އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އިންގްލަންޑުން މެކްސިކޯގެ މައްޗަށް 3-2 އިން ކުރިހޯދައި، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މެޗު ފެށީ ކަނޑައެޅިފައިވާ ވަގުތަށް ވުރެ އެއްގަޑިއިރު ފަހުންނެވެ. އެއީ މެޗު ކުޅުނު އަޒްޓެކާ ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށް ވިދައި ގުގުރައި މޫސުން ގޯސްވުމުންނެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އިރު ވެސް އިންގްލެންޑުން ދެއްކި ކުޅުމާ އެކު އެ ޓީމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.
އެ ގައުމުގެ ދުވަސްވީ އެއް ނޫސް "ދި ގާޑިއަންއިން" ސިފަ ކުރި ގޮތުގައި، އެއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އިންގްލެންޑުން ހޯދި އެންމެ ފާހަގަކޮށްލެވޭ މޮޅެވެ. އެ އަހަރަކީ އިންގްލެންޑުން ވޯލްޑް ކަޕް ތަށި ކާމިޔާބު ކުރި ފަހަރެވެ.
ކޯޗު ހާވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ކުޅެނު މެކްސިކޯ މުބާރާތުގައި މިއަދުގެ މެޗާ ހަމައަށް އައީ ވަރުގަދަ ނަތީޖާތަކެއް ނެރެމުންނެވެ. އޭގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި އެވެ.
ނަމަވެސް އިންގްލަންޑާ ޖެހުނު ހިސާބުން އަމިއްލަ ދަނޑުގައި ވެސް މެކްސިކޯއަށް ސަލާމަތެއް ނުވެވެވުނެވެ. މެޗު ކުޅުނު ތާރީހީ އަޒްޓެކާގެ ދަނޑަކީ މީގެ ކުރިން އިންގްލެންޑަށް ބޮޑު ބިރަކަށްވި ދަނޑެކެވެ. މެކްސިކޯއިން 1986 ގައި ބޭއްވި ވޯލްޑް ކަޕްގައި މަޝްހޫރު ޑިއެގޯ މެރަޑޯނާ "އަތުން ގޯލް ޖަހައި" އިންގްލެންޑް ވޯލްޑް ކަޕުން ކަޓުވާލީ އެ ދަނޑުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންގްލަންޑުން ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ނަގައިދިން ހުރަހަކުން ޖޫޑް ބެލިންހަމް ބޮލުން ގޯލެއް ޖެހި އެވެ. އޭގެ 98 ސިކުންތު ފަހުން، ހެރީ ކޭން ދިން ޕާހަކުން ބެލިންހަމް އަނެއްކާ ވެސް ވަނީ ގޯލް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.
މެކްސިކޯއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އުންމީދު އާކޮށްފަ އެވެ. ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ހޫލިއަން ކީނިއޯނެސް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ.
މެޗުގެ ފޯރިގަދަވެ، ހާލަތު ބަދަލުވެގެންދިޔައީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގަ އެވެ. އިންގްލަންޑްގެ ޑިފެންޑަރު ޖަރެލް ކުއަންސާ، މެކްސިކޯގެ ހެސޫސް ގަޔާޑޯ އަށް ކުރި ނުރައްކާތެރި ފައުލެއް ކުރި އެވެ. ވީއޭއާރު ބެލުމަށްފަހު ރެފްރީ، އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ.
އިންގްލަންޑުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދަނިކޮށް، އެންތަނީ ގޯޑަން އަށް، މެކްސިކޯގެ އޭރިއާ ތެރެއިން ކުރި ފައުލަކަށް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 60 ވަނަ މިނެޓުގައި މި ޕެނަލްޓީ ވައްދާލައި ހެރީ ކޭން ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލި އެވެ.
އޭގެ ނުވަ މިނެޓު ފަހުން އިންގްލެންޑްގެ އޭރިއާ ތެރެއިން ބްރަޔަން ގުޓިއެރޭޒަށް، ކޭން ކުރި ފައުލަކަށް މެކްސިކޯ އަށް ވެސް ޕެނަލްޓީއެއް ދިނެވެ. އެ ޓީމުގެ ރައުލް ހިމެނޭޒް ވަނީ މި ޕެނަލްޓީ ގޯލަށް ވައްދާލާފަ އެވެ.
މި ގޯލާއެކު ކޭން ވަނީ މި މުބާރާތުގައި 6 ގޯލު ހަމަކޮށްފަ އެވެ. އޭނާ އުޅެނީ ރަން ބޫޓުގެ ރޭހުގެ ކުރީގައި އޮތް އާލިން ހާލަންޑަށް ވުރެ އެއް ގޯލު ފަހަތުގަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި އަންނަ ހޮނިހިރު ދުވަހު މަޔާމީގައި ހާލަންޑްގެ ނޯވޭއާ ދެކޮޅަށް އިންގްލެންޑް ނުކުންނާނެ އެވެ.