އިންޑިއާއިން ބާއްވާ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ޕާކިސްތާނުގެ އެތުލީޓުންނަށް ދަތުރުކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި އެވެ.
ނިއުކްލިއަ ދެ ބާރުގެ ދެމެދުގައި ޒަމާންތަކެއްވީ ނުތަވަސްކަމެއް އޮވެ އެވެ. އެއް ގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދަތުރުކުރުމުގައި ވެސް ތާށިތަކެއް ދެ ގައުމުން ވެސް ކުރިމަތިކޮށްފައި އޮވެ އެވެ.
އެކަމަކު ޕާކިސްތާނުގެ އެތުލީޓުންނަށް ހުއްދަ ދިނުމަށް ނިންމިކަން އިއުލާންކޮށް އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ގިނަ ގައުމުތަކުން ބައިވެރިވާ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޕާކިސްތާނުގެ ޓީމުތަކަށް އިންޑިއާގައި ކުޅެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ ކުޅިވަރު ޓީމުތަކަށާއި އޮފިޝަލުންނަށް ވިސާ ދިނުމުގެ ކަންކަން ލުއި ފަސޭހަކޮށްދޭނެ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.
"ބައިނަލްއަގުވާމީ އަދި މަލްޓިލެޓަރަލް އިވެންޓްތަކާ ގުޅޭގޮތުން އަހަރެމެން އަމަލުކުރާނީ ބައިނަލްއަގުވާމީ ކުޅިވަރު އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި އަހަރެމެންގެ އަމިއްލަ ކުޅުންތެރިންގެ މަސްލަހަތަށް ބަލައިގެން،" އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ނިންމުމަކީ އިންޑިއާގެ އަހުމަދުއާބާދުގައި 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އާއި 2036 ގެ އޮލިމްޕިކްސް އަދި 2038 ގެ އޭޝިއަން ގޭމްސް ބޭއްވުމަށް އިންޑިއާއިން ބިޑު ހުށަހެޅުމަށް ތައްޔާރުވަމުން ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ.
ނަމަވެސް ދެ ގައުމުގެ ދެމެދުގައި ކުޅޭ ވާދަވެރި މެޗުތަކާއި މުބާރާތްތަކުގައި އެއް ގައުމުން އަނެއް ގައުމުގައި ކުޅުމުގެ މައްސަލައިގައި އިންޑިއާގެ ސިޔާސަތަށް ވެސް ބަދަލެއް ނާދެ އެވެ.
ދެ ގައުމުގައި ވެސް އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ނުތަނަވަސްކަމުގެ ސަބަބުން، 2012 ގެ ފަހުން ކްރިކެޓްގެ އެއްވެސް ފުލް ސީރީޒެއް އެއް ގައުމުން އަނެއް ގައުމުގައި ކުޅެފައެއް ނުވެ އެވެ.
އިންޑިއާގައި މިފަހަރު ބާއްވާ ސާފް އަންހެން ފުޓްބޯޅަ މުބާރާތުގައި ވެސް ޕާކިސްތާނުން ބައިވެރިއެއް ނުވެ އެވެ.
"ދެ ގައުމުގެ ދެމެދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި އިންޑިއާގެ ޓީމުތަކެއް ޕާކިސްތާނަކަށް ނުދާނެ. އަދި ޕާކިސްތާނުގެ ޓީމުތައް އިންޑިއާގައި ކުޅޭކަށް ވެސް އަހަރެމެން ހުއްދައެއް ނުދޭނަން،" އިންޑިއާގެ މިނިސްޓްރީން އިތުރަށް ބުންޏެވެ.