ސްޕެއިންގެ ރެއާލް ސޮސިއެޑާޑްގެ ކޯޗުކަމަށް ޕެލެގްރީނޯ މަޓަރާޒޯ އައްޔަން ނުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ލަފާދިން ނަމަވެސް، އެ ލަފަޔާ ދެކޮޅަށް އޭނާ ގެނައުމުން ލިބުނު ހިތްހަމަޖެހުން ލިބިއްޖެކަމަށް އެ ކްލަބުގެ ރައީސް ޖޯކިން އަޕެރިބޭ ވިދާޅުވެއްޖެ އެވެ.
އެމެރިކާއަށް އުފަން މަޓަރާޒޯ ވަނީ ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ސޮސިއެޑާޑަށް ކޮޕާ ޑެލް ރޭގެ ތަށި ހޯދައިދީފަ އެވެ. މިއީ ޔޫރަޕްގެ ގަދަ ފަސް ލީގަކަށް ނިސްބަތްވާ ކްލަބެއްގެ ތަށި އެމެރިކާގެ ކޯޗަކު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ކްލަބުގެ ރައީސް އަޕެރިބޭ ވިދާޅުވީ، މަލަރާޒޯ އައްޔަންކުރަން އުޅުނުއިރު އޭއައި ކައިރިން އެއީ ރަނގަޅު ކޯޗެއްތޯ އެހުމުން ޖަވާބު ދިނީ އެކަން ނުކުރަން ކަމަށެވެ.
"އެރިކް (ސްޕޯޓިން ޑިރެކްޓަރު) އަހަރެން ގާތު މަޓަރާޒޯގެ ވާހަކަ ބުނުމުން، އޭނާއަކީ ސޮސިއެޑާޑަށް ރަނގަޅު ކޯޗެއްތޯ އަހަރެން އޭއައި ކުރެން އެހިން. އޭތި ބުނީ ނޫނެކޭ،" އަޕެރިބޭ ކިޔައިދެއްވި އެވެ.
"ޝުކުރު އަދާކުރަން އެރިކްގެ ބަސް އަހާ އޭނާ އަށް އިތުބާރު ކުރެވުނުކަން،"
އިޓަލީގެ ދަރިކޮޅަށް ނިސްބަތްވާ، އެމެރިކާގެ ނިއު ޖާޒީއަށް އުފަން މަޓަރާޒޯއަކީ މީގެ ކުރިން ޖަރުމަނު ލީގުގައި ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރެކެވެ.
ނަމަވެސް، ސްޕެއިންގެ ފުޓްބޯޅައިގެ ތަޖުރިބާ އޭނާގެ ކިބައިގައި ކުރިން ނެތެވެ. ނަމަވެސް ފުރަތަމަ ބައްދަލުވުމުންވެސް އޭނާގެ ހުނަރާއި ކްލަބާ ބެހޭގޮތުން އޭނާ ކޮށްފައިވާ ދިރާސާތަކަ މެދު އަޕެރިބޭ ހިތްހަމަޖެހުނެވެ.
"އަހަރެން އޭނާ ނުދަންނަން، އެކަމަކު ފުރަތަމަ ބައްދަލުވުމުން ވެސް އަހަރެން ހައިރާންވި. އޭނާ އަށް (ކްލަބްގެ) ކޮންމެ މީހަކާ ބެހޭ ހުރިހާ މައުލޫމާތެއް އެނގޭ،" އޭނާ ވިދާޅުވި އެވެ.
އަޕެރިބޭ ވިދާޅުވި ގޮތުގައި ހައިރާންކުރުވަނިވި ކަމަކީ، ސޮސިއެޑާޑުން ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގައި އެތުލެޓިކް ކްލަބު ބިލްބާއޯ ބަލިކުރުމުން އަނެއްކާވެސް އޭއައި ކައިރިން މަޓަރާޒޯއާ ބެހޭގޮތުން ސުވާލުކުރުމުން އޭގެ ޖަވާބު ބަދަލުވުމެވެ.
"މިފަހަރު އޭއައި ބުނީ އޭނާ އައްޔަން ކުރުަމަކީ ހަމަ ވަރަށް ރަނަގަޅު ނިންމުމެއް ކަމަށް،" އަޕެރިބޭ ވިދާޅުވި އެވެ.
މެތެމެޓިކްސް ދާއިރާއިން އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީން ޑިގްރީ ހާސިލުކޮށްފައިވާ މަޓަރާޒޯ، ސޮސިއެޑާޑްގެ ކޯޗުކަމާ، މި ސީޒަނުގެ ވަކި ހިސާބަކުން ހަވާލުވިއިރު އެ ޓީމު އޮތީ 17 މެޗުން 17 ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ.
ނަމަވެސް އޭނާ ޓީމާ ހަވާލުވި ފަހުން ކުޅުނު 14 މެޗުން 25 ޕޮއިންޓް ހޯދައި، މިހާރު އެ ޓީމު އޮތީ ލީގު ތާވަލުގެ ހަތްވަނައިގަ އެވެ.