މީގެ ނުވަ މަސް ކުރި އެވެ. އޯޕަން ވޯޓާ ސްވިމިން ފްރެންޗައިޒް ބްރޭންޑް، "އޯޝަންމޭން ގްލޯބަލް"ގެ ރީޖަނަލް ޑައިރެކްޓަރު ސްޕެއިންގެ ހޯޒޭ ލުއިސް ލަރޯސާ އަށް ލިބުނު ފޯނުކޯލަކީ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަން ދުނިޔޭގެ އެންމެ މަގުބޫލް ފްރެންޗައިޒް ފެތުމުގެ މުބާރާތާ ގުޅުވާލަދިން މުހިންމު ކޯލެކެވެ.
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށް "ސްވިމް މޯލްޑިވްސް" އިން، އެ ކްލަބްގެ ޑައިރެކްޓަރު ހުސައިން ޝަމީމް، ހޯޒޭ އަށް ކުރި އެ ފޯނުކޯލާ އެކު، އޯޝަން މޭންގެ އިވެންޓެއް މިހާތަނަށް ބާއްވާ އެންމެ ހިތްގައިމު މަންޒިލު، ރާއްޖެ އަށް ފުރުސަތު ފަހިވި އެވެ.
ރާއްޖޭގެ ގެސްޓް ހައުސް ރަށުގެ ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރު ކ. މާފުށީގައި އިއްޔެ ހެނދުނުން ފެށިގެން މި ފެންނަނީ ޝަމީމްގެ އެ މުހިންމު ފޯނު ކޯލްގެ ނަތީޖާ އެވެ. މި އޯޝަންމޭންގެ ބޮޑު އާއިލާ ރާއްޖޭގެ ކަނޑުގައި ފެތުމުގެ ފުރުސަތު ފަހިވީ އެވެ.
ޝަމީމް އާއި ސްވިމް މޯލްޑިވްސްގެ އެކި އޮފިޝަލުން ވަނީ އެތުލީޓުންގެ ގޮތުގައި އަދި އޮފިޝަލުންގެ ގޮތުގައި އޯޝަންމޭންގެ އެކި އިވެންޓްތަކުގައި ކުރިން ބައިވެރިވެފަ އެވެ.
"އަހަރެން ހަނދާންވާ ގޮތުގައި އެއީ މީގެ ނުވަ މަސް ކުރިން މިކޮޅުން، [ރާއްޖޭން] ޝަމީމް އަހަންނަށް ގުޅާފައި ބުނީ އޯޝަންމޭން ރާއްޖެ އަށް ގެންނަން ބޭނުންވާ ކަމަށް. އެކަމާ މެދު އަހަރެން ދެކެނީ ކިހިނެއްތޯ އޭނާ އެހި. އަހަރެން ހިތަށް އެރި، އޯކޭ، ވަރަށް ފުރިހަމަ ވާނެޔޭ،" މުބާރާތް ބާއްވާ، ކ. މާފުށީގައި ހުރެ ހޯޒޭ ބުންޏެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންނާ އެކު، އޯޝަން މޭން ފްރެންޗައިޒް އިވެންޓުތައް ބޭއްވި، އެކި ގައުމުތަކަށް ހޯޒޭ ދަތުރު ކުރި އެވެ. އޭނާ ބުނ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އޯޝަން މޭންގެ އިވެންޓްތަކަށް ފަހު، ކުރިއަށް ގެންދާ ސާވޭތަކުގައި އެންމެ ގިނަ ބަޔަކު އެދެމުން އައީ އޯޝަން މޭންގެ އިވެންޓް ރާއްޖޭގައި ބާއްވައި ދިނުމަށެވެ.
"ކޮންމެ ރޭހަކަށް ފަހު އަހަރެމެން ސާވޭތަކެއް ކުރިއަށް ގެންދަން. އަދި ތި ހުރިހާ ބައިވެރިން ވެސް އަބަދުވެސް އެދެމުން ދިޔައީ މި އިވެންޓް ބާއްވާ މަންޒިލަކަށް ރާއްޖެ ހެދުމަށް،" ހޯޒޭ ބުންޏެވެ.
"އެހެންވެ ރާއްޖެ އަށް އޯޝަންމޭން ގެންނަން ބޭނުންވާ ކަމަށް ބުނެ ޝަމީމްގެ ފަރާތުން ލިބުނު ޚަބަރަކީ އުފާވެރިކަމުގެ ވާރެއެއް އޮހިގެން ދިޔުން ކަހަލަ ކަމެއް. މިއަދު އަހަރެމެން މި ތިބީ މި ތަނުގައި. އެހެންކަމުން މިކަން ހަގީގަތަކަށް ހަދައިދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން."
