މެކްސިކޯގެ ބާރުގަދަ ޑްރަގް ކާޓެލްގެ ލީޑަރު މަރާލުމުން ހިންގި ހަމަނުޖެހުންތަކުގައި އެ ގައުމުގެ ފުޓްބޯޅަ ހުއްޓުނަސް، މި އަހަރު ބާއްވާ ވޯލްޑް ކަޕަށް އޭގެ އަސަރު ނުކުރާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 

ޑްރަގުގެ ވަގު ވިޔަފާރި އާއި މާފިއާގެ ހަރަކާތްތައް ބޮޑު މެކްސިކޯގެ ބާރުގަދަ އެއް ޑްރަގް ކާޓެލްގެ ޖަލިސްކޯ ނުއޭވާ ޖެނެރޭޝަން (ސީޖޭއެންޖީ) ގެ ލީޑަރު ނެމޭސިއޯ ރޫބެން އޮސެގުއޭރާ ސާވަންޓެސް، އޭނާގެ މަޝްހޫރު ނަމުން ނަމަ 'އެލް މެންޗޯ' މަރާލީ އެ ގައުމުގެ އަސްކަރިއްޔާއިން އޭނާ އަށް އަމާޒުކޮށްގެން ދިން ބަޑީގެ ހަމަލާގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.  

އޭނާ އަށް ހަމަލާ ދިނީ ވޯލްޑް ކަޕްގެ މެޗުތަކެއް ކުޅެން ހަމަޖެހިފައިވާ އެއް ސިޓީ ކަމަށްވާ ގުއާޑަލަހާރާއާ ކައިރީގަ އެވެ. އަދި އެ ހަމަލާ އަށް ފަހު ޒަހަމްވެފައިވާ އޭނާގެ ހަށިގަނޑު ވައިގެ މަގުން ވެރިރަށް މެކްސިކޯ ސިޓީ އަށް ގެންދިއުމުގެ ފްލައިޓް މަތީގައި މަރުވި އެވެ. އޭނާގެ މަރަށް ފަހު ބައެއް  ގުރޫޕްތަކުން އެ ސިޓީގެ އުޅަނދުތަކާއި އާންމު ތަންތަނުގައި ހުޅު ޖެހި އެވެ. 

އޭނާ މަރާލުމަށް ހިނގި އޮޕަރޭޝަނާއި އެއަށް ފަހު ހިނގި ހަމަނުޖެހުންތަކާ އެކު ޖުމުލަ 74 މީހުން މަރުވި އެވެ. 

އެ ހަމަނުޖެހުންތަކުގެ އަސަރުކޮށް އާދިއްތަ ދުވަހު ކުޅެން ހަމަޖައްސާފައިވާ މެޗުތަކެއް ވެސް ކެންސަލް ކުރި އެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ މެކްސިކޯގެ ފުޓްބޯޅައިގެ ޓޮޕް ޑިވިޝަނުގެ މެޗުތަކެެވެ. އެއީ އަންހެން ޕްރިމިއާ ޑިވިޝަނުގެ ދެ މެޗާއި ފިރިހެން ޕްރިއމިއާ ޑިވިޝަނުގެ ދެ މެޗެވެ. އަދި ދެވަނަ ޑިވިޝަނުގެ ބައެއް މެޗުތައް ވެސް ފަސް ކުރަން ޖެހުނެވެ. 

މެކްސިކޯގެ ކުއެންޓްރާއީގައި އައިސްލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި މެކްސިކޯއިން މާދަމާ ނުކުންނާނެ އެވެ. ހަމަނުޖެހުންތަކުގައި މެކްސިކޯގެ ފުޓްބޯޅައިގައި ވެސް އުފެދުނު ކަންބޮޑުވުންތަކާ އެކު އައިސްލެންޑްގެ ޓީމުން މެކްސިކޯ އަށް ދަތުރު ކުރުމުގެ ކުރިން މެޗު ކުޅެވިދާނެ ތޯ ސުވާލު އުފެއްދި އެވެ. އެކަމަކު މެކްސިކޯގެ ފުޓްބޯޅަ އިދާރާއިން ދިން ޔަގީންކަމާއި ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާ އެކު މެޗު ކުޅެން އައިސްލެންޑް އޮތީ ތައްޔާރަށެވެ. 

ޖޫން، ޖުލައިގައި އެމެރިކާ އަދި ކެނަޑާއާ ގުޅިގެން ވޯލްޑް ކަޕް ބާއްވާ ތިންވަނަ ގައުމަކީ މެކްސިކޯ އެވެ. ގުއާޑަލަހާރާއާ އަކީ ވޯލްޑް ކަޕްގެ ވާދަވެރި ކުރިމަތިލުމެއް ކަމަށްވާ ސްޕެއިން އާއި އުރުގުއޭގެ މެޗު ކުޅޭ ސިޓީ އެވެ. 

ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ރައްކާތެރި މާހަުލެއް، މެކްސިކޯއިން ވޯލްޑް ކަޕަށް ހޯދޭނެކަމަށް ވިދާޅުވި އެވެ. 

"ވަރަށް ބޮޑަށް އިތުބާރު އެބައޮތް، ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް. މިއީ ވަރަށް ފުރިހަމަ (ކުލަގަދަ) ކަމަކަށް (މުބާރާތަކަށް) ވާނެ،" އިންފަންޓީނޯ އޭއެފްޕީ އަށް ވިދާޅުވި އެވެ. 

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް  ވެސް މީގެ ކުރިން ވަނީ ވޯލްޑް ކަޕަށް ދަތުރު ކުރާ ސަޕޯޓަރުންނަށް ވެސް ރައްކާތެރި މާހައުލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"(ވޯލްޑް ބަލަން އަންނަ) ސަޕޯޓަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އަރުވަން. މަސްރަހު ދަނީ މަޑުމަޑުން އާންމު ހާލަތަކަށް ރުޖޫއަވަމުން،" ރައީސް ޝީންބައުމް ވިދާޅުވި އެވެ.