ވޯލްޑް ކަޕްގެ ބައެއް ޓީމުތަކަށާއި ބައެއް އޮފިޝަލުންނަށް އެމެރިކާގެ ވިސާ ލިބުމުގައި ދިމާވި ދަތިތަކުގެ ކުރިމަތީގައި، ހަމަޖެހިލައިގެން ހުރުން މާ ރަނގަޅުވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ކުރިން ބޭއްވި ފީފާގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ބުނީ، މައްސަލަ ދިމާވި ކޮންމެ ކަމަކަށް ހައްލު ހޯދޭތޯ ފީފާއިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
"އެކަމަކު ދެން އަހަރެމެން އިހުތިރާމް ކުރަން ޖެހޭނެ. އަހަރެމެންނަކީ ސަރުކާރުތަކާއި ފުލުހުންގެ ބާރުތަކުގެ މައްޗަށް ވެރިކަން ކުރެވޭނެ ދުނިޔޭގެ ރަސްރަސްކަލުންނެއް ނޫން. އަހަރެމެންނަކީ ކުޅިވަރު ޖަމިއްޔާއެއް. އަހަރެމެން މަސައްކަތް ކުރަނީ އަހަރެމެންނަށް ހުރި ވަސީލަތްތަކުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން،" މެކްސިކޯ ސިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންފަންޓީނޯ ބުންޏެވެ.
އިރާނު ޓީމަށް، އެމެރިކާގެ ފުރިހަމަ ވިސާއެއް ނުލިބުނެވެ. އެހެންވެ އެ ޓީމުން ކޭމްޕް ކުރަނީ މެކްސިކޯ އާއި އެމެރިކާގެ ބޯޑަރު ގުޅުވައިދޭ ސިޓީގަ އެވެ. މެޗުތައް ކުޅެން އެމެރިކާއަށް ގޮސް، އެދުވަހުން އެދުވަހަށް އެމެރިކާއިން ފައިބަން ވެސް އިރާނު ޓީމަށް އެމެރިކާއިން ވަނީ އަންގައިފަ އެވެ.
ސޯމާލިއާގެ ރެފްރީ އުމަރު އާތަންއަށް، އެމެރިކާގެ ވިސާ ލިބި އެ ގައުމަށް ދަތުރު ކުރި ފަހުން، މަޔާމީގެ އެއާޕޯޓުން އޭނާ ޑީޕޯޓްކޮށްލި އެވެ. އެމެރިކާގެ އޮފިޝަލުން ބުނިގޮތުގައި އާތަންއަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދިނީ، ޓެރަރިސްޓުންނާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވިގެންނެވެ.
އިންފަންޓީނޯ ބުނީ އާތަންއަށް އެމެރިކާއަށް އެތެރެނުވެވުމުން، އެކަން ހައްލު ކުރަން ފީފާއިން މަސައްކަތް ކުރި ކަމަށެވެ.
"އުމަރު، ސޯމާލިއާގެ ރެފްރީއަށް ދިމާވި ކަންކަމަކީ ހިތާމަހުރި ކަމެއް. އެކަމަކު އަނެއްކާވެސް އަހަރެމެންނަށް ހުރިހާ ކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ،" އިންފަންޓީނޯ ބުންޏެވެ.
"އަހަރެމެން މަސައްކަތް ކުރާނަން، މަޝްވަރާ ކުރާނަން، ބަލާނަން. ފަހަރެއްގައި ބައެއް ފަހަރު ހަމަޖެހިލައި ކޫލް ވުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް ވެދާނެ. ހުރިހާ ކަމެއްގައި މަސައްކަތް ކުރަން. ހުރިހާ ކަމެއް ހައްލު ކުރަން މަސައްކަތް ކުރަން."
އޭނާ ބުނީ ހަމަޖެހިލައިގެން ހުންނަން ބުނަނީ އެކަން ހައްލުނުކޮށް ދޫކޮށްލުމުގެ ގޮތުން ނޫން ކަމަށެވެ. ހަމަޖެހިލަން ބުނަނީ ފަރުދާގެ ފުރަގަހުގައި އެކަން ހައްލު ކުރަން މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ.
އިރާނު ޓީމަށް ބޭނުންވި ގޮތަށް ކަންކަން ނުވިޔަސް އެކަމުގައި ކޮންމެވެސް ހައްލުތަކެއް ހޯދައި ދިނުމަކީ ފަރުދާގެ ފުރަގަހުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އިންފަންޓީނޯ ބުންޏެވެ.