އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކަކާ އެކު 7-0 އިން ބްލޫ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރެކޯޑް 12 ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ނިއު އެންމެ ފަހުން އެފްއޭ ކަޕްގައި ކުޅުނީ 2017 ވަނަ އަހަރެވެ. އެ އަހަރު ނިއު ނިންމާލީ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. އެގޮތުން ސެންޓޭގެ ޕާހެއް ކޮންޓްރޯލް ކޮށްލާފައި ތިންވަނަ މިނިޓުގައި ގޯލަށް ފޮނުވާލައިގެން ލީޑު ނެގި ގޯލު ޖަހައިދިނީ ޔާޔާ ބިލިޓީ އެވެ.
އޭގެ ފަހުން ގިލާމޭ ޑި ސިލްވާގެ ހަމަލާއެއް ގޯލު މަތިން ބޭރަށް ދިޔައިރު، ސެންޓޭގެ ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒު ވެފަ އެވެ. ނިއު އިން ލީޑު ފުޅާ ކުރީ ބްލޫގެ ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުނަ ކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. މެޗުގެ 18 ވަނަ މިނިޓުގައި މި ޕެނަކްޓީ ކާމިޔާބު ކުރީ ސެންޓޭ އެވެ. ނިއުގެ ތިންވަނަ ލަނޑު 21 ވަނަ މިނިޓުގައި ޖެހީ އަލްހާޖީ ގެރޯ އެވެ. ޑި ސިލްވާ ހިލޭޖެހުމަކުން ނަގައިދިން ބޯޅަ އޭނާ ގޯލަށް ފޮނުވާލީ ބޮލުންނެވެ.
މި ހާފުގެ 41 ވަނަ މިނިޓުގައި ޑި ސިލްވާ ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ނިއުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އަދި ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ހަންނަ ދިން ޕާހަކުން ފަސްވަނަ ލަނޑު ޖަހައިދިނީ ގެރޯ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުތެރޭ ޑި ސިލްވާ ހުރަސްކޮށްލި ބޯޅައަކުން ސެންޓޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ ހެޓްރިކް ފުރިހަމަ ކުރީ 82 ވަނަ މިނިޓުގައި ހަސަން އަޒޫމު އަލީ ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ސެންޓޭ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް ހެޓްރިކް ހަދައިފަ އެވެ. މިއީ އޭނާ މި ސީޒަންގައި ނިއު އަށް ޖަހައިދިން 18 ވަނަ ލަނޑެވެ.
ސެމީ އިން ބަލިވާ ދެ ޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ.
މި ނަތީޖާއާ އެކު ނިއު އިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައި ވާއިރު، ފައިނަލްގެ ފަހު ޖާގަ ލިބޭނީ މިރޭ 9 ޖަހާއިރު ޓީސީ ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކަށެވެ.