ދޯހާ (މެއި 3) - މަގުބޫލް ކޯޗު ހޫލެން ލޮޕެޓެގީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ނެގި ގަތަރުގެ ގައުމީ ޓީމުގެ ސްކޮޑުގައި، އެ ގައުމުގައި ކުޅޭ އިންޑިއާ ނަސްލުގެ ޒުވާން ވިިންގާ ތަހްސީން މުހައްމަދު ޖަމްޝީދު ހިމަނައިފި އެވެ.

އުމުރުން 19 އަހަރުގެ ތަހްސީން އުފަން ވީ ގަތަރުގަ އެވެ. ނަމަވެސް އޭނާގެ މައިންބަފައިން ނިސްބަތް ވަނީ އިންޑީއާގެ ކެރެލާ ސްޓޭޓަށެވެ. އޭނާގެ ބައްޕަ ކުރިން ކެރެލާ ސްޓޭޓުގައި ޔުނިވާސިޓީ ފުޓްބޯޅަ ކުޅުނުކަމަށްވެ އެވެ. އޭނާ ގަތަރުގައި އަދާކުރަމުން އަންނަނީ އެކައުންޓެންޓެއްގެ ވަޒީފާ އެވެ.

ގަތަރުގެ މަގުބޫލް އެސްޕަޔާ އެކަޑަމީން ތަމްރީނު ވެގެން ތަހްސީން ވަނީ 2024 ވަނަ އަހަރު އެ ގައުމުގެ އައް ދުހައިލްގެ އެކަޑަމީއާ ގުޅިފަ އެވެ. ހަމަ އެ އަހަރު އޭނާ ވަނީ ސީނިއާ ޓީީމުގައި ހިމެނިގެން ގަތަރު ސްޓާސް ލީގުގައި ކުޅެން ފަށައިފަ އެވެ.

"އަހަރެންނަށް އަމިއްލަ ގައުމުގެ ގޮތުގައި ބެލެވެނީ ގަތަރު. އަހަރެންނަކީ ގަތަރުގެ ރައްޔިތެއް. ކުރިން ގަތަރުގެ 17 އަހަރާއި 19 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފައި ވުމާ އެކު އަހަރެން ގައުމީ ސްކޮޑަށް ނެގުމަކީ ހައިރާންވާ ކަމެއް ނޫން،" އިންޑިއަން އެކްސްޕްރެސް އިން ތަހްސީނާ ހަވާލާދީ ބުނެފައިވެ އެވެ.

ތަހްސީން ވަނީ އުމުރުން 17 އަހަރުގައި ގަތަރުގެ ސީނިއާ ޓީމަށް ކުޅެން ފަށައިފަ.-- ފޮޓޯ: ސޯޝަލްމީޑިއާ
ތަހްސީން ވަނީ އުމުރުން 17 އަހަރުގައި ގަތަރުގެ ސީނިއާ ޓީމަށް ކުޅެން ފަށައިފަ.-- ފޮޓޯ: ސޯޝަލްމީޑިއާ

ގަތަރުގެ އުމުރުފުރާގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައިވާ ތަހްސީނަށް ސީނިއާ ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ ވެސް 2024 ވަނަ އަހަރެވެ. އުމުރުން 17 އަހަރުގައި އޭރު ހުރި ކޯޗު ޓިންޓިން މާކުއޭޒްގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅެފަ އެވެ.

އެއަށް ފަހު މިދިޔަ އަހަރު ލޮޕެޓެގީ ގަތަރު ގައުމީ ޓީމާ ހަވާލު ވުމަށް ފަހު އަލުން ތަހްސީން އަށް ގައުމީ ސްކޮޑުން ވަނީ ފުރުސަތު ދީފަ އެވެ. ކޮލިފައިންގެ ފަހު ދެ މެޗަށް ނެގި ސްކޮޑުގައި އޭނާ ހިމެނި އެވެ. 

ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އޭނާ ފުރަތަމަ ކުޅުނީ މިދިޔަ ނޮވެމްބަރު މަހު ޒިމްބާބްވޭއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަ އެވެ. އޭގެ ފަހުން އޮތް ފީފާ އަރަބް ކަޕުން އޭނާއަށް ފުރުސަތު ނުލިބުނު ނަމަވެސް މިދިޔަ ހަފްތާ އަޔަލެންޑާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އޭނާ ކުޅުނެވެ.

ދެ ފަހަރު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ، އަކްރަމް އަފީފް އާއި ގަތަރުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ އަލްމުއީޒް އަލީ ވެސް ވަނީ ލޮޕެޓެގީގެ ސްކޮޑުގައި ވަނީ ހިމަނައިފަ އެވެ.

ސްޕެއިން ގައުމީ ޓީމާ އެކު 1994 ވަނަ އަހަރު ވޯލްޑް ކަޕް ކުޅުނު ލޮޕެޓެގީ ވަނީ ކޯޗެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކޮލިފައި ކޮށްދީފަ އެވެ. ނަމަވެސް ވޯލްޑް ކަޕަށް އެ ޓީމު ރަޝިއާގައި ތިއްބައި، އޭނާ މުބާރާތަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާނެކަން އިއުލާން ކުރުމާ ގުޅިގެން، ވޯލްޑް ކަޕް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް އޭނާ ވަނީ މަގާމުން ދުރު ކޮށްފަ އެވެ. މިއާ އެކު ސްޕެއިންގެ ކޯޗުކަން ހަވާލުކުރީ އޭނާ އާއެކު ވޯލްޑް ކަޕް ކުޅުނު ފެނާންޑޯ ހިއޭރޯއާ އެވެެ. މި އަހަރު ވެގެންދާނީ ކޯޗެއްގެ ގޮތުގައި ލޮޕެޓެގީ ވޯލްޑް ކަޕްގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރަށެވެ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ގަތަރު ކުޅޭނީ ސްވިޒަލެންޑާއި ކެނެޑާ އަދި ބޮސްނިއާ އެންޑް ހާޒިގޮވީނާއާ ދެކޮޅަށެވެ.