ރާއްޖޭގެ ކާމިޔާބު ބާސްކެޓްބޯޅަ ކޯޗު އިލްޔާސް އިބްރާހީމް (އިއްލި) ބައިނަލްއަގްވާމީ މައިދާނުގައި ޝަރަފްވެރިކަމާ އެކު ބަލައިގަންނަ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް ފުރިހަމަކޮށްފި އެވެ.

އެމެރިކާގެ އޮލިމްޕިކް ކޮމިޓީ އާއި، އޮލިމްޕިކް ސޮލިޑާރިޓީ އަދި، އެމެރިކާގެ ޔުނިވާސިޓީ އޮފް ޑެލްވެއާ ގުޅިގެން ހިންގާ މި ޕްރޮގްރާމް އިއްލި ފުރިހަމަކުރީ ބާސްކެޓްބޯޅައިގެ ކޯޗިން ދާއިރާ އިންނެވެ. އިއްލިގެ ފައިނަލް ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޒުވާން ކުޅުންތެރިން ކުރިއެރުވުމާ ބެހޭ ގޮތުން ހެދި "ޖޫނިއާ އެލީޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ މޯލްޑިވްސް ބާސްކެޓްބޯލް" އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ހޯދައިދިން ފުރުސަތެއްގައި އިއްލި މި ތަމްރީން ފުރިހަމަކޮށް، ހޯދި ކާމިޔާބަށް އެ ކޮމިޓީން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އިއްލި ވަނީ ކޯޗިން ކެރިއަރުގައި ރާއްޖޭގެ ވަރަށް ގިނަ ކްލަބްތަކުގެ ހެޑްކޯޗުކަންކޮށް، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. ބާސްކެޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ކްލަބް ފެންވަރުގައި ގިނަ ތަށިތަކެއް ކާމިޔާބުކޮށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.

އިއްލި އަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ވެސް މެ އެވެ. އެގޮތުން 2004 ގައި ރާއްޖޭން ގަދަފަދަ ދެކުނު ކޮރެއާއާ 0-0 އިން އެއްވަރުކުރި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނެވެ. އަދި 2005 ގެ އޭއެފްސީ ކަޕުގެ ތިން ވަނަ ނިއު ރޭޑިއަންޓް ހޯދިއިރު އެ ޓީމަށް ވެސް ކުޅުނެވެ.