އަސުންސިއޮން (އޭޕްރީލް 21) - ޕެރަގުއޭ އެއްވަނަ ޑިވިޝަން ފުޓްބޯޅަ ލީގުގެ އެންމެ ކުރީގައި އުޅޭ ދެ ޓީމު ބައްދަލުކުރި މެޗުގައި ސަޕޯޓަރުންނާއި ފުލުހުންގެ މެދުގައި ހަމަނުޖެހުން ހިނގައި މެޗު މެދުކަނޑާލަން ޖެހިއްޖެ އެވެ.

އެއްވަނައިގައި އޮތް އޮލިމްޕިއާ އާއި ދެވަނައިގައި އޮތް ކޭރޯ ޕޯޓެނިއޯ އާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އުޅެނިކޮށް ހުއްޓާލަން ޖެހުނީ 29 ވަނަ މިނިޓުގަ އެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ހަމަނުޖެހުން ހިނގަން މެދުވެރިވީ އޮލިމްޕިއާގެ ދަނޑަށް، އިދިކޮޅު ޓީމުގެ ސަޕޯޓަރުން ވަގަށް ބަޑިބޭސް ވެއްދުމާ ގުޅިގެންނެވެ. އަދި ބައެއް ސަޕޯޓަރުން، ފުލުހުން ގެންގުޅުނު ރައޮޓް ޝީލްޑުތައް ވެސް ފޭރިގަނެގެން ގެންގުޅުނު ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

ހަމަނުޖެހުންތަކުގައި ސަޕޯޓަރަކަށް އަނިޔާއެއް ވި ކަން ހާމަކޮށްފައެއް ނުވޭ.-- ފޮޓޯ: އޭއެފްޕީ
ހަމަނުޖެހުންތަކުގައި ސަޕޯޓަރަކަށް އަނިޔާއެއް ވި ކަން ހާމަކޮށްފައެއް ނުވޭ.-- ފޮޓޯ: އޭއެފްޕީ

އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ރަބަރު އުންޑަ ޖަހައި ކަރުނަ ގޭސް ވެސް ބޭނުން ކޮށްފަ އެވެ. ގާތްގަނޑަކަށް 40،000 ސަޕޯޓަރުން މި މެޗު ބަލަން ދަނޑަށް ވަދެފައި ވާއިރު، 100 އެއްހާ ސަޕޯޓަރުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ހަމަ އެއާ އެކު، ގިނަ ސަޕޯޓަރުންތަކެއް ސަލާމަތްތެރިކަން ހޯދަން ދަނޑަށް ވެސް އެރި އެވެ. އެކަމަކު، އެއްވެސް ސަޕޯޓަރަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް ނެތެވެ.

"ދަނޑަށް ވަދެ ތިބި ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައިފަ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ހަމަނުޖެހުންތަކުގައި ހަ އޮފިސަރަކަށް އަނިޔާވެފައި ވާއިރު އެކަކުގެ ހާލު ސީރިއަސް.-- ފޮޓޯ: އޭއެފްޕީ
ހަމަނުޖެހުންތަކުގައި ހަ އޮފިސަރަކަށް އަނިޔާވެފައި ވާއިރު އެކަކުގެ ހާލު ސީރިއަސް.-- ފޮޓޯ: އޭއެފްޕީ

ފުލުހުން ބުނި ގޮތުގައި، ހަ އޮފިސަރަކަށް މި ކުރިމަތިލުންތަކުގައި އަނިޔާވެ، އެކަކުގެ ހާލު ސީރިއަސްވި އެވެ. ހާލު ސީރިއަސްވި ފުލުުސް އޮފިސަރު ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު، އޭނާއަށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން ބުނީ މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފަރާތްތަކަށް ދެން ކުޅިވަރު ސްޓޭޑިއަމްތަކަށް ނުވަދެވޭ ގޮތަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ޕެރަގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނި ގޮތުގައި ސަޕޯޓަރުންގެ ސަބަބުން މެޗު ހުއްޓާލަން ޖެހިއްޖެ ނަމަ އެ ސަޕޯޓަރުން ނިސްބަތްވާ ކުލަބް މެޗުން ބަލިވީ ކަމަށް ނިންމާނެ އެވެ.

އޮލިމްޕިއާގެ ރައީސް، އެ ކްލަބަށް ތިން ޕޮއިންޓް ލިބެންޖެހޭ ކަމަށް ބުނެފައި ވާއިރު، ކޭރޯ ޕޯޓެނިއޯގެ ރައީސް ބުނީ، ދަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ހޯމް ޓީމު [އޮލިމްޕިއާ] ގެ މަސްއޫލިއްޔަތެއް ކަމަށެވެ.