އެފްއޭއެމުން އަލަށް ފަށާ އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލާނެކަމަށް، އެ އިދާރާގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އިއުލާން ކޮށްފި އެވެ. 

މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ކުރިން ވެސް އިއުލާނުކޮށްފައިވާ ގޮތަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެންނެވެ. މުބާރާތް ފަށާނެ ސީދާ ތާރީހެއް އެފްއޭއެމުން އަދި އިއުލާނެއް ނުކުރެ އެވެ.

މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ވެސް ގައުމީ ފެންވަރުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

މި މުބާރާތާ ގުޅޭގޮތުން އެފްއޭއެމްގެ ތޯރިގް ވިދާޅުވީ، މިއީ ގައުމީ ޓީމަށް ކުޅުންތެރިން ހޯދުމަށް ކުރާ ދަތުރުގައި ޒުވާން ކުޅުންތެރިންނަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

"މިއީ ގައުމީ ޓީމަށް ހޮވުމަށް އުންމީދުކުރާ ޒުވާން ކުޅުންތެރިންނަށް އެ ދަތުރުގައި ލިބޭ މުހިންމު ފުރުސަތެއް. އަދި އެންމެ ފަހުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހޯދި ކާމިޔާބީ ދިފާއު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ސޯޝަލް މީޑީއާގައި އޭނާ ލިޔެފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ފުޓްސަލް މުބާރާތްތަކަށް  ޖުމްލަ 2.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މީގެ ތެރެއިން އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް ބޭއްވުމަށް 1.8 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. ފުޓްސަލް ލީގަށް 324,500ރ. އަދި އަންހެނުންގެ ފުޓްސަލް ލީގަށް 245,750ރ. ވަނީ ބަޖެޓުކޮށްފަ އެވެ.

މިއީ އެފްއޭއެމްގެ މިއަހަރު ފާސްކުރި 48 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ހިމެނޭ ބައެކެވެ.

އޯގަސްޓް މަހު އިއުލާން ކުރި ފުޓްބޯޅަ ކަލަންޑަރުގައި ވެސް ވަނީ ފުތްސަލް މުބާރާތްތައް ބާއްވަން އިއުލާން ކޮށްފަ އެވެ.