މެންޗެސްޓާ ސިޓީގެ ކޯޗުކަން ދޫކޮށްލި ފަހުން، ޕެޕް ގާޑިއޯލާ އެ ޓީމުގެ ސްޓޭޑިއަމަށް އެނބުރި އައި މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން، ސިޓީ އަތްދަށުލައިފި އެވެ. 

މިދިޔަ ސީޒަނަށްފަހު ސިޓީގެ ކޯޗުކަމުން ވަކިވި ލެޖެންޑަރީ ކޯޗު ގާޑިއޯލާ، ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މެޗު ބަލަން ހުރީ، ޗެއާމަން ހަލްދޫން އަލް މުބާރަކްގެ ފަހަތުގައި އިނދެގެންނެވެ. 

އޭނާ ބަލަބަލާ ހުއްޓައި ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައި ތަފާތު ކުޅުމެއް ދައްކައި 3-0 ގެ ލީޑެއް ނަގާފަ އެވެ.

ދި އެތުލެޓިކް ނޫހުގައި މެޗާ ބެހޭގޮތުން އެ ނޫހުގެ  ތިން ލިޔުންތެރިޔަކު ގުޅިގެން ލިޔެފައިވާ މެޗު އެނަލިސްސްގައި ފުޓްބޯޅަ ލިޔުންތެރިޔާ ޖެކް ލޭންގް، ލިޔެފައި ވަނީ، އެހާ މޮޅު ފުރަތަމަ ހާފެއް ފުޓްބޯޅަ މެޗެއްގައި އޭނާ މިހާތަނަށް ނުދެކޭ ކަމަށެވެ. 

ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ މިޑްފީލްޑަރު މެގްނެސް އަކްލިއުޗޭ: އުފާފާޅުކުރަނީ --- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ މިޑްފީލްޑަރު މެގްނެސް އަކްލިއުޗޭ: އުފާފާޅުކުރަނީ --- ފޮޓޯ: އޭއެފްޕީ

"މެޗުގެ ފުރަތަމަ 45 މިނެޓުގައި ފެނިގެންދިޔަ ކުޅުމަށް ބަލާއިރު، އެއީ ހަނދާނުގައި ހުރި އެންމެ ވަރުގަދަ ހާފަށް ވުން ވެސް އެކަށީގެންވެ އެވެ.،" ޖެކް ލޭންގް ލިޔެފައިވެ އެވެ. 

މެޗުގެ 15 ވަނަ މިނެޓު ވެސް ނުވަނީސް ޑެޒިރޭ ޑުއޭ އަދި އުސްމާން ޑެމްބެލޭ ޖެހި ލަނޑުތަކުން ޕީއެސްޖީން 2-0 ގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ވިޓީނިއާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ވަރުގަދަ ހަމަލާއަކުން ތިންވަނަ ލަނޑު ޖަހައިފަ އެވެ.

ދެވަނަ ހާފަށް ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ގެނެއި ތިން ބަދަލާއެކު ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް، އާލިންގް ހާލަންޑް ޖަހައިދިން ދެ ލަނޑާ އެކު ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. 

ޕީއެސްޖީ އާއި ސިޓީގެ މެޗުގައި --- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީ އާއި ސިޓީގެ މެޗުގައި --- ފޮޓޯ: އޭއެފްޕީ

މެޗުގެ ފޯރިގަދަވި ދަނޑިވަޅެއްގައި ޕީއެސްޖީގެ މެގްނެސް އަކްލިއުޗޭ ޖެހި ހަމަލާ އެއް، ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުއްމާގެ އަތުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުން ސިޓީގެ އެނބުރި އައުމުގެ އުއްމީދުތައް ފުނޑުފުނޑުވި އެވެ. 

މެޗުގެ ފަހުކޮޅު ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ ޑޮނަރުއްމާ ދިފާއުކުރި އެވެ.

މެޗުގައި ސިޓީން 27 ހަމަލާ އުފެއްދި ނަމަވެސް، ލުއިސް އެންރީކޭގެ ވަރުގަދަ ޕީއެސްޖީ އަތުން ބަލިވުން ނޫން ގޮތެއް އެޓީމަކަށް ނުވި އެވެ.