އިބޯލާ ވައިރަސްގެ ބިރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ބޮޑުވެފައި ވީނަމަވެސް އެ ގައުމުގެ ގައުމީ ޓީމަށް ވޯލްޑް ކަޕަށް އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.
އިބޯލާ ވައިރަސް ފެތުރެމުންދާތީ އެމެރިކާއިން އަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކެއް އެމެރިކާއިން ވަނީ އަޅާފަ އެވެ.
އިބޯލާ ފެތުރެމުންދާ ގައުމަކުން ދަތުރުކުރާނަމަ އެމެރިކާއަށް ސްކްރީނިން މަރުހަލާއެއް ފުރިހަމަ ކުރަން އެމެރިކާ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އިބޯލާ ފެތުރެމުންދާ ކަމަށް އެމެރިކާއިން ކަނޑައަޅާފައިވާ ބައެއް ގައުމުތަކަކީ ޑީއާރު ކޮންގޯ، ޔޫގެންޑާ ސައުތު ސޫދާނެވެ. އެ ގައުމުތަކަށް ގޮސްފައި އަންނަ މީހުންގެ ތެރެއިން އެމެރިކާގެ ރައްޔިތުން ނޫން އެހެން މީހުން އެމެރިކާ އަށް އެތެރެވުން ވެސް އޮތީ މަނާކޮށްފަ އެވެ.
ނަމަވެސް މި ތިން ގައުމުގެ ތެރެއިން ވޯލްޑް ކަޕަށް ކޮލިފައިވި ހަމައެކަނި ގައުމަކީ ޑީއާރު ކޮންގޯ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ޓީމުން މިހާރުވެސް ޔޫރަޕްގައި ފަރިތަކުރުންތައް ކުރިއަށްގެންދާތީ، މި މަނާކުރުމުގެ ދަށަށް އެ ޓީމުގެ ސްކޮޑްގެ މެންބަރުން ނުވަނުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންނަމަވެސް، ފާއިތުވި 21 ދުވަހުގެ ތެރޭގައި ޓީމުގެ އެއްވެސް މެންބަރަކު ކޮންގޯގައި އުޅެފައިވާނަމަ، އެމެރިކާއަށް އެނބުރި އަންނަ އެގައުމުގެ ރައްޔިތުންނެކޭ އެއްގޮތަށް ހަރުކަށި ސްކްރީނިންގް މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭގޮތަށް އެމެރިކާގެ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.
މި އިސްތިސްނާ ހަމައެކަނި ދިނުމަށް ހަމަޖެހިފައިވަނީ ޑީއާރު ކޮންގޯގެ ފުޓްބޯޅަ ޓީމަށް އެކަންޏެވެ. ޓީމަށް ސަޕޯޓްކުރުމަށް އެގައުމުން އެމެރިކާއަށް ދާން ބޭނުންވާ އާންމު ސަޕޯޓަރުންނަށް މި ހުއްދައެއް ނުދޭނެކަމަށް ވެސް އެމެރިކާއިން ބުންޏެވެ.
ވޯލްޑް ކަޕްގައި ޑީއާރު ކޮންގޯ ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު ޓެކްސަސްގައި ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.