ވޯލްޑް ކަޕްގައި ކޯޗު ކާލޯ އަންޗެލޮޓީ، ބްރެޒިލްގެ ކަނާތު ބެކެއްގެ ގޮތުގައި ބޭނުންކުރާނެ ކަމަށް ބެލެވުނު 22 އަހަރުގެ ވެސްލީ ފްރާންޝާ އަށް އަނިޔާ ވުމާ ގުޅިގެން މިޑްފީލްޑަރު އެޑަސަން އަށް ސްކޮޑުން ފުރުސަތު ދީފި އެވެ.

އިޓަލީގެ އޭއެސް ރޯމާ އަށް ކުޅެމުން އަންނަ، އަދި މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިވާ ވެސްލީއަށް އަނިޔާވީ ހޮނިހިރު ދުވަހު މިސްރާ ދެކޮޅަށް ކުޅެ 2-1 އިން ބްރެޒިލް މޮޅުވި ރަހުމަތްތެރިކަމުގެ މެޗުގަ އެވެ.

މިއާ އެކު ބްރެޒިލުން ވަނީ ވެސްލީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ހާމަކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި، އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ އެޑަސަން، ބްރެޒިލް ސްކޮޑާ މިއަދު ގުޅޭނެކަން ވަނީ ހާމަކޮށްފަ އެވެ.

ބްރެޒިލް ސްކޮޑުން ފަހު ވަގުތު ފުރުސަތު ހޯދި އެޑަސަން.-- ފޮޓޯ: އޭއެފްޕީ
ބްރެޒިލް ސްކޮޑުން ފަހު ވަގުތު ފުރުސަތު ހޯދި އެޑަސަން.-- ފޮޓޯ: އޭއެފްޕީ

އުމުރުން 26 އަހަރުގެ އެޑަސަން، 47 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން އެޓަލާންޓާ އިން އެއްބަސް ވެފައި ވާކަމަށް މިދިޔަ ހަފްތާގައި ވަނީ މީޑިއާތަކުން ރިޕޯޓް ކޮށްފަ އެވެ. މި ޓްރާންސްފާ ފީގެ އިތުރުން ޕާފޯމަންސް ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ވެސް ޔުނައިޓެޑުން ހުށަހަޅާފައި ވާކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

އެޑަސަން ޔުނައިޓެޑާ ގުޅުމަށް ހަމަޖެހިފައި ވަނީ 2030ގެ ނިޔަލަށް، އިތުރު އެއް އަހަރަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތާ އެކު އެވެ.

އެޑަސަން އެންމެ ފުރަތަމަ ގައުމީ ޓީމުގައި ހިމެނުނީ 2024 ވަނަ އަހަރު ނެގި ކޮޕާ އެމެރިކާ ސްކޮޑުގަ އެވެ. އަދި އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ތިން މެޗު ކުޅެފަ އެވެ.

ވެސްލީ އަށް އަނިޔާ ވެފައި ވަނީ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލް ކުޅުނު ފަހު މެޗުގައި.-- ފޮޓޯ: އޭއެފްޕީ
ވެސްލީ އަށް އަނިޔާ ވެފައި ވަނީ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލް ކުޅުނު ފަހު މެޗުގައި.-- ފޮޓޯ: އޭއެފްޕީ

މިއީ 20 އަހަރު ތެރޭ، އަނިޔާއެއްގެ ސަބަބުން ބްރެޒިލްގެ ސްކޮޑަކަށް ބަދަލު ގެންނަން ޖެހުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މިފަދަ ހާލަތެއް މެދުވެރިވީ 2006 ގައި އޭރު ބާސެލޯނާއަށް ކުޅެމުން ދިޔަ މިޑްފީލްޑަރު އެޑްމިލްސަން އަށް އަނިޔާ ވުމުންނެވެ. އެޑްމިލްސަންގެ ބަދަލުގައި އެ ފަހަރު ފުރުސަތު ދިނީ ސައު ޕައުލޯ އަށް ކުޅެމުން ދިޔަ މިނެއިރޯއަށެވެ.

ވެސްލީއާ އެކު އެޑަސަން މިލިޓާއޯ އާއި ރޮޑްރީގޯ އަދި އެސްޓަވާއޯ އަށް ވެސް ވަނީ އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ގެއްލިފަ އެވެ.

ބްރެޒިލް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ނޭމާ އަންނަނީ އޭނާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރިކަވާ ވާން މަސައްކަތް ކުރަމުންނެވެ. އޭނާގެ ރިކަވަރީގެ ކުރިއެރުން ބެލުމަށް މިއަދު އެމްއާރުއައި ސްކޭނެއް ހަދާނެ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

ބްރެޒިލް ވަނީ ވޯލްޑް ކަޕްގެ ކުރިން އެ ޓީމުގެ ރަހުމަތްތެރިކަމުގެ މެޗުތައް ނިންމާލައިފަ އެވެ. މުބާރާތުގެ ގުރޫޕް ސީގައި ބްރެޒިލް ވާދަ ކުރަން ހަމަޖެހިފައި ވަނީ މޮރޮކޯ އާއި ހައިޓީ އަދި ސްކޮޓްލެންޑާ އެވެ.