ސްޓުޓްގާޓް އަތުން އަމިއްލަ ދަނޑުގައި 4-2 އިން މޮޅުވެ ބެޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން 35 ވަނަ ފަހަރަށް ހޯދައިފި އެވެ.

ބާކީ ހަތަރު މެޗު އޮއްވާ ބެޔާނުން ލީގު ކާމިޔާބުކުރީ 79 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި 64 ޕޮއިންޓާ އެކު އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ބާކީ އޮތް ހަތަރު މެޗުން މޮޅުވެގެން ބެޔާންއާ އެއްވަރުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.

މިއީ މިދިޔަ 14 އަހަރު ތެރޭ ބެޔާނުން ލީގު ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. އެ ޓީމާ ގާތްކުރެވޭނެ އެހެން އެއްވެސް ޓީމެއް ޖަރުމަނުގައި ނެތެވެ.

މިއީ މިދިޔަ ސީޒަނުގައި ބެޔާންގެ ކޯޗުކަމާ ހަވާލުވި ބެލްޖިއަމްގެ ވިންސެންޓް ކޮމްޕެނީ އެ ޓީމަށް ހޯދައިދިން ދެ ވަނަ ލީގު ޗެމްޕިއަންކަމެވެ. ކޯޗިންގައި ތަޖުރިބާ މަދު އަދި ޕްރިމިއާ ލީގުގައި ބާންލީއާ އެކު ރެލިގޭޓްވި ކޯޗަށް ބެޔާނުގައި ކާމިޔާބު ހޯދަން އުނދަގޫވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރިޔަސް ނަތީޖާ ނުކުރީ އެއާ ހިލާފަށެވެ. ކޮމްޕެނީގެ ޓާގެޓަކީ މި ސީޒަނުގައި ތިން ތަށި ކާމިޔާބުކުރުމެވެ. އެ ޓީމު އޮތީ ޗެމްޕިއަންސް ލީގާއި، ޖަރުމަން ކަޕުގެ ސެމީ ފައިނަލުގަ އެވެ.

ޖަރުމަން ކަޕުގެ ސެމީގައި ބުދަ ދުވަހުގެރޭ ބެޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެން އޮތުމުން ރޭގެ މެޗުގައި ކޮމްޕެނީ ފުރަތަމަ އެގާރައިން މުހިއްމު ކުޅުންތެރިންނަށް ފުރުސަތު ނުދެ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު މެނުއަލް ނޯޔާ، މިކޭލް އޮލިސޭ، އަލެކްސަންޑާ ޕަވްލޮވިޗް، ޑަޔޯ އުޕަމެކާނޯ، އާދި ޖޮނަތަން ޓާ ހިމެނެ އެވެ.

މެޗުގެ ކުރީކޮޅު ސްޓުޓްގާޓުން ކުރި ހޯދި ނަމަވެސް ބެޔާނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރެއިރޯ، ނިކޮލަސް ޖެކްސަން އަދި، އަލްފޮންސޯ ޑޭވިސް އެވެ. ހަތަރު ވަނަ ގޯލް ޖެހީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ.