ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި ހުކުރު ރޭ (ރާއްޖެއަށް ހޮނިހިރު ދުވަހުގެ ހެނދުނު) ކުޅުނު މެޗުން ތުރުކީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޕެރަގުއޭ އިން މުބާރާތުގެ ދެވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ.
މި ބައްޔާއެކު ވިދިވިދިގެން ދެ މެޗުން ބަލިވި ތުރުކީ ވަނީ މުބާރާތުން ކަޓައިފަ އެވެ. އަދި މި ނަތީޖާގެ ސަބަބުން މި ގްރޫޕުގެ އެއްވަނަ އެމެރިކާއަށް ވަނީ ކަށަވަރު ވެފަ އެވެ.
މިއީ 24 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ތުރުކީން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ޖަޕާން، ދެކުނު ކޮރެއާގައި 2002 ގެ ވޯލްޑް ކަޕގައި ވާދަކޮށް ތުރުކީން، އެ ފަހަރުގެ މުބާރާތުގެ ތިންވަނަ ހޯދި އެވެ. މިފަހަރުގެ މުބާރާތަކީ، އޭގެ ފަހުން ވޯލްޑް ކަޕްގައި އެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެން އެންމެ 64 ސިކުންތުގެ ތެރޭގައި ޕެރަގުއޭގެ މިޑްފީލްޑަރު މަޓިއާސް ގަލާޒާ ވަނީ 25 މީޓަރު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން، ލަނޑު ޖެހި އެވެ.
މިއީ މިހާތަނަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޕެރަގުއޭގެ މިގްއެލް އަލްމިރޮން، ތުރުކީގެ މާޓް މުލްދުރްއާ ދެމެދު ހިނގި ޒުވާބެއްގައި އޭނާގެ އަނގަމަތީގައި އަތް އެޅުމުގެ ސަބަބުން ރަތް ކާޑެއް ދައްކި އެވެ.
މިއީ ފީފާއިން އަލަށް ތައާރަފުކުރި މުއާމަލާތުގެ ގަވާއިދުތަކުގެ ދަށުން ކުޅުންތެރިއަކު ދަނޑުން ފޮނުވާލި ފުރަތަމަ ފަހަރެވެ.
ދެވަނަ ހާފުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ޕެރަގުއޭ އިން ކުޅުނު އިރު ތުރުކީން ވަނީ ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓްކޮށްފަ އެވެ. ނަމަވެސް ތުރުކީއަށް ކުރިމަތިވީ ލަނޑު ނުޖެހުމުގެ މައްސަލަ އެވެ.
އެ ޓީމުން 33 ހަމަލާއެއް އުފެއްދި އެވެ. އެ ހަމަލާތައ ދިފާއު ކުރުމުގައު ޕެރަގުއޭގެ ގޯލްކީޕަރު އޯލެންޑޯ ގިލް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.މެޗުގެ ފަހުކޮޅު ކޭން އުޒުން އާއި މެރިހް ޑެމިރަލް އުފެއްދި ނުރައްކާތެރި ހަމަލާތައް ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ފުރަތަމަ މެޗުން އެމެރިކާ އަތުން 4-1 އިން ބަލިވި ޕެރަގުއޭ އަށް މިހާރު ވަނީ ކުރިއަށް ދިއުމުގެ އުއްމީދު ލިބިފަ އެވެ. ގްރޫޕުގެ ދެވަނަ ހޯދުމަށްޓަކައި ޕެރަގުއޭ ދެން ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށް ވަރަށް މުހިންމު މެޗަކަށެވެ.