ރާއްޖޭގެ މައި ފުޓްސަލް ލީގު ނުވަތަ ޕްރީމިއަމް ފުޓްސަލް މުބާރާތުގެ ގޮތުގައި ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އެފްއޭއެމުން ބަލައިގެންފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ހޯލްގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު، އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ ކްލަބް މޯލްޑިވްސްއިން ބާއްވަން ތައްޔާރުވަމުން އަންނަ ފިރިހެން އަދި އަންހެން މުބާރާތްތަކީ އެފްއޭއެމުން ބަލައިގެންފައިވާ ރަސްމީ މުބާރާތްތަކެއްގެ ގޮތުގައި ކަނޑައަޅަން އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ،

މެދުކެނޑުމަކަށް ފަހު އެފްއޭއެމް އެވޯޑްސް މި އަހަރު ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ކުރިން އިއުލާންކޮށްފަ އެވެ. އެ އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވުމުގެ ކެޓަގަރީ ވެސް ވަނީ މުޅިން އަލަށް ހިމަނައިފަ އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވުމުގައި މި އަހަރު ބަލާނީ، ކުރިއަށް އޮތް ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގައި ކުޅުންތެރިން ދައްކާ ކުޅުމަށެވެ.

ފުޓްސަލް އަތޮޅު މުބާރާތް ބާއްވަން އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ. އެ މުބާރާތް ވެސް ކުރިއަށްދާނީ އެފްއޭއެމުން މިހާރު ވެސް ފުޓްބޯޅައިގެ 'އެޓޯލް ޗެމްޕިއަންޝިޕް' ކުރިއަށްގެންދާ ފޯމެޓަށެވެ.

މި އަހަރުގެ އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުން ވަކި އަދަދަކަށް ޓީމުތައް ރާއްޖޭގެ މައި ފުޓްސަލް ލީގަށް ޕްރޮމޯޓް ކުރާނެ އެވެ. މައި ފުޓްސަލް ލީގަކީ އަންނަ އަހަރު ކްލަބް މޯލްޑިވްސްއިން ބާއްވާ މުބާރާތެވެ.

އެ މުބާރާތަށް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް މެދުވެރިކޮށް ކޮލިފައިވާނީ ކިތައް ޓީމުކަން ފަހުން ކަނޑައަޅާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ޓޮޕް ޓިއާ ފުޓްސަލް މުބާރާތަކީ އެއީ. އަންނަ ސީޒަނަށް ކްލަބް މޯލްޑިވްސްގެ ތެރެއަށް ޓީމުތައް އެލޮކޭޓް ވާނެ. އެ މުބާރާތުގެ ގަވާއިދުތަކާއި ކުރިއަށްގެންދާނެ ގޮތް ފަހުން އަޅުގަނޑުމެން އިއުލާން ކުރާނަން،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ އަހަރެއްހާ މުއްދަތަށް ފަހު ކްލަބް މޯލްޑިވްސްގެ މުބާރާތް ލީގު ފޯމެޓްގައި ކުރިއަށް ގެންދެވޭނެ ގޮތަށް އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

"ކްލަބް މޯލްޑިވްސްގެ ކުރިއަށް އޮތް ސީޒަން ނިންމާފައި، މި އަންނަ ސީޒަނަށް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް ނިންމުމަށްފަހު، ރީޖަނަލް ލީގުތަކުން އަންނަ ޓީމުތައް (ކްލަބް މޯލްޑިވްސްގެ) އެ މުބާރާތުގައި ވާދަކުރާނެ. އަދި ދެވަނަ ނުވަތަ ތިންވަނަ އަހަރަކަށް ދާއިރު، މުޅި މުބާރާތް ލީގެއްގެ ސިފައަށް ބަދަލުކުރާނަން،" ތޯރިގް ވިދާޅުވި އެވެ.

