މި ސީޒަނަށް ފަހު މެންޗެސްޓާ ސިޓީގެ ކޯޗުކަން ދޫކޮށްލާ، ޕެޕް ގާޑިއޯލާ ނެތި ވެސް އެ ކްލަބަށް ތަށި ހޯދޭނެކަމަށް އެ ޓީމު ފޯވާޑް އާލިން ހާލަންޑް ބުނެފި އެވެ.
ގާޑިއޯލާ އަށް އަލްވަދާއު ކިއުމަށާއި ސިޓީގެ ކާމިޔާބު ފާހަގަ ކުރަން ބޭއްވި ޕެރޭޑްގައި ހާލަންޑް ބުނީ އަޑިގުޑަންތަކާއި އުސްގަނޑުތައް ނިމެން މިދާ ސީޒަންގައި ވެސް ސިޓީ އަށް ކުރިމަތިވި ކަމަށެވެ.
މި ސީޒަނުގައި ވެސް ޕްރިމިއާ ލީގު، ގާޑިއޯލާ އަކަށް ހޯދައެއް ނުދެވުނެވެ. އެއީ ޕްރިމިއާ ލީގު އެ ޓީމަށް ނުހޯދި ނިމުނު ވިދިވިދިގެން ދެވަނަ ސީޒަނެވެ. އެކަމަކު އޭނާ ވަނީ އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ސިޓީ އަށް ހޯދައި ދީފަ އެވެ.
އޭނާ ސިޓީގައި ހޭދަކުރި ކާމިޔާބު 10 އަހަރުގައި 20 ތަށި އެ ކްލަބަށް ހޯދައި ދިނެވެ. އޭގެތެރޭގައި ޕްރިމިއާ ލީގުގެ ހަ ތަށި ވެސް ހިމެނެ އެވެ.
ހާލަންޑް ބުނީ ގާޑިއޯލާ ނެތަސް، ސިޓީގެ ކުޅުންތެރިން ހިތްވަރު ދޫނުކޮށް ކުރިއަށް ގޮސްފިނަމަ ކާމިޔާބު ހޯދޭނެ ކަމަށެވެ.
"މިއީ އޮއްސުންތަކާއި އެރުންތަކުން (އަޑިގުޑަނާއި އުސްގަނޑުތަކުން) ފުރިގެންވީ ސީޒަނެއް. ނަމަވެސް އަހަރެމެން ހިތްވަރު ދޫނުކޮށް ކުރިއަށްދާން މަސައްކަތްކުރާނަން. އަދި ކާމިޔާބު ކުރެވެން އޮތް އެންމެ ބޮޑެތި ތަށިތައް ހޯދުމަށް ބުރަކޮށް މަސައްކަތްކުރާނަން،" ގާޑިއޯލާގެ ފަހުން ވެސް ސިޓީގެ އުއްމީދުތައް މަތިވާނެކަން ފާހަގަކޮށް ހާލަންޑް ބުންޏެވެ.
"އެއީ [ތަށިތައް] އަހަރެމެން ކާމިޔާބުކުރަން ބޭނުންވާ އެއްޗަކީ. އަދި އަހަރެމެން މިދަނީ ހުރިހާ މުބާރާތެއް އަލުން ކާމިޔާބުކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން. ބެނާޑޯ [ސިލްވާ] އަދި ޖޯން [ސްޓޯންސް]އާ އެކު، އަދި ހަމަޔަގީނުންވެސް ޕެޕްގެ އިރުޝާދުގެ ދަށުން ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް."
މި ސީޒަނަށް ފަހު ބެނާޑޯ ސިލްވާ އާއި ސްޓޯންސް ވެސް ސިޓީ ދޫކޮށްލާނެ އެވެ. ހާލަންޑް ބުނީ އެ ކުޅުންތެރިންނާއި ގާޑިއޯލާ އާއެކު ހޭދަކުރެވުނީ ވަރަށް ފުރިހަމަ ދަތުރެއް ކަމަށެވެ.
"ނަމަވެސް އެމީހުން ނުލައިވެސް އަހަރެމެން ކުރިއަށްދާން މަސައްކަތްކޮށް ވަރުގަދަ އަށް ވާދަ ކުރަންޖެހޭނެ. މިހާރު މިއީ އެމީހުންގެ ކާމިޔާބީ ފާހަގަކުރަންވީ ވަގުތު. ހަގީގަތުގައިވެސް އެއީ މި ކްލަބުގެ ލެޖެންޑުން،" ހާލަންޑް ބުންޏެވެ.
ގާޑިއޯލާ އަށް ފަހު ސިޓީގެ ކޯޗުކަމާ ހަވާލު ވާނީ ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާ އެވެ. އިޓަލީގެ ތަޖުރިބާކާރު ވަނީ މީގެ ކުރިން ސިޓީގެ ޔޫތު ޓީމުގެ ހެޑް ކޯޗުކަމާއި ސީނިއާ ޓީމުގައި ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
މެންޗެސްޓާގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ ޕެރޭޑްގައި ގާތްގަނޑަކަށް 19,000 މީހުން ބައިވެރިވި ކަމަށް އީއެސްޕީއެން ޔޫކޭ އިން ބުންޏެވެ.
އެ ޕެރޭޑްގައި ބެޔާން މިއުނިކްގެ ކޯޗު އަދި ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވެސް ބައިވެރިވި އެވެ. އޭނާ ވަނީ ގާޑިއޯލާގެ ކޯޗުކަމުގެދަށުން ސިޓީ އަށް ކުޅެފަ އެވެ. ބެޔާންގެ ކޯޗަކަށް އެ ކްލަބުން މީގެ ދެ އަހަރު ކުރިން ކޮމްޕެނީ ހަމަޖެއްސީ، ކުރިން އެ ކްލަބަށް ވެސް އިރުޝާދު ދިން ގާޑިއޯލާގެ ލަފާގެ މަތިން ކަމަށް އަޑުފެތުރިފައިވެ އެވެ.