އަންނަ މަހު ފަށާ ވޯލްޑް ކަޕްގެ ތެރޭގައި، މެކްސިކޯގެ ޓީޗަރުން ގައުމީ ހަޅުތާލަކަށް ތައްޔާރުވާން ފަށައިފި އެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް އެޑިއުކޭޝަން ޔޫނިއަން ކަމަށްވާ ނެޝަނަލް ކޯޑިނޭޓިން ކޮމިޓީ އޮފް އެޑިއުކޭޝަން ވޯކާސް (ސީއެންޓީއީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޔޫނިއަނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، ވޯލްޑް ކަޕްގެ ފްރޭމްވޯކްގެ ތެރެއިން މުޅި ގައުމުގައި ބޮޑު ހަޅުތާލެއް ކުރިއަށްގެންދާނެ ކަމަށެވެ.

ޓީޗަރުން ގޮވާލަނީ ތައުލީމީ ދާއިރާގެ މުސާރަޔާއި ޕެންޝަން އަދި މުޅި ތައުލީމީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށެވެ. ޓީޗަރުންގެ މި އިހުތިޖާޖުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުގެ މުވައްޒަފުންގެ ޕެންޝަން ނިޒާމު ބަދަލުކުރުމަށް 2007 ވަނަ އަހަރު ފާސްކުރި "އައިއެސްއެސްއެސްޓީއީ" ގާނޫނެވެ.

"އަހަރމެން ބޭނުންވަނީ އަބުރުވެރި ޕެންޝނެއް. ހަމަހަމަ މުސާރައެއް. ވަޒީފާގެ ރައްކާތެރިކަން. އަދި ކޯޕަރޭޓްތަކުގެ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތްކުރާ ފަދަ ތައުލީމީ ނިޒާމެއް،" ޓީޗަރުންގެ ޔޫނިއަނުން ނެރުނު ބަޔާނުގައިވެ އެވެ. 

މިދިޔަ ހުކުރު ދުވަހު ފާހަގަކުރި މެކްސިކޯގެ ޓީޗަރުންގެ ދުވަހާ ދިމާކޮށް އެތައް ހާސް ޓީޗަރުންނެއް ވަނީ މެކްސިކޯ ސިޓީގެ މަގުތަކަށް ނުކުމެ ބެނާތަކާއި ބޯޑުތައް ހިފައިގެން ބޮޑު މުޒާހަރާއެއް ކޮށްފައެވެ.

އެމެރިކާ އާއި ކެނެޑާއާ އެކު މިއަހަރުގެ ވޯލްޑް ކަޕް ގުޅިގެން ބާއް މެކްސިކީގެ ސްކޫލް ކަލަންޑަރުގެ ބޮޑުބައެއް މި މުބާރާތުގެ ތާރީހުތަކާ ދިމާވެ އެވެ. އަދި މުބާރާތް ހުޅުވުމުގެ ގޮތުން މެކްސިކޯ އާއި ދެކުނު އެފްރިކާ ކުޅޭ ފުރަތަމަ މެޗު އަންނަ 11 ގައި ކުޅުމަށް ހަމަޖެހިފައިވަނީ މެކްސިކޯ ސިޓީގެ މަޝްހޫރު އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައެވެ. 

ވޯލްޑް ކަޕަށް ތައްޔާރުމުގެ ގޮތުން މެކްސިކޯގެ  ޕަބްލިކް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމީ ހޫނުގަދަވުމުގެ ސަބަބުންނާއި ވޯލްޑް ކަޕާ ދިމާކޮށް ސްކޫލްތަކުގެ ކިޔެވުން ޖުލައި 15 ގެ ބަދަލުގައި އަންނަ މަހު ފަސްވަނަ ދުވަހު ނިންމާލުމަށެވެ. ނަމަވެސް،

ޓީޗަރުންގެ ޔޫނިއަނާއި ބެލެނިވެރިންގެ ޖަމިއްޔާތަކުގެ ފާޑުކިޔުން އަމާޒުވުމުން ސަރުކާރަށް ޖެހުނީ އެ ނިންމުން އަނބުރާ ގެންދާށެވެ. މެކްސިކޯގައި ޓީޗަރުންގެ ހައްގުތަކުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ.

މުސާރައިގެ މައްސަލައިގައި މިދިޔަ އަހަރު މެއި މަހު ޓީޗަރުން ކުރި މުޒާހަރާއެއްގެ ސަބަބުން މެކްސިކޯ ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ. އެފަހަރު ސަރުކާރުން ޓީޗަރުންގެ މުސާރަ 10 ޕަސަންޓަށް ބޮޑުކޮށްދިނެވެ. އަދި އިތުރު އެއް ހަފުތާގެ ޗުއްޓީ ވެސް ދިނެވެ. ނަމަވެސް ޓީޗަރުންގެ ހިތްހަމަނުޖެހުންތަކަށް އަދިވެސް ދާއިމީ ހައްލެއް ލިބިފައެއް ނުވެ އެވެ.