އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ފަހު މެޗުގައި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ޓިމޯ ލެސްޓޭ އަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު ޒޭ ޕެޑްރޯ ބުނެފި އެވެ.

މާލޭގެ ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ވިޔަސް ގްރޫޕްގެ ތިންވަނަ ޓިމޯ ލެސްޓޭ އަށް ލިބޭނެ އެވެ. އެކަމަކު ރާއްޖެ 2-0 އިން މެޗު ކާމިޔާބު ކޮށްފިނަމަ ތިންވަނަ ލިބޭނީ ރާއްޖެ އަށެވެ.

ހަތަރު ޓީމު ހިމެނޭ ގުރޫޕްގައި ޕޮއިންޓެއް ވެސް ނުލިބި އޮތީ ރާއްޖެއަށް އެކަންޏެވެ.

ގަލޮޅު ދަނޑުގެ ކެރޮމް ހޯލްގައި މިއަދު ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ބުނި ގޮތުގައި އޭނާގެ ޓީމުގެ މަގާމު އަތުލަން ރާއްޖޭން ކުރެވެން އޮތް ކަމެއް ކުރާނެ އެވެ. އެހެންވެ މެޗު އުނދަގޫވާނެ ކަމަށް ޕޯޗުގީޒް ބަހުން ވާހަކަ ދައްކަމުން ޕެޑްރޯ ބުންޏެވެ.

"ދެ ޓީމުގެ މަގާމު އަހަންނަށް އެނގޭ. މެޗު ވަރަށް އުނދަގޫވާނެކަން އެނގޭ. އަހަރެމެން އެއްވަރުކޮށްލިޔަސް ފުދޭނެ. އެކަމަކު އަހަންނަށް އެނގޭ އަހަރެމެން އަތުން ތިންވަނަ ގެއްލުވާލަން ރާއްޖޭން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަން،" އިނގިރޭސި ބަހުގެ ތަރުޖަމާނު މެދުވެރިކޮށް ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕެޑްރޯ ބުންޏެވެ.

އިރުމަތީ އޭޝިއާ ސަރަހައްދުގެ ކުޑަ ގައުމު، ޓިމޯ ލެސްޓޭގައި ފީފާގެ މިންގަނޑަށް ފެތޭ ދަނޑެއް ވެސް ނެތެވެ. އެހެންވެ އެ ގައުމުގެ ހޯމް މެޗުތައް ކުޅެނީ އެހެން ގައުމުތަކުގަ އެވެ.

ނަމަވެސް ޓިމޯ ލެސްޓޭ ފުޓްބޯޅަ އިދާރާގެ މިހާރުގެ ރައީސާ އެކު އެ ގައުމުގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ވާނެ ކަމުގެ އުއްމީދު ޕެޑްރޯ އަށް އެބައޮތެވެ.

މެޗަށް ތައްޔާރު ވާން ލިބުނު ވަގުތު ކުޑަ ނަމަވެސް، ރާއްޖޭގެ ކުޅުން ދިރާސާކޮށް އޭނާގެ "ސްޓައިލަށް" ޓީމު ބައްޓަންކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށް ޕެޑްރޯ ބުންޏެވެ.

"އަހަރެން ބޭނުންވޭ ރަނގަޅު ގޭމެއް ކުޅެން. ހަމަ އެޔާއެކު ނަތީޖާވެސް ނެރެން އަހަންނަށް މުހިންމު،" ކޯޗު ޕެޑްރޯ ބުންޏެވެ.

ގަލޮޅު ދަނޑުގައި މާދަމާ ކުޅޭ މެޗު ފަށާނީ ހަވީރު 3:45 ގަ އެވެ.

މެޗަކީ ރާއްޖޭގެ ކޯޗު އިސްތުވާން އުރްބާނީ ތިންވަނަ ފަހަރަށް ރާއްޖެ އައިސް ސީނިއާ ޓީމު ގޮވައިގެން ނުކުންނަ ފުރަތަމަ މެޗެވެ.