ވެންކޫވާ (ޖޫން 19) ޔުވެންޓަސް އަށް ކުޅެމުން އަންނަ ޖޮނަތަން ޑޭވިޑްގެ ހެޓްރިކަކާ އެކު ނުވަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ގަތަރު 6-0 އިން ބަލިކޮށް މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ، ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅު ވެއްޖެ އެވެ.

މީގެ ކުރިން ކެނެޑާ ވޯލްޑް ކަޕްގައި ކުޅެފައި ވަނީ އެންމެ ފަހުން އޮތް 2022 ގެ އިތުރުން 1986 ގައި މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. ދެ މުބާރާތް ވެސް ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުލިބި އެވެ.

ނަމަވެސް މި ތާރީހީ މޮޅާ އެކު ކެނެޑާ ވަނީ މި އަހަރުގެ މުބާރާތުން ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ. ގުރޫޕް ބީގައި ކެނެޑާ އާއި ސްވިޒަލެންޑް ވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ގަތަރާއި  ބޮސްނިއާ އެންޑް ހާޒިގޮވީނާ އަށް ވެސް ދެ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

ކެނެޑާގެ ފުރަތަމަ ގޯލަށް ފަހު.-- ފޮޓޯ: ޕްރޮފިމީޑިއާ
ކެނެޑާގެ ފުރަތަމަ ގޯލަށް ފަހު.-- ފޮޓޯ: ޕްރޮފިމީޑިއާ

މެޗުގެ 16 ވަނަ މިނިޓުގައި ކެނެޑާއަށް ލީޑު ނަގައިދިނީ، ފުރަތަމަ މެޗުގައި ވެސް އެ ޓީމަށް ޖަނޑު ޖަހައިދިން ސައިލް ލާރިން އެވެ. އަދި 29 ވަނަ މިނިޓުގައި ޖޮނަތަން ޑޭވިޑް ވަނީ ކެނެޑާއަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ކެނެޑާއިން ލީޑު ފުޅާ ކުރިތާ ހަތަރު މިނިޓް ފަހުން ގަތަރުގެ ހުމާމް އަލް އަމީން މުހައްމަދު އަހުމަދު، ކެނެޑާގެ ޓޯޔާން ބުޗްނާން އަށް ފައުލް ކުރުމާ ގުޅިގެން ރެފްރީ ވަނީ ފުރަތަމަ އޭނާއަށް ރީނދޫ ކާޑެއް ދައްކައި، ކެނެޑާ އަށް ޕެނަލްޓީއެއް ދޭން ނިންމައިފަ އެވެ. ނަމަވެސް ވީއޭއާރު ރިވިއު އަށް ފަހު، ފައުލް ކުރީ އޭރިއާ ރޮނގު މަތިން ކަމަށް ބަލައި ހިލޭ ޖެހުމަކަށް ބަދަލުކޮށް، ހުމާމް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ޖޮނަތަން ޑޭވިޑް ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ގަތަރު ނުވަ ކުޅުންތެރިންނަށް މަދުވީ، 50 ވަނަ މިނިޓުގައި އާސިމް މާދީބޫ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ކެނެޑާގެ އިސްމާއިލް ކޯނޭ އަށް ކުރި މި ފައުލާ ގުޅިގެން ކޯނޭ، 24ގެ ފައި ބިނދިފައި ވާތީ ސާޖަރީ ކުރަން ޖެހިފައިވާ ކަމަށް ކޯޗު ޖެސީ މާޝް ވަނީ މެޗަށް ފަހު ހާމަ ކޮށްފަ އެވެ.

ކޯނޭ އަކީ ކެނެޑާގެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރު ހޯދާފައިވާ އެ ޓީމުގެ މުހިއްމު މިޑްފީލްޑަރެކެވެ. އަށިގަނޑުގައި އޭނާ ދަނޑުން ބޭލީ ހަތް ވަރަކަށް މިނިޓު ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އެވެ.

ކެނެޑާގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނިޓުގައި ޖެހީ ކޯނޭގެ ބަދަލުގައި އެރުވި ޒުވާން މިޑްފީލްޑަރު ނޭތަން ސަލިބާ އެވެ. އެެ ޓީމުގެ ފަސްވަނަ ލަނޑަކީ 75 ވަނަ މިނިޓުގައި ގަތަރުގެ މުހައްމަދު މަނާއީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޖޮނަތަން ޑޭވިޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގަ އެވެ.

ސަލިބާ ކެނެޑާ އަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ސަލިބާ ކެނެޑާ އަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެން ބޭނުންވީ ސަޕޯޓަރުން ކައްކުވާލާ ފަދަ ފުޓްބޯޅައެއް ކުޅެން. އަހަރެމެން ބޭނުންވީ ޓީމުގެ ހުނަރު ދައްކާލަން، އަހަރެމެންގެ މެންޓާލިޓީ ދައްކާލަން. މި މެޗު ބެލުމަށް ދަނޑުގައި ތިބި ކަމަށް ދައުވާ ކުރާނެ 40 މިލިއަނެއްހާ ކެނެޑާގެ ރައްޔިތުން ވާނެ، އެކަމަކު ދަނޑުގައި ހަގީގަތުގައި ތިބި 55،000 މީހުންނަކީ ނަސީބު ގަދަ ބަޔެކޭ އަހަރެންނަށް ބުނެވޭނީ،" މެޗަށް ފަހު ކެނެޑާގެ ކޯޗު މާޝް ބުންޏެވެ.

މާޝް އިތުރަށް ބުނީ މެޗުގައި އަނިޔާވި ކޯނޭ އަށް އަވަސް ޝިފާއެއް ލިބުމަށް އުންމީދު ކުރާ ކަމަށާއި އޭނާ އަކީ މުސްތަގުބަލް ވަރަށް އުޖާލާ، އަދި ކެނެޑާގެ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

ހޫލެން ލޮޕެޓެގީގެ ގަތަރު ޓީމު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ ބޮސްނިއާ އެންޑް ހާޒިގޮވީނާއާ ދެކޮޅަށެވެ. ލޮޕެޓެގީ ބުނީ އެ ޓީމު އެންމެ ފަހު ވަގުތާ ހަމައަށް ވެސް އުންމީދު ކަނޑާނުލައި މަސައްކަތް ކުރާނެ ކަމަށެވެ.

"ދެ ތަރް ކާޑު ދައްކައިފި އެ މީހުނަށް ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ. ޓީމުތަކުގެ މެދުގައި ބޮޑު ތަފާތެއް އެބަ ހުރި އަދި ކުރިއަށް އޮތް މެޗު މާ އުނދަގޫ ވާނެ. އެކަމަކު އަހަރެމެން މި ތިބީ ބަޔަކު ޖާގައެއް ދީގެނެއް ނޫން ކުލެން އައިސް، މިއީ އަހަރެމެން ބުރަ މަސައްކަތުން ހޯދި ޖާގައެއް. އެހެންވީމަ އަހަރެމެން އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާނަން." ލޮޕެޓެގީ ބުންޏެވެ.