ނިއު ޔޯކް ސިޓީ (ޖުލައި 1) - ސްވިޑެން އަށް މާ ބޮޑު ފުރުސަތެއް ނުދީ 3-0 އިން މޮޅު ވެގެން ފްރާންސް، ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

މި ނަތީޖާއާ އެކު ފްރާންސް ވެފައި ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ފަސް މެޗުގައި ތިން ގޯލު ކާމިޔާބު ކުރި ފުރަތަމަ ޓީމަށެވެ. ގުރޫޕް ސްޓޭޖުގައި 3-1 އިން ސެނެގާލް، 3-0 އިން އިރާގް އަދި 4-1 އިން ނޯވޭ ބަލި ކޮށްފައި ވާއިރު، އެންމެ ފަހުން އޮތް 2022 ގެ ފައިނަލްގައި އާޖެންޓީނާ ކޮޅަށް ވެސް ވަނީ ތިން ގޯލު ޖަހައިފަ އެވެ.

މި އަހަރުގެ ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގެ މެޗުގައި ރޭ ފްރާންސް ފުރަތަމަ ހާފު ނިންމާލީ ހާފުގެ ފަހު މިނިޓުގައި އުސްމާން ޑެމްބެލޭ ދިން ބޯޅައެއް ހިފައިގެން ކުރިއަށް ޖެހިލައި ކިލިއަން އެމްބާޕޭ ޖަހައިދިން ގޯލުންނެވެ.

މީގެ ކުރިން ވެސް މި ހާފުގައި އެ ޓީމަށް ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އެމްބާޕޭ އާއި ބްރެޑީ ބާކޮލާ އާއި މައިކަލް އޮލީސޭ އަދި ޑެމްބެލޭ އަދި އެޑްރިއެން ރަބޮއޯގެ ހަމަލާތައް ވަނީ ނާކާމިޔާބު ވެފަ އެވެ. އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒު ވެފައިވެ އެވެ. އަދި ފަހުން އޮލީސޭ ފޮނުވާލި އޯވާހެޑް ކިކް ވެސް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނު އިރު ރީބައުންސް ބޯޅަ ޑެމްބެލޭ ފޮނުވާލުމުން ދިޔައީ ގޯލުގެ ކަނާ ދިމާލުން ބޭރަށެވެ.

ދެވަނަ ހާފުގައި ފްރާންސްގެ ލީޑު ފުޅާ ކުރީ 53 ވަނަ މިނިޓުގައި ބާކޮލާ ޖަހައިދިން ގޯލުންނެވެ. އަދި އެމްބާޕޭ ވަނީ 74 ވަނަ މިނިޓުގައި ފްރާންސްގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ. ދެ ގޯލު ވެސް އެސިސްޓް ކޮށްދިނީ އޮލީސޭ އެވެ.

އެމްބާޕޭ މި ވަނީ މި މުބާރާތުގައި މިހާތަނަށް ޖުމްލަ ހަ ލަނޑު ހަމަކޮށް ލަނޑު ލިސްޓުގެ ކުރީގައި އާޖެންޓީނާގެ ލިއޮނެލް މެސީއާ އެއްވަރު ކޮށްފަ އެވެ.

މީގެ އިތުރުން އެމްބާޕޭ މި ވަނީ ފީފާ ވޯލްޑް ކަޕްގައި އޭނާ މިހާތަނަށް ކުޅުނު ޖުމްލަ 18 މެޗުން 18 ގޯލު ކާމިޔާބު ކޮށް، 29 މެޗުން 19 ގޯލު ޖަހައިގެން ލިސްޓުގެ ކުރީގައި އޮތް މެސީއާ އޮތް ފަރަގު އެއް ގޯލަށް ކުޑަ ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި އޭނާ ވަނީ މުބާރާތުގެ ކުރިން 16 ގޯލާ އެކު އެންމެ ކުރީގައި އޮތް ޖަރުމަންގެ މިރޮސްލާވް ކްލޯސާއާ އެއްވަރު ކޮށްފަ އެވެ.

ހަމަ އެއާ އެކު އެމްބާޕޭ ވެފައި ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ނޮކައުޓް ބުރުގެ މެޗުތަކުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އަށް ގޯލު ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އާއި ލިއޯނީޑަސް އަތުގަ އެވެ. އެމްބާޕޭ ވަނީ ރޭގެ ދެ ގޯލާ އެކު ޖުމްލަ 10 ގޯލު ހަމަ ކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16 ގައި ފްރާންސް ވާދަ ކުރާނީ ޖަރުމަން ކަޓުވާލި ޕެރަގުއޭއާ ދެކޮޅަށެވެ.