ހަތް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބާއްވާ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ބައިގެ ފަސް ފައިނަލުން ވެސް ވެސް ރާއްޖޭގެ ބެޑްމިންޓަންގައި މިހާރު އެންމެ ވިދުން ގަދަ ހަތަރު ތަރިން ކަމަށްވާ އާމިނަތު ނަބީހާ (ނަބީ)، ފާތިމަތު ނަބާހާ (ނަބާ)، ހުސައިން ޒަޔާން ޝަހީދު އަދި ނިބާލް ޖާގަ ހޯދައިފި އެވެ.
މި ހަތަރު ކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ސެމީ ފައިނަލުގެ ތިން އިވެންޓުން ވެސް ކާމިޔާބުކޮށް ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފަ އެވެ.
މިއަދު ކުޅޭ އޯޕަން ބައިގެ ހަ ފައިނަލްގެ ތެރެއިން ކޮންމެ ފައިނަލެއްގައި ވެސް މި ތަރިންގެ ނަން ވަނީ ހިމެނެ އެވެ.
އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ މި ކުޅުންތެރިން އެކަކު އަނެކަކާ ދެކޮޅަށް ނުކުންނަ މެޗުތަކެވެ. އެގޮތުން އަންހެން ސިންގަލްސް ފައިނަލުގައި ނަބީ އާއި ނަބާ ބައްދަލުކުރާނެ އެވެ. ފިރިހެން ސިންގަލްސް ފައިނަލުގައި ބައްދަލުކުރާނީ ޒަޔާން އާއި ނިބާލް އެވެ. މީގެ އިތުރުން، މިކްސް ޑަބަލްސް ފައިނަލުގައި ވެސް މި ހަތަރު ކުޅުންތެރިން ދެ ޕެއާގެ ގޮތުގައި އެކަކު އަނެކަކާ ވާދަކުރަން ޖެހޭނެ އެވެ.
އަންހެން ސިންގަލްސްގެ ސެމީގައި ނަބީ ވަނީ 15-5، 15-2 އިން ޝުބާ މުހައްމަދު ޝަރީފް ބަލިކޮށްފަ އެވެ. އަދި ނަބާ ފައިނަލަށް ދަތުރުކުރީ ޔަލްވީ ހުސައިން ޒުހުރީގެ މައްޗަށް 15-10، 15-8 އިން ކުރި ހޯދައިގެންނެވެ.
ފިރިހެން ސިންގަލްސްގައި ޒަޔާން ވަނީ ހައިޝަމް އިބްރާހިމް އަލީގެ މައްޗަށް 15-6، 15-12 އިން ކުރި ހޯދާފަ އެވެ. އަދި ނިބާލް ފައިނަލުން ޖާގަ ހޯދީ ހަސަން ޒަޔާންއާ ވާދަކޮށް 15-9، 15-10 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މިކްސް ޑަބަލްސް ބައިން ނިބާލް އާއި ނަބީގެ ޕެއާ ފައިނަލަށް ދިޔައީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އަޖުފާން އާއި އާއިޝަތު ޔޫހާ އަހްމަދުގެ 15-10، 15-9 އިން ބަލިކުރުމަށްފަހު އެވެ. އަދި ޒަޔާން އާއި ނަބާގެ ޕެއާ ފައިނަލަށް ދަތުރުކުރީ މުހައްމަދު ހިޝާމް ލަތީފާއި ނަފްހާ ނަސްރުﷲގެ މައްޗަށް 15-4، 15-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އަންހެން ޑަބަލްސްގެ ސެމީގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ 15-4، 15-2 އިން ފާތިމަތު އިމްތިސާލް ސައުދުﷲ އާއި މަރްޔަމް ޝަފާހަތު ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސްގައި ޒަޔާން އާއި ނިބާލް ފައިނަލަށް ދިޔައީ ޝަރަފް އާއި ހަސަން ޒަޔާން 15-7، 15-11 އިން ބަލިކުރުމަށްފަހު އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2019 ގަ އެވެ. އެހަރު މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒަޔާން ޒަކީ އާއި ނަބާހާ އެވެ.
އެ އަހަރަށް ފަހު، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އަދި އެސޯސިއޭޝަނުގެ އެތެރޭގައި އުފެދުނު ކޯޅުމުގެ އަސަރުގައި ބައެއް ހަރަކާތްތައް ކަންސަލްވެގެން ދިޔަ އެވެ. އެގެ ތެރޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މުބާރާތްތައް ވެސް ނުބާއްވަ އެވެ.
މިދިޔަ އަހަރު އަލުން އިންތިހާބު ބާއްވާ، ކުރީގެ ޖެނަރަލް ސެކްރެޓަރީ އިޝްފާން މުހައްމަދުގެ ރައީސްކަމުގައި އަލުން އެސޯސިއޭޝަންގެ ހަރަކާތްތައް ވަނީ އާންމު އުސޫލުން ފަށައިފަ އެވެ.