މަޔޯކާ (މާޗު 5) - ރެލިގޭޝަންގެ ބިރު ހީވެފައިވާ މަޔޯކާ އަތުން 2-1 އިން ބަލިވެ، ރެއާލް މެޑްރިޑާއި އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާ ވެއްޖެ އެވެ.
މަޔޯކާ ވަނީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް މަނޫ މޯލޭންސްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. މެޗުގެ 88 ވަނަ މިނިޓުގައި އެޑާ މިލިޓާއޯ ލަނޑެއް ޖަހައި ރެއާލަށް ނަތީޖާ އެއްވަރު ކުރި ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި މަޔޯކާ ވަނީ ވަޑޭ މުރިގީގެ ގޯލަކުން އަލުން ލީޑު ހޯދައިފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް ތާވަލްގެ ދެވަނައިގައި އޮތީ 30 މެޗުން ލިބުނު 69 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ 76 ޕޮއިންޓް ހޯދައިގެންނެވެ.
ބާސެލޯބާ ވަނީ ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ފަހަތުން އަރައި އެ ޓީމު 2-1 އިން ބަލި ކޮށްފަ އެވެ.
މެޗުގެ 39 ވަނަ މިނިޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ގުއިލިއާނޯ ސިމިއޯނީ އެވެ. ނަމަވެސް އޭގެ ތިން މިނިޓު ތެރޭ ބާސާ އަށް ނަތީޖާ އެއްވަރު ކޮށްދިނީ މާކަސް ރަޝްފޯޑެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެތުލެޓިކޯގެ ނިކޮލަސް ގޮންޒާލެޒް އަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން އެ ޓީމު ދެ ވަނަ ހާފު ފުރިހަމަ ކުރީ އެކަކު މަދުކޮށެވެ. ބާސާ މޮޅުވި ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.