ކްލަބް މޯލްޑިވްސްގެ ރައީސް މޫސާ ރަމީޒު ވިދާޅުވީ، އަމިއްލަ އެ ކްލަބަކީ ރާއްޖޭގެ ފުޓްސަލް ކުރިއެރުމަށް މަސައްކަތް ކުރާ ކްލަބެއް ކަމަށެވެ. އެ މަސައްކަތް އެ ކްލަބުން ކުރާނީ ރާއްޖޭގެ އިދާރާތކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ކްލަބް މޯލްޑިވްސްއިން މިހާތަނަށް ވެސް ކުރަމުން މިއައީ އެއްކަމެއް އެއީ ރާއްޖޭގެ ފުޓްސަލް ކުރިއަރުވަން އެހީތެރިވެ ދިނުން. އަދިވެސް އަޅުގަނޑުމެން މިތިބީ ހަމަ އެގޮތުގައި. އަޅުގަނޑުމެންނަކީ ސިޔާސަތު ކަނޑައަޅާ ބައެއް ނޫން. ސިޔާސަތު ކަނޑއަޅާނީ އެފްއޭއެމުން،" ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޖެނެރަލް ސެކްރެޓަރީކަން ވެސް މިދިޔަ ދައުރުގައި ކުރެއްވި ރަމިޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެކަމަށް އިހްތިރާމުކޮށް އެފްއޭއެމްގެ ގައިޑްލައިނާ އެއްގޮތަށް ރާއްޖޭގެ ފުޓްސަލް ސްޓްރަކްޗާޑް އެޕްރޯޗަކަށް ފުޓްސަލް ކުރިއަރުވަން އެހީތެރިވެ ދިނުން އަޅުގަނޑުމެންގެ މައިގަނޑު މަގްސަދަކީ." 

ކްލަބް މޯލްޑިވްސްގެ މިއަރުގެ ފުޓްސަލް ސީޒަނުގައި ހަތް ކެޓަގަރީއެއްގެ އިވެންޓް ނުވަތަ މުބާރާތްައް ކުރިއށްެގެންދަން ވަނީ ހަމަޖައްސައިފަ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން އޯގަސްޓް 17 ގެ ނިޔަލަށް ކުރިއަށްެގެންދާ ސީޒަނުގެ ފުރަތަމަ މުބާރަތަކީ ކިންގްސް ކަޕެވެ. 

އެއަށް ފަހު އަންހެން ފުޓްސަލް ސީޒަން ފަށަން "އެއިޓީން ތާޓީ ކްލެސިކް" ކުޅޭނެ އެވެ. އެ މުބާރާތް ފަށާނީ މި މަހު 17 ގަ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސަލް އިވެންޓް ހިމެނެ އެވެ. ދެން ހިމެނޭ މުބާރާތްތަކަކީ އެއިޓީން ތާޓީ"  އާއި ކްލާސިކް، ކްލަބް މޯލްޑިވްސް ކަޕް އަދި  ސެކްޓާ ލީގު ހިމެނެ އެވެ. 

އެފްއޭއެމުން ގަބޫލުކުރާ ރާއްޖޭގެ ރަސްމީ ފުޓްސަލް މުބާރަތަކީ ކްލަބް މޯލްޑިވްސް ކަމަށް އެ އެސޯސިއޭޝަނުން ކަނޑައެޅި އިރު، މި އަހަރު އެ އިދާރާ އަށް ފާސްކުރި ބަޖެޓްގައި ވަނީ ފުޓްސަލް މުބާރާތްތައް ބޭއްވުމަށް ހިނގާނެ ހަރަދުތަކެއް ލަފާކޮށްފަ އެވެ. 

މީގެ ތެރެއިން އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް ބޭއްވުމަށް 1.8 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. ފުޓްސަލް ލީގަށް 324,500ރ. އަދި އަންހެނުންގެ ފުޓްސަލް ލީގަށް 245,750ރ. ވަނީ ބަޖެޓުކޮށްފަ އެވެ.