ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަންޏެއް ނޫނެވެ. މި މިފަހަރުގެ ވޯލްޑް ކަޕަކީ ޒަމާންތަކަކަށް ފަހު ވޯލްޑް ކްލާސް ތަރިން އެންމެ ގިނަ ވޯލްޑް ކަޕެވެ.
ކިލިޔަން އެމްބާޕޭ އާއި އާލިންގް ހާލަންޑެވެ. އަދި ހެރީ ކޭން އާއި އުސްމާން ޑެމްބެލޭ އެވެ. މުހައްމަދު ސަލާހާއި މައިކަލް އޮލިސޭ ޖޫޑް ބެލިނަހްމް އަދި މާޓިން އޮޑެގާޑެވެ. ވިނީޝިއުސް ޖޫނިއާ އާއި ނޭމާ އެވެ.
އަދި އެ ކުޅުންތެރިންނަކީ އެ ޓީމުތަކުގެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.
ސްޕެއިންގައި ވެސް ވޯލްޑް ކްލާސް ކުޅުންތެރިން އެބަތިއްބެވެ. މިޑްފީލްޑަރު ރޮޑްރީ ހެނާންޑޭޒާއި ލަމީން ޔަމާލެވެ.
އެކަމަކު ވޯލްޑް ކްލާސް ތަރިންގެ ދައުރު ބޮޑު މުބާރާތެއްގައި ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ވަކި ސުޕަ ސްޓާރަކަށް ބަރޯސާނުވެ މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ދެއްކި ޑިސިޕްލިން ކުޅުމެވެ.
ސެމީ ފައިނަލުގައި ފްރާންސްގެ ނުރައްކާތެރި ހަމަލާތައް ސްޕެއިނުން ހުއްޓުވީ މެޗުގެ ގޭމް މުޅިން ކޮންޓްރޯލް ކޮށްގެންނެވެ.
ގިނަ ބައެއްގެ ސަމާލުކަން 19 އަހަރުގެ ލަމީން ޔަމާލްއަށް ހުއްޓުނު ނަމަވެސް، ސްޕެއިންގެ ކުޅުން ބިނާވެފައި އޮތީ މިޑްފީލްޑުން ކުރި މެދުނުކެނޑޭ މަސައްކަތުގެ މައްޗަށް ކަމަށް ފުޓްބޯޅަ އެނަލިސިސް ކޮލަމްތަކުގައި ވެއެވެ.
ސްޕެއިންގެ މި ގޭމް ސްޓައިލަކީ، އަހަރުތަކެއް ވަންދެން ދެމެހެއްޓަމުން އަންނަ ފިލޯސަފީއަކީ އެވެ. މިހާރުގެ ކޯޗު ލުއިސް ޑެ ލަފުއެންޓޭ، މީގެ ހަތަރު އަހަރު ކުރިން އެ ޓީމާ ހަވާލުވެ، އެ ގޭމަށް އިތުރު ބަދަލުތައް ގެނެ އެވެ. އޭގެ ކުރީގެ ތިން ވޯލްޑް ކަޕްގައި ނާކާމިޔާބާ އެކު މުބާރާތުގެ ސެމީ ފައިނަލަށް ހަމައަށް ވެސް ނުދެވި ކަޓައިގެން ދިޔަ ސްޕެއިންގެ ގޭމް، ލަފުއަންޓޭ ބަދަލުކޮށްލީ ނަތީޖާއާ ރަށްޓެހި ގޭމަކަށެވެ.
"އަހަރެމެން ފެށީ މީގެ ހަތަރު އަހަރު ކުރިން. އަދި މިހާތަނަށް އައީ އެއް ވިސްނުމެއްގައި. އެ ވިސްނުން އަހަރެމެން މިހިސާބަށް ގެނެސްދިނީ،" އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަންކަން ވެސް ސްޕެއިން އަށް ހޯދައި ދިން ކޯޗު ބުންޏެވެ.
ފްރާންސުގެ ފޯވާޑުންގެ ގޮތުގައި ތިބީ ގޯލް މެޝިންތަކެކެވެ. އެމްބާޕޭ އާއި ޑެމްބެލޭ އަދި އޮލީސޭ އެވެ. އެކަމަކު އެ ސުޕަ ސްޓާރުންނަށް ގޯލެއް ޖެހުމުގެ ފުރުސަތު އޭގެ އެންމެ ދަށް މިންވަރަށް ސްޕެއިންއިން ތިރިކުރި އެވެ.
މިއީ ދަނޑުމަތީގައި ހަމައެކަނި ހަމަލާ އުފެއްދުމުގެ ބަދަލުގައި، މެޗު ކޮންޓްރޯލްކޮށްގެން ވާދަވެރިން މާޔޫސްކޮށްލުމަށް ސްޕެއިން ގެންގުޅުނު މޮޅު އުކުޅެއް ކަމަށް ސްޕެއިންގެ ފުޓްބޯޅަ އަށް ހާއްސަ ލިޔުންތެރިޔާ ސިޑް ލޯ، ދި ގާޑިއަންގައި ލިޔެފައި ވެއެވެ.
ސްޕެއިންގެ ކީޕަރު އުނައި ސިމޯންއަކީ، މުބާރާތުން ފެނުނު އެހެން ކީޕަރުންނަށް ވުރެ ލޯ ޕްރޮފައިލް ކީޕަރަކަށް ވެދާނެ އެވެ. ނަމަވެސް އޭނާ ބެލެހެއްޓި ގޯލަށް ލަނޑެއް ވަނަ ނުދީ، ވޯލްޑް ކަޕްގައި ވިދިވިދިގެން ހަތް މެޗު ފުރިހަމަކޮށް، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި އެވެ.
މިރޭ ކުޅޭ ފައިނަލުގައި ސްޕެއިންއާ ދެކޮޅަށް ނުކުންނަ އާޖެންޓީނާގެ ޓީމުގައި ހުރީ ވޯލްޑް ކަޕް ލަނޑު ޖެހުމުގެ ރެކޯޑް އޮތް މަޝްހޫރު މެސީ އެވެ. މިފަހަރު ވޯލްޑް ކަޕްގައި އެންމެ ފަހު ދެ މެޗު ފިޔވައި ކޮންމެ މެޗެއްގައި މެސީ ވަނީ ލަނޑު ޖަހައިފަ އެވެ.
އެމްބާޕޭ އާއި ޑެމްބެލޭ އަދި އޮލިސޭ އާއި ރޮނާލްޑޯ ހުއްޓުވި ހުއްޓުވި ސްޕެއިން އަށް މެސީ އާއި ލައުޓާރޯ މާޓިނޭޒާއި ހޫލިއަން އަލްވަރޭޒް ހިމެނޭ ފޯވާޑްލައިން ސްޕެއިނަށް ހުއްޓުވިދާނެ ހެއްޔެވެ؟