އިރާގްގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމަކީ މިހާރު ދުނިޔޭގައި އޮތް އެންމެ އުނދަގޫ އެއް މަސައްކަތް ކަމަށް އެ ޓީމުގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފި އެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ކޯޗު ބުނި ގޮތުގައި އިރާގްގައި ހުރި ސިޔާސީ ހަލަބޮލިކަމާއި، ސަލާމަތީ ކަންކަން ހުރި ގޮތުން ޓީމު ތައްޔާރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

އިރާގްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާނޯލްޑަށް ކޯޗުކަމުގެ ހުށަހެޅި އިރު އެއީ އެންމެ އުނދަގޫ ވަޒީފާއަށް ވާނެ ކަމަށް އޭނާ ގާތުގައި ބުނި ކަމަށް އާނޯލްޑް ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އިރާގު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމަކީ ދުނިޔޭގައި އޮތް އެންމެ އުނދަގޫ ވަޒީފާ،" އާނޯލްޑް ބުންޏެވެ.

"އިރާގް ވޯލްޑް ކަޕަށް ކޮލިފައި ނުވާތާ 40 އަހަރު ވެއްޖެ އެވެ. މިއީ ވަރަށް ބޮޑު ޕްރެޝަރެއް އޮތް، ބޮޑު ގޮންޖެހުމެކެވެ. އަދި އެއީ ފުޓްބޯޅައަށް މަރުދޭ 46 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ."

އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި ބޮލީވިއާއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗުން އިރާގް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ ނަމަ، އާނޯލްޑް ވެގެންދާނީ ދެ ގައުމެއް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން އޮސްޓްރޭލިއާގެ ފުރަތަމަ ކޯޗަށެވެ.

އޭނާގެ ކޯޗުކަމުގެ ދަށުން 2022 ގެ ވޯލްޑް ކަޕަށް އަމިއްލަ ގައުމު، އޮސްޓްރޭލިއާ ކޮލިފައިކޮށްދިނެވެ.

އަރަބި ބަހުން ވާހަކަދައްކަން ނޭނގުނު ނަމަވެސް، 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިރާގް ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އެ ގައުމަށް ކިހާ މުހިންމު ކަމެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އާނޯލްޑް ބުންޏެވެ.

"އަހަރެން ހަނދާން އެބަހުރި 2005 ވަނަ އަހަރު އޮސްޓްރޭލިއާ ގޮވައިގެން ވޯލްޑް ކަޕަށް ކޮލިފައިވުމުން އެކަމުގެ ސަބަބުން ގައުމަށް ކުރި ފައިދާ،" އޮސްޓްރޭލިއާގެ އޭރުގެ އެސިސްޓެންޓް ކޯޗުގެ މަގާމު އަދާކުރި އާނޯލްޑް ބުންޏެވެ.

"އިރާގުގައި އެންމެންގެ ލޭގައި ވެސް ހިނގަނީ އެއް ރޫހެއް އެވެ. އެމީހުން ފުޓްބޯޅައަށް ކުރާ ތާއީދަކީ ވަރަށް ބޮޑު ފޯރިއެއް އޮތް ކަމެއް."

އާނޯލްޑް އިތުރަށް ބުނީ އިރާގަކީ އަބަދުވެސް ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ.

"މިވީ އަހަރުތަކުގެ ތެރޭގައި އިރާގާ ދެކޮޅަށް ކޯޗުކޮށްދީ ނުވަތަ ކުޅުނު އިރު ވެސް އެއީ އަބަދުވެސް ވަރަށް ވަރުގަދަ ޓީމެއް އެވެ. ހިތަށް އަރަނީ މިދިޔަ 40 އަހަރު ތެރޭގައި މި ޓީމު ކޮލިފައި ނުވެ އޮތީ ކީއްވެބާއޭ؟"، އޭނާ ބުންޏެވެ.

ބޮލީވިއާއާ ދެކޮޅަށް އިރާގް ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު މެކްސިކޯގަ އެވެ.