ކ. މާފުށީގައި ބޭއްވި އޯޕަން ވޯޓާ ފްރެންޗައިޒް "އޯޝަން މޭން މޯލްޑިވްސް"  ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އައިމަން ރަޝީދު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

އުމުރުން އެންމެ 15 އަހަރުގެ އައިމަން ވަނީ 5 ކިލޯމީޓަރުގެ "ހާފް އޯޝަން މޭން" ކެޓަގަރީން އެއްވަނަ ހޯދައި ރަން މެޑަލް ކާމިޔާބުކޮށްފައެވެ.

އައިމަން މި ރޭސް ނިންމާފައިވަނީ 01:19:11 (1 ގަޑި 19 މިނެޓް 11 ސިކުންތު)އިންނެވެ. މި ކެޓަގަރީގެ ފިރިހެން ގްރޫޕުން ދެވަނަ ހޯދީ ބްރެޒިލްގެ ވިނީޝިއަސް ޑިއަސް (01:19:52) އެވެ. އަދި ތިންވަނަ ހޯދީ ސާޖިއޯ (01:20:04) އެވެ.

އަންހެނުންގެ 5 ކިލޯމީޓަރު (ހާފް އޯޝަން މޭން) ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ސާރާ އިވާންސް އެވެ. އޭނާ ރޭސް ނިންމާފައިވަނީ 01:29:02 އިންނެވެ. މި ކެޓަގަރީން ދެވަނަ ހާސިލްކޮށްފައިވަނީ 01:37:46 އިން ރޭސް ނިންމި ޔޫކްރެއިންގެ ދާރިއާ ރަކޯވާ އެވެ. އަދި ތިންވަނަ މަގާމު ހޯދާފައިވަނީ 01:39:24 އިން ރޭސް ފުރިހަމަކުރި ޔޫއޭއީގެ އެލިސަން ގްރިނެލް އެވެ.

10 ކިލޯމީޓަރު (އޯޝަން މޭން) ކެޓަގަރީ

މުބާރާތުގެ އެންމެ ދިގު އިވެންޓް ކަމަށްވާ 10 ކިލޯމީޓަރުގެ ރޭހުން ދުނިޔޭގެ ފެންވަރުގެ ފެތުންތެރިން ވަނީ ވާދަކޮށްފައެވެ.

10 ކިލޯމީޓަރުގެ ފިރިހެން ކެޓަގަރީގެ  ރޭހުން އެއްވަނަ ހޯދާފައިވަނީ އިޓަލީގެ ކްރިސްޓިއަން ސިސިއޯލީ އެވެ. އޭނާ ރޭސް ނިންމީ 02:30:22 އިންނެވެ. ދެވަނަ މަގާމު ސިންގަޕޫރުގެ ޖޮނަތަން މާމް (02:44:10) ހާސިލްކުރިއިރު، ތިންވަނަ ހޯދީ 02:44:11 އިން ރޭސް ފުރިހަމަކުރި މެލޭޝިއާގެ އިމްރާން ލުޤުމާން އެވެ.

ފިރިހެން ކެޓަގަރީ:

  1. ކްރިސްޓިއަން ސިސިއޯލީ (އިޓަލީ) - 02:30:22
  2. ޖޮނަތަން މާމް (ސިންގަޕޫރު) - 02:44:10
  3. އިމްރާން ލުޤުމާން (މެލޭޝިއާ) - 02:44:11

އަންހެނުންގެ 10 ކިލޯމީޓަރުގެ ރޭހުން އެއްވަނަ ހޯދީ 02:30:22 އިން ރޭސް ނިންމި ވިއެޓްނާމްގެ ތީ އަން ވިއެން އެންގުޔެން އެވެ. ދެވަނަ އިޓަލީގެ ޖޫލިއާ ފިލޮކާ (02:49:39) ހޯދިއިރު، ތިންވަނަ ހާސިލްކުރީ އެމެރިކާގެ އެލީ އޯބްރަޔަން (03:16:54) އެވެ.

އަންހެން ކެޓަގަރީ:

  1. ތީ އަން ވިއެން އެންގުޔެން (ވިއެޓްނާމް) - 02:30:22
  2. ޖޫލިއާ ފިލޮކާ (އިޓަލީ) - 02:49:39

3. އެލީ އޯބްރަޔަން (އެމެރިކާ) - 03:16:54

އޯޝަން މޭން ވާދަވެރި ކެޓަގަރީތަކުން އެއްވަނަ ހޯދި ހުރިހާ އތުލީޓުން ވެސް ވަނީ މި އަހަރު ފަހުކޮޅު ބާއްވާ އޯޝަން މޭން ވޯލްޑް އިވެންޓަށް ކޮލިފައި ވެފަ އެވެ. އައިމަން އައކީ ވޯލްޑް އިވެންޓަށް ކޮލިފައިވި ރާއްޖޭގެ ދެވަނަ އެތުލީޓެވެ. 

ދިވެހި ބައްޕައަކާއި ޖަޕާނުގެ މަންމައަކަށް ލިބުނު، އައިމަން އަކީ ރާއްޖޭގެ ޑޮމެސްޓިކް އެކި މުބާރާތްތަކުގައި ވެސް ވާދަކުރާ ފެތުންތެރިޔެކެވެ. މިއީ ބައިނަލްއަގްވާމީ ފެންވަރުގެ ރޭހަކުން އޭނާ މިހާތަނަށް ހޯދި އެންމެ ބޮޑު ކުރިއެރުމެވެ. 

އިއްޔެ ބޭއްވި ސްޕްރިންޓް ނުވަތަ ދެ ކިލޯމީޓަރުގެ ރޭހުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދައި ރާއްޖޭގެ ޒިޔާން ޒިޔާދު ވެސް ވަނީ އޯޝަން މޭން ވޯލްޑަށް ކޮލިފައި ވެފަ އެވެ.