ރެކޯޑް ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް ގައުމީ ޓީމް، އަންނަ އޮކްޓޯބަރު މަހު އިންޑިއާގެ ކޮލްކަތާގައި ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓް ކޮށްފި އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން އިންޑިއާގައި މެޗު ކުޅުމަށް އޮގަނައިޒަރުންނާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބްރެޒިލްގެ ނޫސް އެސްޓަޑާއޯ އިން ބުނެފައިވެ އެވެ. އެ ނޫހުން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ މަޝްވަރާތަކުގެ އެންމެ ފަހުގެ މަރުހަލާތަކެވެ.

ނަމަވެސް އިންޑިއާގައި ބްރެޒިލް ކުޅޭނީ، ކޮން ގައުމަކާ ދެކޮޅަށް ކަން އަދި ޔަގީނެއް ނޫނެވެ.

އިންޑިއާއާ އެކު ބްރެޒިލް ކޮންފެޑެރޭޝަނުން މަޝްވަރާތައް ފަށާފައި ވަނީ ނިމިދިޔަ  ވޯލްޑް ކަޕް، ކުރިއަށް ދިޔަ އިރު އިންޑިއާގައި ބްރެޒިލް އަށް އޮތް ތާއީދު ފެންނަ ވީޑިއޯތަކެއް ސޯޝަލްމީޑީއާގައި ވައިރަލް ވުމާ ގުޅިގެންނެވެ.

އެގޮތުން ކޮލްކަތާގައި ބްރެޒިލް އަށް ސަޕޯޓް ކުރުމުގެ ގޮތުން މަގުތަކުގައި ރީނދުލާއި ފެހި ކުލައިން ޖަރީކޮށްފައިވާ މަންޒަރު ގިނަ ވީޑިއޯތަކެއް އާއްމުވި އެވެ. އަދި ކެރެލާ ސްޓޭޓްގެ ރައްޔިތުން ވެސް ވަނީ ވޯލްޑް ކަޕްގައި ބްރެޒިލް އަށް އާދަޔާ ހިލާފް ސަޕޯޓެއް ދީފަ އެވެ.

އިންޑިއާގެ އިތުރުން ސިންގަޕޫރާއި ގަތަރު އަދި ދެކުނު އޭޝިއާގެ ބަންގްލަދޭޝްގައި މެޗުތައް ކުޅެން ބްރެޒިލުން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަޝްވަރާތައް ފެށުނު ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައި މި ވަނީ އިންޑިއާއާ އެކު އެކަންޏެވެ.

މީގެ އިތުރުން، ދަތުރުފަތުރުގެ ބުރަ އާއި ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ބޭނުންވާނެތީ، އޭޝިއާ ސަރަހައްދުގައި ގިނަވެގެން ކުޅޭނީ ތިން މެޗު ކުޅުމަށް ބްރެޒިލް އިން ނިންމާފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

ޕެލޭ އާއި އިންޑިއާ ފުޓްބޯޅައާ އޮތް ގުޅުން

އިންޑިއާގެ ކޮލްކަތާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ބްރެޒިލް އަށް ހާއްސަ މަގާމެއް ދެވިފައިވާ ސިޓީއެކެވެ. ފުނިޔޭގެ ލެޖެންޑް، ޕެލޭ ވަނީ އެމެރިކާގެ ނިއު ޔޯކް ކޮސްމޯސް އާ އެކު 1977 ވަނަ އަހަރު މޯހަން ބަގާނާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ.

ޕެލޭ، 1977 ގައި މޯހަން ބަގާނާ ދެކޮޅަށް ކުޅެނީ.--
ޕެލޭ، 1977 ގައި މޯހަން ބަގާނާ ދެކޮޅަށް ކުޅެނީ.--

އެ އަހަރުގެ ސެޕްޓެމްބަރު މަހު އެޑެން ގާޑެންސް ސްޓޭޑިއަމްގައި 80،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ޕެލޭ އަށް ލަނޑެއް ނުޖެހުނެވެ.

އޭގެ ހަފްތާއެއް ފަހުން އޮކްޓޫބަރު 1977 ގައި މަހުގައި ސަންޓޯސް އާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ފަހު ޕެލޭ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ.

ގަތަރުގައި 2022 ވޯލްޑް ކަޕް ކުރިއަށް ދަނިކޮށް އެ އަހަރުގެ ޑިސެމްބަރު މަހު ޕެލޭ މަރުވީ އުމުރުން 82 އަހަރުގަ އެވެ.  ޕެލޭ ވަނީ އިތުރު ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ޒިޔާރަތް ކޮށްފަ އެވެ. ކުޅުން ހުއްޓާލިތާ 38 އަހަރު ފަހުން 2015 ގައި އޭނާ ކުރި ދަތުރުގައި ވަނީ އެ ގައުމުގެ ބައެއް ކްލަބް މެޗުތައް ބަލައިލައިފަ އެވެ. އެންމެ ފަހުން 2018 ގައި އޭނާ އިންޑިއާއަށް ދިޔައީ ލީޑާޝިޕް ސަމިޓަކަށެވެ.

ޕެލޭ މަރުވުމާ ގުޅިގެން 2023 ވަނަ އަހަރު އެޑެން ގާޑަންސްގައި އިންޑިއާ އާއި ސްރީލަންކާ ކުޅުނު ކްރިކެޓް މެޗެއްގެ ކުރިން، އޭނާގެ ހަނދާން އާ ކުރި އެވެ. މޯހަން ބަގާނާ ދެކޮޅަށް ކުޅެ،