގުމުގެ ތެރެއަށް ތިންވަނަ ފަރާތަކުން ނުވަތަ ސަރުކާރުން ނުފޫޒު ފޯރުވުމަކީ މަނާކަމެކެވެ. ފީފާއިން ސަސްޕެންޑްކޮށްފިނަމަ، ނޭޕާލްގެ ގައުމީ ޓީމުތަކަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދައެއް ނުކުރެވޭނެ އެވެ.  އަދި އެހެން ގައުމުތަކާ އެކު އެކުވެރިކަމުގެ މެޗުތައް ކުޅުމާއި ބައިނަލްއަގާވާމީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރި ނުވެވޭނެ އެވެ.

އެކަމަކު ސްޕޯޓްސް ކައުންސިލުން ބަނީ އަންފާއަށް ނުފޫޒު ފޯރުވަން އެއްވެސް އެންގުމެއް ނާންގާ ކަމަށެވެ. އެއީ އެ ގައުމުގެ ގާނޫނުތަކަށް އިހުތިރާމްކުރުވަން ކުރާ މަސައްކަތެއް ކަމަށް ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ބުންޏެވެ. 

ނަމަވެސް އެންފާގެ ޖެނެރަލް ސެކްރެޓަރީ ކިރަން ރާއީ ވިދާޅުވީ، ފީފާއިން ނޭޕާލް ސަސްޕެންޑްކޮށްފިނަމަ އޭގެ ޒިންމާ އުފުލަންޖެހޭނީ އެންފާގެ މަސައްކަތްތަކަށް ހުރަސްއަޅާ ފަރާތްތަކުން ކަމަށެވެ. 

އަންފާއިން ދަނީ މާދަމާ އަށް ތާވަލުކޮށްފައިވާ އެ އސޯސިއޭޝަނުގެ އިންތިހާބައިގެން ކުރިއަށް ދިއުމަށް ނިންމާފަ އެވެ. 

މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގައި ނޭޕާލުން ދަނީ ވާދަކުރުމުންނެވެ. މިހާތަނަށް އެ ޓީމުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކީ ވެސް ނޭޕާލެވެ.