އޭނާ ބުނި ގޮތުގައި ރާއްޖެ ވަރުގެ ހިތްގައިމު މަންޒިލެއް މީގެ ކުރިން އޯޝަން މޭންގެ އެއްވެސް އެޑިޝަނެއްގައި ފެނިފައެއް ނުވެ އެވެ.
"މިއީ އޯޝަންމޭން ބޭއްވޭނެ އެންމެ ރީތި އެއް މަންޒިލް،" ރާއްޖޭގެ މާހައުލަށް ތައުރީފު ކުރަމުން ހޯޒޭ ބުންޏެވެ.
މި މުބާރާތުގެ ތެރެއިން އޯޝަންމޭންގެ ބައިނަލްއަގުވާމީ އާއިލާ އާއި ދިވެހި ފެތުންތެރިން ގުޅޭނެ ކަމަށް ހޯޒޭ ބުންޏެވެ.
ޖުމުލަ 40 ގައުމަކުން 532 ފެތުންތެރިން ވާދަކުރާ އޯޝަން މޭން މޯލްޑިވްސްއަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތަކުގެ ތެރެއިން އެންމެ ގިނަ އެތުލީޓުން ވާދަ ކުރި އިވެންޓެވެ.
އެކަން ފާހަގަކޮށް "ވިޒިޓް މޯލްޑިވްސް" އިން ހާއްސަ މެޑަލްއެއް ވެސް އޯޝަން މޭން މޯލްޑިވްސް އަށް ދީފަ އެވެ.
މީގެ ފަހުން ކޮންމެ އަހަރަކު ވެސް އޯޝަން މޭންގެ ރާއްޖޭގެ އިވެންޓް އޮންނާނެ އެވެ.
އެކަމަކު ރާއްޖޭގައި މުޅިން އަލަށް ބާއްވާ އޯޝަން މޭން މޯލްޑިވްސްގެ އިވެންޓަށް ބޭރުން އައިސް ތިބި ބައެއް އެތުލީޓުންގެ ސުވާލަކީ، އޯޝަން މޭން ފަދަ އިވެންޓެއް ރާއްޖެ އަށް އަންނަން މިހާ ދިގު މުއްދަތެއް ނެގީ ކީއްވެ ހެއްޔެވެ؟
"ވަށައިގެން ކަނޑު އޮންނަ އިރު އޯޝަން މޭންގެ އިވެންޓެއް ރާއްޖެއާ ހަމައަށް ނައިސް މިހާ ގިނަ އަހަރުތަކެއް ހޭދަވީ ކީއްވެބާއޭ އަހަރެން ހިތައް އަރާ،" އޯޝަން މޭންގެ ހަރަކާތުގެ ތެރެއިން ބައްދަލުވި އިކްއެޑޯގެ އެތުލީޓަކު ބުންޏެވެ.
އެހެން އެތުލީޓަކު ވެސް ބުނީ ފެތުމުގެ ކުޅިވަރުގައި ރާއްޖެ އަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.
"މިތާނގެ [ރާއްޖޭގެ] 99 ޕަސަންޓަކީ ކަނޑު. ދެން ކީއްވެ ފެތުމުގެ ކުޅިވަރުގައި ދިވެހިން ކާމިޔާބު ހޯދަން މަސައްކަތް ނުކުރަންވީ؟" ވިއެނާގެ އަންހެން އެތުލީޓަކު ބުންޏެވެ.
އޯޝަން މޭން މޯލްޑިވްސްގެ ފުރަތަމަ އެޑިޝަނާ އެކު މި ފެށުނީ ރާއްޖެ އަށް އުއްމީދެއް ކަމަށް ހޯޒޭ ވެސް ގަބޫލު ކުރެ އެވެ.
ޝަމީމް، އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އޯޝަން މޭން އަކީ އޭގެ ފެށުން ކަމަށެވެ. ފެތުމުގެ ކުޅިވަރުން އޮލިމްޕިކްސް މެޑައްޔަކަށް ދިވެހިން އުއްމީދު ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
އޯޝަން މޭންގެ އިވެންޓު ރާއްޖޭގައި ބާއްވަން ފެށުމަކީ އޭގެ ފުރަތަމަ މަރުހަލާ ކަމަށް ވުން ވަރަށް ކައިރި އެވެ. މަންޒަރު ފެންނަނީ އެފަދަ ގޮތަކަށެވެ.