ލޮސް އެންޖެލިސް (ޖުލައި 3) - ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ސްޕެއިން ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުގެ މެޗަކުން މޮޅު ވެއްޖެ އެވެ.

ސްޕެއިން ވަނީ މިރޭ ކުޅުނު މި އަހަރުގެ ފުރަތަމަ ނޮކައުޓް ބުރުގެ މެޗުގައި 3-0 އިން އޮސްޓްރިއާގެ މައްޗަށް ކުރި ހޯދައިގެން މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.

ސްޕެއިން ވަނީ ވޯލްޑް ކަޕްގެ ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި 2014 ގައި ނުކުމެ އެ އަހަަރު ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އަދި އޭގެ ފަހުން ފާއިތުވި ދެ އަހަރު ވެސް ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން ވަނީ ޕެނަލްޓީ ޖަހައިގެން ބަލި ވެފަ އެވެ.

އޮޔާޒަބަލް (ކ) މެޗުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
އޮޔާޒަބަލް (ކ) މެޗުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ސްޕެއިނުން ގިނަ ހަމަލާތަކެއް ފޮނުވާލި މިރޭގެ މެޗުގެ 29 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި މާކް ކުކުރެޔާގެ ގޯލަކުން ލީޑު ނެގީ ކަމަށް ހީކުރެވުނެވެ. ނަމަވެސް އޭގެ ކުރިން ސްޕެއިން ކުޅުންތެރިން ކީޕަރަށް ފައުލް ކޮށްފައި ވާކަމަށް ނިންމައި އެ ގޯލު ބަލައެއް ނުގަނެ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އޭގެ ހަތް މިނިޓު ފަހުން މެޗުގެ 36 ވަނަ މިނިޓުގައި ޖަހައިދިނީ މިކޭލް އޮޔާޒަބަލް އެވެ. އޭނާ ވަނީ ކުކުރެޔާ ތިރިތިރިން ނަގައިދިން ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްޕެއިން އިން އިތުރު ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެލެކްސް ބައޭނާ ހިލޭޖެހުމުން ފޮނުވާލި ބޯޅަ ގޯލުގެ ކަނާ ދިމާލުން ހުރަސް ދަނޑިއަށް އަމާކު ވި އިރު، ހަމަ އެ ބޯޅައިން ތަނަވަސްވި ހުސް ފުރުސަތެއްގައި ލަމީން ޔަމާލް ފޮނުވާލުމުން ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ޕެޑްރޯ ޕޯރޯ މެޗުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިންނާ އެކު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޕެޑްރޯ ޕޯރޯ މެޗުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިންނާ އެކު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފުގެ ފުރަތަމަ 15 މިނިޓު ތެރޭގައި އޮސްޓްރިއާ އިން ވަނީ ނަތީޖާ އެއްވަރު ކުރަން ރަނގަޅު ފުރުސަތެއް ހޯދި އެވެ. ނަމަވެސް ސާޝާ ކަލިއެޒިޗް ގޯލު ކުރިމަތީ ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން 66 ވަނަ މިނިޓުގައި ބައޭނާ އޭރިއާ ތެރޭން އަރިމަތިން އަރައި ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން ޕެޑްރޯ ޕޯރޯ ވަނީ ސްޕެއިން އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މިއީ ޓޮޓްނަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޑިފެންޑަރު ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުގެ 85 މިނިޓުގައި ޔަމާލް ފޮނުވާލި ހަމަލާއެއް އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ވަނީ ގޯލު ލައިން މަތީ ހުރެ ކްލިއާ ކޮށްފަ އެވެ. އޭގެ ހަތަރު މިނިޓު ފަހުން އޮޔާޒަބަލް ވަނީ ކުކުރެޔާ ނަގައިދިން ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެން މުބާރާތުގައި އޭނާގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްފަ އެވެ.

މި އަަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ސްޕެއިން ކޮޅަށް އަދި ގޯލެއް ނުވަދެ އެވެ. ސްޕެއިންގެ އިތުރުން މުބާރާތުގައި އަދި ގޯލެއް ނުވަދެ އޮތީ މެކްސިކޯ އެވެ.

މުބާރާތުގެ ގަދަ 16 ގައި ސްޕެއިން ނުކުންނާނީ ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.