މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު. ކ. މާފުށީގައި ކުރިއަށްގެންދިޔަ އޯޝަން މޭން މޯލްޑިވްސްގެ 10 ކިލޯޓަރުގެ ރޭހުގައި ވާދަކުރި 44 ބައިވެރިންނަށް ވެސް އެ ރޭހުގެ އުނދަގުލާއި ޗެލެންޖް ބޮޑުވި އެވެ.

ރާއްޖޭގެ އަމިއްލަ ކްލަބެއްކަމަށްވާ "ސްވިމް މޯލްޑިވްސް" ގެ މީގެ ކުރިން އޯޝަން މޭންގެ އެކި އިވެންޓްތަކުގައި ވާދަކުރި ބޭރުގެ ފެތުންތެރިންނަށް ވެސް އެ އިވެންޓްވީ ގޮންޖެހުން ބޮޑު ރޭހަކަށެވެ. 

ކަނޑުގެ ބޮޑު ސަރަހައްދެއްގައި ފަތަން ޖެހުނު އެ ރޭހުގައި ވާދަކުރި ގިނަ އެތުލީޓުންނަށް، ރޭސް ފުރިހަމަކޮށް ނިންމައެއް ނުލެވުނެވެ. ކަނޑައެޅިފައި ވަގުތުގެ ތެރޭގައި ރޭސް ނިންމި 15 ބައިވެރިންގެ ތެރެއިން އަކަކީ ރާއްޖޭގެ 16 އަހަރުގެ އެތުލީޓް އަހްމަދު މަންހަލް އާޒިމެވެ. އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ދިވެއްސަކީ ވެސް މަންހަލެވެ. 

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގައި ފެތުމުގެ ތަމްރީނުތައް ގަވާއިދުން ކުރިއަށްގެންދާ މަންހަލް ބުނިގޮތުގައި މިހާ އުނދަގޫ އަދި މިހާ ދިގު ފެތުމުގެ ރޭހެއްގައި އޭނާ ވެސް ވާދައެއް ނުކުރެ އެވެ. 

އަހްމަދު މަންހަލް އާޒިމް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަހްމަދު މަންހަލް އާޒިމް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މިއީ އަޅުގަނޑު ވެސް މިހާތަނަށް ފެތި އެންމެ ދިގު ރޭސް،" ރާއްޖޭގެ ޑޮމެސްޓިކް މުބާރާތްތަކުގައި ވެސް ވާދަކުރާ މަންހަލް ބުންޏެވެ. 

"ވަރަށް ޗެލެންޖިން އިވެންޓަކަށްވީ. ރޭހުގެ ފުރަތަމަ ފައިވް ކޭ ތަންކޮޅެއް ފަސޭހަކޮށް ދިޔައީ. އެކަމަކު ދެވަނަ ފައިވް ކޭ ވަރަށް ޗެލެންޖިން." 

މަންހަލް ބުނިގޮތުގައި އޭނާ މަސައްކަތް ކުރީ ހަތަރު ގަޑިއިރުވުމުގެ ކުރިން މުޅި ރޭސް ނިންމުމަށެވެ. އެކަަމަކު އޭނާ އަށް ރޭސް ނިންމުނީ 4 ގަޑިއިރާއި 15 މިނެޓް އަދި 30 ސިކުންތުންނެވެ. 

"ޖެލީ ފިޝް އާއި ނިޑޭރިއަން ހުރީމަ އެ އެއްޗިހިން ނެއްޓެމުން ފަތަމުން ދިޔައީމަ ބޭނުންވި ސްޕީޑްގައި ނުދެވުނު. އަދި ދެވަނަ ފައިވްކޭ ޖެހިއިރު އޮއިވެސް ގދަ. (އެހެންވެ) ޓާގެޓް ކުރި ޓައިމްގައި އެޗީވް ނުވީ،" ރާއްޖޭގެ ގައުމީ ދިގުފެތުމުގެ މުބާރާތުގައި ފަސްކިލޯމީޓަރުގެ ރޭހުގައި ވެސް ވާދަކުރާ މަންހަލް ބުންޏެވެ. 

މަންހަލް، 10 ކިލޯމީޓަރުގެ ރޭސް ނިންމުމަށް ފަހު ފޮޓޯއަކަށް ހުއްޓިލަިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަންހަލް، 10 ކިލޯމީޓަރުގެ ރޭސް ނިންމުމަށް ފަހު ފޮޓޯއަކަށް ހުއްޓިލަިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޯޝަން މޭން އަށް ތައްޔާރުވުމުގެ ގޮތުން މަންހަލް، ވަނީ އެމްއެލްއޭގެ ކޯޗުންނާއި އެހެން އެތުލީޓުންނާ އެކު ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ. 

"އޯޝަން މޭން އަށް ފޯކަސްކޮށްފަ ހުޅުމާލޭ ޗެނަލް [ފހުޅުމާލޭ ފޭސް 1 އަދި 2 ގެ ދެމެދު،" ކުރިއަށް ގެންދިޔައިން،" މަންހަލް ބުންޏެވެ.

މަންހަލް ހިއްސާވެ، އޯޝަން މޭންގެ ޓީމު އިވެންޓްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އޭނާ ވާދަކުރި "ދަ ޓީމު" އަށް ހޯދައިދިނެވެ. އެ ޓީމުގައި ދެން ހިމެނެނީ އޭނާގެ ކޮއްކޮ މުލްހަމް އާޒިމާއި ޖޫދު އެވެ. 

ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ، ފްރެންޒައިޒް "އޯޝަން މޭން ގްލޯބަލް"ގެ އިވެންޓެއް ރާއްޖޭގައި މި ބޭއްވީ ފުރަތަމަ ފަހަރަށެވެ. އޯޝަން މޭން މޯލްޑިވްސްގައި 40 ގައުމަކުން 530 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރި އެ މުބާރާތަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އެތުލީޓުން ވާދަކުރި އިންޓަނޭޝަނަލް މުބާރާތެވެ.