ބޮސްޓޮން (ޖުލައި 10) - މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީ ނާކާމިޔާބު ވިއަސް ފަހު ހާފުގައި ޖެހި ލަނޑުތަކުން 2-0 އިން މޮރޮކޯ ބަލިކޮށް ފްރާންސް، ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޕެނަލްޓީ ލިބުނީ މެޗުގެ 25 ވަނަ މިނިޓުގައި ނުސެއިރް މަޒްރާވީ ފްރާންސްގެ ކިލިއަން އެމްބާޕޭއަށް ފައުލް ކުރުމުންނެވެ. ނަމަވެސް އެމްބާޕޭ ފޮނުވާލި ޕެނަލްޓީ، މޮރޮކޯގެ ކީޕަރު ޔަސީން ބޫނޫ ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ ކުރިން މެޗުގައި ބޫނޫ ވަނީ ޑަޔޯ އުޕަމެކާނޯ ގޯލު ކުރިމަތީ ހުރެ ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ދިފާއު ކޮށްފަ އެވެ.
ޕެނަލްޓީ ނާކާމިޔާބު ވިއަސް ފްރާންސުން ހޯދި ފުރުސަތުތަކުގައި ޑިޒިރޭ ޑޫއޭގެ ހަމަލާއެއް ބޫނޫ ދިފާއު ކުރި އިރު އުސްމާން ޑެމްބެލޭގެ ބާރު ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ. މި ހާފުގެ އިތުރު ވަގުތުގައި ލޫކާ ޑީނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ހާފުގައި މޮރޮކޯ އަށް ލިބުނު ހަމައެކަނި ފުރުސަތަކީ އެންމެ ފަހު ސިކުންތުކޮޅު ތެރޭ އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭޖެހުމެވެ. ނަމަވެސް ކެޕްޓަން އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ މާ ދުރުން ބޭރަށެވެ.
ފްރާންސް ލީޑު ނެގީ 60 ވަނަ މިނިޓުގައި އެމްބާޕޭ ޖަހައިދިން ގޯލުންނެވެ. މިއީ އެމްބާޕޭ ވޯލްޑް ކަޕް މުބާރާތުގައި މިހާތަނަށް ކުޅުނު 20 މެޗުން ކާމިޔާބު ކުރި 20 ވަނަ ގޯލެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕްގައި ޖެހި އަށްވަނަ ގޯލެވެ.
އެމްބާޕޭ ލީޑޫ ނަގައިދިންތާ ހަ މިނިޓު ފަހުން ފްރާންސް ލީޑު ފުޅާ ކުރީ އުސްމާން ޑެމްބެލޭ ޖަހައިދިން ގޯލުންންވެެ.
ދެވަނަ ހާފުގައި މޮރޮކޯ ހޯދި ފުރުސަތުތަކުގައި ނީލް އަލް އައިނޫއީގެ ހަމަލާ ގޯލާ އަމާޒު ކޮށް ނުލެވުނު އިރު އަޒަދީން އޮނާހީގެ ހަމަލާ ކީޕަރު މައިކް މައިނާން ވަނީ ދިފާއު ކޮށްފަ އެވެ. މެޗުގެ ފަހު ވަގުތު އެރުވި ފްރާންސްގެ ޖިއާން ފިލިޕޭ މަޓޭޓާއަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ.
މޮރޮކޯ އާއި ފްރާޏްސް ވަނީ އެންމެ ފަހުން އޮތް 2022 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ބައްދަލު ކޮށްފަ އެވެ. އެ ފަހަރު ވެސް ފްރާންސް މޮޅުވީ ހަމަ މި ނަތީޖާއިންނެވެ.
މި އަހަރުގެ ސެމީ ފައިނަލްގައި ފްރާންސް ނުކުންނާނީ ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.