ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި ބާއްވާ "އޯޝަން މޭން މޯލްޑިވްސް" ގައި ވާދަކުރަން އިންޑޮނޭޝިއާގެ އެތުލީޓުން ވަރުގަދަ ރޫހެއްގައި ތިބިކަން ހާމަކޮށްފި އެވެ.
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކުރާ ބައިނަލްއަގުވާމީ ފެތުމުގެ ބޮޑު މުބާރާތް "އޯޝަންމޭން މޯލްޑިވްސް" 40 ގައުމުން އެތުލީޓުން ވާދަކުރެ އެ ވެ.
މާދަމާ އާއި ހޮނިހިރު ދުވަހު ކ. މާފުށީގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާ އިންޑޮނޭޝިއާގެ ފެތުންތެރިން ވަނީ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި އެ ފެތުންތެރިންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.
"އަހަރެމެން މިތިބީ ރާއްޖޭގެ ރީތި ކަނޑުތަކުގައި ފަތާލަން ވަރަށް ކެތްމަދުވެފައި. އޯޝަންމޭން މޯލްޑިވްސް އަކީ އަހަރެމެންނަށް ލިބޭ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ. ރާއްޖޭގައި މި އިވެންޓް ފުރިހަމަކޮށްލަން މުޅި ޓީމު އޮތީ ވަރަށް ވަރުގަދަ ރޫހެއްގައި،" އިންޑޮނޭޝިއާގެ ފެތުންތެރިންގެ ތެރޭގައި ހިމެނޭ އެތުލީޓަކު ބުންޏެވެ.
ސްވިމް މޯްލޑިވްސްއިން މި މުބާރާތުގައި ޖުމްލަ 532 ފެތުންތެރިން ބައިވެރިވާނެ ކަމަށެވެ. މުބާރާތުގެ ބައިވެރިންގެ 72.37 ޕަސަންޓާކީ ބޭރުގެ ފެތުންތެރިންނެވެ. އެއީ 385 ބައިވެރިންނެވެ. ބާކީ 147 ފެތުންތެރިންނަކީ ދިވެހިންނެވެ.
ރާއްޖެ ފިޔަވައި އެންމެ ގިނަ ފެތުންތެރިން ބައިވެރިވަނީ އިންޑިއާއިންނެވެ. އެއީ 54 ފެތުންތެރިންނެވެ.
އޯޝަން މޭން މޯލްޑިވްސްގައި ހިމެނޭ 10 ކިލޯމީޓަރުގެ ރޭހަކީ ރާއްޖޭގައި ބާއްވާ ވާދަވެރި މުބާރާތެއްގައި މިހާތަނަށް ހިމަނާ އެންމެ ދިގު ފެތުމުގެ ރޭހެވެ. ޖުމުލަ 46 ފެތުންތެރިން އެ ރޭހުގައި ބައިވެރިވާނެ އެވެ.
ފަސް ކިލޯމީޓަރުގައި 143 ފެތުންތެރިން އަދި ދެ ކިލޯމީޓަރުގައި 181 ފެތުންތެރިން ވާދަކުރާނެ އެވެ. އަދި ދެ ކިލޯމީޓަރުގެ ފިންސް ކެޓަގަރީގައި 20 ފެތުންތެރިން ވާދަ ކުރާނެ ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
ކުޑަކުދިންނަށް ޚާއްސަ "އޯޝަން ކިޑްސް" ގައި 73 ފެތުންތެރިން، އަދި ޓީމު އިވެންޓްތަކުގައި 23 ޓީމަކުން 69 ފެތުންތެރިން ބައިވެރިވެ އެވެ.
ސްވިމް މޯލްޑިވްސްއިން ބުނި ގޮތުގައި މިއީ ރާއްޖޭގެ ކުޅިވަރު ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މި މުބާރާތާ ގުޅިގެން އެތުލީޓުންނާއި އެމީހުންގެ އާއިލާތަކާއެކު 1,300 އަށް ވުރެ ގިނަ މީހުން މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
އެތުލީޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން ގާތް މީހުންނާ އެކު 1,300 އަށް ވުރެ ގިނަ މީހުން އެ ދެ ދުވަހަށް މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މި ހަރަކާތުގެގެ ސްޕޮންސަރުންނަކީ އެމްއައިބީ އާއި ސޮލިޑް ޕްރޯ ސޮލިއުޝަންސް އެވެ. ހައިޑްރޭޝަން ޕާޓްނަރަކީ ބޮންއަކުއާ އެވެ. ރިސްކް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސެވެ. އޮފިޝަލް ހޮޓެލް ޕާޓްނަރުންނަކީ އެރީނާ ހޮޓެލް އަދި ކާނި ހޮޓެލް އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކީ އައިކޮމް ޓުއާސް މާފުށި އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. މީޑިއާ ޕާޓްނަރަކީ މިހާރު އެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މި މުބާރާތް އެންޑޯޒް ކޮށްފަ އެވެ.