ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވިކަމަށް ބުނެ، ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން (އަންފާ) ފީފާއިން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.

ފީފާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ފީފާ ކައުންސިލްގެ ބިއުރޯއިން މި ނިންމުން ނިންމީ އިއްޔެ އެވެ. 

މި ސަސްޕެންޝަން ކުރިމަތި ކުރީ، އެ އެސޯސިއޭޝަނުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ނޭޕާލްގެ ސަރުކާރުން ނުފުޒު ފޯރުވުމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ. 

މި ނިންމުމުގެ ސަބަބުން ނޭޕާލްގެ ގައުމީ ޓީމުތަކަށާއި ކްލަބުތަކަށް ފީފާ އަދި އޭއެފްސީން އިންތިޒާމުކުރާ އެއްވެސް މުބާރާތެއްގައި ދެން ބައިވެރިއެއް ނުވެވޭނެ އެވެ. 

މީގެ އިތުރުން ސަސްޕެންޝަން އުވާލަންދެން ފީފާ އާއި އޭއެފްސީން ދޭ އެހީތަކާއި، ޕްރޮގްރާމްތަކާއި، ތަމްރީނު އަދި ކޯސްތަކުގެ ފުރުސަތު ވެސް ނޭޕާލްގެ އެސޯސިއޭޝަނަށާއި އެ ގައުމުގެ އޮފިޝަލުންނަށް ވެސް ނުލިބޭނެ ކަމަށް ފީފާއިން ބުންޏެވެ. 

މައްސަލަ ފެންމަތިވީ މިދިޔަ މާޗް މަހު ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން އަންފާ ސަސްޕެންޑް ކުރުމުންނެވެ. 

ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިންގާ ސްޕޯޓްސް ކައުންސިލުން ތިން މަސްދުވަހަށް ސަސްޕެންޝަނެއް އަންފާއަށް ކުރިމަތި ކުރުވީ އެ  އެސޯސިއޭޝަނުގެ އިންތިހާބު ބޭއްވުމާ ގުޅޭގޮތުން އުފެދުނު ދެބަސްވުންތަކުގެތެރޭގަ އެވެ. އަދި އިންތިހާބާ ގުޅޭގޮތުން ދިން ޖަވާބުތަކާ މެދު ހިތްހަމަނުޖެހޭތީ، އަންފާއިން ބާއްވާ އެއްވެސް މުބާރާތެއް ސަރުކާރުން ބަލައިނުގަންނާނެ ކަމަށްވެސް ސްޕޯޓްސް ކައުންސިލުން އިއުލާންކުރި އެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ ޑިސެމްބަރު މަހު، އަންފާގެ ދައުރު ހަމަވުމުގެ ކުރިން އަވަސް އިންތިހާބެއް ބާއްވަން އެ އެސޯސިއޭޝަނުން ނިންމުމުންނެވެ. ސްޕޯޓްސް ކައުންސިލުން ބާރުއެޅީ މައި އިންތިހާބުގެ ކުރިން ސަރަހައްދީ އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމަށެވެ.

ނަމަވެސް އަންފާއިން ބުނީ އެއީ މިނިވަން އިދާރާއެއް ކަމަށާއި، އަމިއްލަ ގަވާއިދުގެ ދަށުން އިންތިހާބު ބޭއްވޭނެ ކަމަށެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ހުކުމް ކުރީ އަންފާއިން އަވަސް އިންތިހާބެއް ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ބުނި ގޮތުގައި އިންތިހާބުގެ ކަންކަން ވަކި ގޮތަކަށް ގެންދިއުމަށް އެންގުމަކީ  އެ އެސޯސިއޭޝަނަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އެއީ ހަމައެކަނި ގައުމުގެ ގާނޫނުތަކަށް އިހުތިރާމްކުރުވަން އެޅި ފިޔަވަޅެއް ކަމަށް ސްޕޯޓްސް ކައުންސިލުން ބުންޏެވެ. 

އެކަމަކު އަންފާގެ ޖެނެރަލް ސެކްރެޓަރީ ކިރަން ރާއީ ވިދާޅުވީ، ފީފާގެ ސަސްޕެންޝަނާ އެކު ބައިނަލްއަގުވާމީ މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ފުރުސަތު ގެއްލުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެސޯސިއޭޝަނުގެ މަސައްކަތްތަކަށް ހުރަސްއެޅި ފަރާތްތަކުން ކަމަށެވެ.