އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ޕެނަލްޓީ ޝޫޓްއައުޓްގައި ކުރިހޯދައި، ރެއާލް ސޮސިއެޑާޑުން ކޮޕާ ޑެލް ރޭ ނުވަތަ ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސެވިލްގެ ލަކާޓޫޖާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު، އެންމެ 13 ސިކުންތުގެ ތެރޭގައި އެންޑާ ބަރެނެޓްޝިއާ ވަނީ ސޮސިއެޑާޑަށް ލީޑު ނަގައިދީފަ އެވެ. މިއީ މި މުބާރާތުގެ 123 އަހަރުވީ ދިގު ތާރީހުގައި ފެނުނު އެންމެ އަވަސް ގޯލެވެ.
އެތުލެޓިކޯގެ އެޑެމޯލާ ލުކްމަން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔާޒަބާލް އަނެއްކާވެސް ސޮސިއެޑާޑަށް ލީޑު ހޯދައިދިނެވެ.
އެކަމަކު އެހާ ފަސޭހައިން މެޗު ގެއްލިގެންދާކަށް އެތުލެޓިކޯއިން ދުލެއް ނުދިނެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ހޫލިއަން އަލްވަރޭޒް ލަނޑެއް ޖަހައި އެތުލެޓިކޯއަށް އުންމީދު އާކޮށްދިނެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބޮޑު ތަފާތެއް ދެއްކީ ސޮސިއެޑާޑްގެ ބަދަލު ކީޕަރު އުނައި މަރޭރޯ އެވެ. އުމުރުން 24 އަހަރުގެ މަރޭރޯ ވަނީ އެތުލެޓިކޯގެ ދެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ. ސޮސިއެޑާޑަށް ތަށި ކަށަވަރުކޮށްދިން ފަހު ޕެނަލްޓީ ކާމިޔާބުކުރީ އުމުރުން 22 އަހަރުގެ ޕަބްލޯ މާރިން އެވެ. މިއީ ސޮސިއެޑާޑްގެ ތާރީހުގައި އެ ޓީމުން މި ތަށި އުފުލާލި ހަތަރުވަނަ ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ 38 އަހަރު ތެރޭގައި ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމުން ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އެ ޓީމުގެ ކޯޗު ޕެލެގްރީނޯ މަޓަރާޒޯ އެވެ. އެމެރިކާގެ ނިއު ޖާޒީއަށް އުފަން، އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީން މެތެމެޓިކްސްގެ ދާއިރާއިން ޑިގްރީ ހާސިލުކުރި މަޓަރާޒޯ ޓީމާ ހަވާލުވީ ހަތަރު މަސް ކުރިންނެވެ. އޭނާ ހަވާލުވިއިރު ރެއާލް ސޮސިއެޑާޑް އޮތީ ރެލިގޭޝަނުގެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ޓީމުގެ ކުޅުން ރަނގަޅުކޮށް، އޭނާ ވަނީ ކްލަބަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދީ ސަޕޯޓަރުންގެ ލޯބި ހޯދާފަ އެވެ.