ނޭޕާލްގެ ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެންފާ) އާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ފީފާގެ ސަސްޕެންޝަނުގެ ބިރު ކުރިމަތިވެފައިވުމުން، ރާއްޖޭގައި ބާއްވާ މުބާރާތުން ވެސް އެ ޓީމު ވަކިވެއްޖެ އެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ޖޫން މަހު އެކަކުން 10 އަށް މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ނޭޕާލް ބައިވެރިވާނެ ކަމަށް ކުރިން ބެލެވުނެވެ.

ނަމަވެސް އެ ގައުމުގެ  ސަރުކާރާއި އެފްއޭގެ ކޯޅުންތަކުގެ ތެރޭގައި ނޭޕާލްގެ ފުޓްބޯޅަ ވަނީ ފިތިފަ އެވެ. 

މައްސަލަ ފެންމަތިވީ އަންފާގެ މިހާރުގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން އަވަސް އިންތިހާބެއް ބާއްވަން ނިންމުމާ އެކު އެވެ. ސްޕޯޓްސް ކައުންސިލާއި އެ ގައުމުގެ ކުޅިވަރު ވުޒާރާއިން ބާރުއަޅަމުން ދަނީ އަންފާގެ މައި އިންތިހާބުގެ ކުރިން  ސަރަހައްދީ އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ބޭއްވުމަށެވެ.

ނަމަވެސް އަންފާއިން ބުނަމުންދަނީ އެއީ މިނިވަން އިދާރާއެއް ކަމަށާއި، އަމިއްލަ ގަވާއިދުގެ ދަށުން އިންތިހާބު ބޭއްވުމުގެ އިޚްތިޔާރު އޮންނާނެ ކަމަށެވެ. މި މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. ކޯޓުން ހުކުމް ކުރީ އެންފާއިން އަވަސް އިންތިހާބެއް ބޭއްވުމަކީ ގާނޫނާ ހިލާފު އަމަލެއް ނޫން ކަމަށެވެ.

ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ނިންމީ ތިން މަސްދުވަހަށް އަންފާ ސަސްޕެންޑް ކުރުމުންނެވެ.

ސަރުކާރުގެ މި ނިންމުމަކީ ފުޓްބޯޅައިގެ ތެރެއަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވުން ކަމަށް ބަލައި، ފީފާ އާއި އޭއެފްސީން ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެ ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރަށް ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ.

މި މުހުލަތުގެ ތެރޭގައި މައްސަލަ ހައްލުނުވެއްޖެ ނަމަ، ނޭޕާލަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ބޮޑު ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ނޭޕާލުގެ މީޑިއާ ރިޕޯޓްތައް ބުނިގޮތުގައި ސަރުކާރުގެ ވާހަކަތަކުން މައްސަލައިގައި ދޫދޭން ބޭނުން ނުވާކަން ހާމަވެއެވެ.

ސްޕޯޓްސް ކައުންސިލުން ބަނީ އަންފާއަށް ނުފޫޒު ފޯރުވަން އެއްވެސް އެންގުމެއް ނާންގާ ކަމަށެވެ. އެއީ އެ ގައުމުގެ ގާނޫނުތަކަށް އިހުތިރާމްކުރުވަން ކުރާ މަސައްކަތެއް ކަމަށް ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ބުންޏެވެ.

ސަރުކާރުން ދޫ ދިނުމުގެ ވިސްނުން ނުގެންގުޅޭތީ އެ ގައުމަށް ފީފާގެ ސަސްޕެންޝަނެއް އައުން ކައިރި އެވެ.

އެ ސަސްޕެންޝަން ކުރިމަތިވެއްޖެނަމަ ރާއްޖޭގެ މުބާރާތުގައި ވެސް އެ ގައުމަށް ބައިވެރި ނުވެވޭނެ އެވެ. 

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ، ޑައިމަންޑް ޖުބިލީ މުބާރާތުގައި ބައިވެރިވާނެ ކަމަށް ނޭޕާލުން ކުރިން ކޮންފޮމޭޝަން ދިން ކަމަށެވެ. ނަމަވެސް ފަހުން އެ ފުރުސަތު ދޫކޮށްލަން ނިންމިކަން އަންފާއިން އެންގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

ނޭޕާލުގެ ބަދަލުގައި އެ ޖާގަ އަށް، ފުރުސަތު ދިނީ ޕާކިސްތާނަށެވެ. 

އަންނަ މަހު އިންޑިއާގައި ފަށާ، އަންހެން ސާފް ޗެންޕިއަންޝިޕުން ވެސް ނޭޕާލް ވަނީ ވަކިވެފަ އެވެ. 

ނޭޕާލްގެ ފުޓްބޯޅައިގައި މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕުން ނަން އަނބުރާ ގެންދިޔަ މައްސަލައިގައި، "ބޮޑު އިހުމާލެއް" ވެފައިވާ ކަމަށް ބަލައި އޭއެފްސީން ވަނީ އެންފާ 10،000 ޑޮލަރުން ޖޫރިމަނާކޮށް، ކުރިއަށް އޮތް ފުޓްސަލް މުބާރާތުން އެ ގައުމު ބޭންކޮށްފަ އެވެ. 

ފޯ ނޭޝަން ފޯމެޓަށް ކުރިއަށް ގެންދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިހާރު ވާދަކުރާނީ ރާއްޖޭ އާއި  ޕާކިސްތާން، ލަންކާ އަދި ބަންގްލަދޭޝް އެވެ.

މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމުން މިހާރު ވަނީ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފަ އެވެ. ޓީމުގެ ޕްރެކްޓިސް މިއަދު ފަށާނެކަމަށް ވަނީ އިއުލާން ކޮށްފަ އެވެ. 

ބަބަންގްލަދޭޝްއިން މުބާރާތަށް ފޮނުވާނީ ސީނިއާ އަދި 23 އަހަރުންދަށުގެ ކުޅުންތެރިން ވެސް ހިމެނޭ މިކްސްޑް ޓީމެކެވެ. 

އެ ގައުމުގެ ސީނިއާ ޓީމުން މިވަގުތު ތައްޔާރުވަމުންދަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވެސް ކުޅޭ ހާއްސަ މެޗަށެވެ. 

ޖޫން މަހު ފަސްވަނަ ދުވަހު ސެން މަރީނޯއާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ބަންގަލަދޭޝްއިން ވަނީ ތާވަލުކޮށްފަ އެވެ. މިއީ ބަންގްލަދޭޝްގެ ޓީމެއް ޔޫރަޕްގައި އަދި އެ ބައްރުގެ ގައުމީ ޓީމަކާ ދެކޮޅަށް ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. ހަމައެހެންމެ، މިއީ ސެން މަރީނޯއިން ވެސް އޭޝިއާގެ ގައުމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.