ވެންކޫވާ (ޖުލައި 3) - މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އަލްޖީރިއާ ވާދަކޮށް 2-0 އިން މޮޅުވެ، ސްވިޒަލެންޑް ގަދަ 16 އަށް ހޮވިއްޖެ އެވެ.
މިއީ ސްވިޒަލެންޑް 88 އަހަރަށް ފަހު ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ނޮކައުޓް ބުރުގެ މެޗަކުން މޮޅުވީ 1938ގަ އެވެެ. އެ އަހަރާއި އޭގެ ކުރިން 1934 ގައި އޮތް މުބާރާތުގައި ސްވިިޒަލެންޑް ވަނީ ގަދަ 16 ގެ މެޗު ކާމިޔާބު ކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ސްވިޒަލެންޑް ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ގަދަ 16 ގައި ވާދަ ކޮށްފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ޖުމްލަ 48 ޓީމާ އެކު ގުރޫޕް ސްޓޭޖް ކުރިއަށް ގެންދިޔަ އިރު ނޮކައުޓް ބުރު ފެށީ 32 ޓީމާ އެކު އެވެ.
މިއަދުގެ މެޗުގައި ސްވިޒަލެންޑް ވަނީ 10 ވަނަ މިނިޓުގައި ބްރީލް އެމްބޫމޫގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ދެވަނަ ހާފު ފެށުނުތާ މިނިޓެއް ތެރޭ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދީނީ ޑޭން އެންޑޯޔޭ އެވެ.
ގަދަ 16 ގައި އަންނަ އަންގާރަ ދުވަހުގެ ރޭ ސްވިޒަލެންޑް ނުކުންނާނީ ކޮލަމްބިއާ އާއި ގާނާ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ސްވިޒަލެންޑްގެ ކޯޗު މޫރަތު ޔަކިން، 51، ބުނީ އެ ޓީމުން މެޗުގެ ކުރީކޮޅު ޖެއްސި ޕްރެސިން ގޭމް މަސައްކަތް ނުކުރި ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް ލިބުނު ހުސް ޖާގަތަކުން ބޭނުން ހިފުނު ކަމަށެވެ. އަދި މިއީ ޓީމަށް ހައްގު މޮޅެއް ކަމަށާއި މުޅި ޓީމާ މެދު ވެސް އޭނާ ފަހުރުވެރި ވާ ކަމަށެވެ.
"އަހަރެމެން ޓީމުން ވަނީ ވަރަށް މޮޅަށް މެޗުގައި ޑިފެންސް ކޮށްފަ. އިދިކޮޅަށް އަހަރެމެންގެ ކުޅުންތެރިން އެއްވެސް ފުރުސަތެއް ނުދިން. މި ޓީމަށް މަރުހަބާ ކިޔަން، މިއީ އުނދަގޫތަކެއް ދިމާވި މެޗެއް. އެކަމަކު ރަނގަޅު ވަގުތުގައި ގޯލު ޖެހުމުން ލުޔެއް ލިބުނީ. އަހަރެން ގަބޫލު ކުރާ ގޮތުގައި މިއީ އަހަރެމެންނަށް ހައްގު މޮޅެއް." ސްވިޒަލެންޑްގެ ކޯޗު ބުންޏެވެ.
"ރަނގަޅު ވަގުތުގައި ގޯލު ޖެހުން އެއީ ވަރަށް މުހިއްމު ކަމެއް. ނަސީބު ވެސް އެހީވި. އެކަމަކު ގޯލަށް ފަހު އަހަރެމެންނަށް ޑޮމިނޭޓް ކުރެވުނު މެޗު. ކުޅުންތެރިންގެ ޕާފޯމަންސާ މެދު ހިތްހަމަ ޖެހޭ، އެއީ އަހަރެމެން މި ކުޅުނީ އިންޑިވިޖުއަލީ ވަރަށް މޮޅު ކުޅުންތެރިންތަކަކާ ދެކޮޅަށް."
މީގެ އިތުުރުން، ގަދަ 16 ގައި އެ ޓީމު ނުކުންނަނީ ކޮން ޓީމަކާ ދެކޮޅަށްތޯ ބެލުމަށް ވުރެ އޭނާ އިސްކަން ދެނީ ކުޅުންތެރިން އޭނާގެ ގޭމް ޕްލޭނާ އެއްގޮތަށް ރަނގަޅަށް ކުޅުވައިގެން ނަތީޖާ ނެރެން ކަމަށް ވެސް ކޯޗު ބުންޏެވެ.