ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު މަރްހޫމް އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނަށް މިއަދު ދީފި އެވެ.
ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ސާންތީގެ އާއިލާގެ ފަރާތުން މި އިނާމާ ހަވާލުވީ އޭނާގެ ކޮއްކޮ އަހުސަން އަބްދުލްގަނީ އެވެ. މި އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ކެންސަރު ބަލީގައި ކުރި ދެ އަހަރެއްހާ ދުވަހު ކުރި ހިތްވަރުގަދަ ހަނގުރާމައަށް ފަހު ސާންތީ ނިޔާވީ މިދިޔަ އަހަރުގެ މާޗު 22 ވަނަ ދުވަހުގެ ރޭގަ އެވެ.
ސާންތީއަކީ ދިވެހި ފުޓްބޯޅައަށް ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީގައި ވެސް މުހިންމު ހިއްސާއެއް އަދާކުރި ކޯޗެވެ. އެގޮތުން 2004 ވަނަ އަހަރު ސައުތު ކޮރެއާއާ ދެކޮޅަށް ކުޅެ ރާއްޖޭން އެއްވަރުކުރި މެޗާއި، 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރުވެސް އޭނާއަކީ ގައުމީ ޓީމުގެ ސީނިއާ އެސިސްޓަންޓް ކޯޗެވެ.
މަޖީދިއްޔާ ސްކޫލް ޓީމުން ފާހަގަކުރެވި، އެއް ވަނަ ޑިވިޝަންގެ ޔޫތު ސްޕޯޓްސް ކްލަބަށް ކުޅުނު ސާންތީގެ އެންމެ ބޮޑު ޝައުގުވެރިކަމެއް ހުރީ ކޯޗިންއަށެވެ. އެހެންވެ ޒުވާން އުމުރުގައި ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން ކޯހެއް ހެދުމަށް އެފްއޭއެމްއާ ގުޅުނީ އެވެ. އެތަނުން އޭނާއަށް ދިނީ 2002 ގެ ވޯލްޑް ވޯލްޑް ކަޕް ކޮލިފައިންއަށް ގައުމީ ޓީމު ތައްޔާރުކުރަމުންދިޔަ ސްލޮވާކިއާގެ ކޯޗު ޖޯސެފް ޔަންކޭޒުގެ އެސިސްޓަންޓެއްގެ ވަޒީފާ އެވެ.
ގައުމީ ޓީމާއެކު ސާންތީގެ ފުރަތަމަ މުބާރާތް ވެގެންދިޔައީ ރާއްޖޭން ތާރީހީ ނަތީޖާއެއް ނެރުނު މުބާރާތަކަށެވެ. އޭގެ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި އީރާން އަތުން 17-0 އިން ބަލިވި ރާއްޖެއިން، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ފުރަތަމަ މޮޅު ހޯދީ އެ ފަހަރެވެ. މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވެ ދިވެހީންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދިންއިރު، އެ ޓީމުގައި ސާންތީއާއެކު ޔޫތަށް ކުޅުނު ކުޅުންތެރިން ތިއްބެވެ. އެ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސާންތީގެ ކެޕްޓަންކަމުގެ ދަށުން ޔޫތުން ކެރިއަރު ފެށި އަލީ އުމަރެވެ.
އޭގެފަހުން 2003 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ރާއްޖެ ދިޔައިރުވެސް ސާންތީއަކީ ޔަންކޭޒުގެ އެސިސްޓަންޓެވެ. ޖެހިގެން އައި އަހަރު ޕޯޗުގަލްގެ މެނުއަލް ގޯމޭޒް ގައުމީ ޓީމާ ހަވާލުވުމުންވެސް އެސިސްޓަންޓްކަން ދިނީ ސާންތީއަށެވެ. އެންމެ މެޗަކަށް ބަލާނަމަ، ދިވެހި ފުޓްބޯޅަ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އޭގެ ކުރީ ވޯލްޑް ކަޕުގެ ހަތަރު ވަނަ އަދި އޭރު އޭޝިއާގެ އެންމެ ވަރުގަދަ ބާރު، ސައުތު ކޮރެއާއާ ރާއްޖެ 0-0 އިން އެއްވަރުވި މެޗެވެ. އެ ތާރީހީ ނަތީޖާ ނެރުމަށް ގޯމޭޒް އެކުލަވާލި ގޭމްޕްލޭންގައި ސާންތީގެ ހިއްސާ ވަރަށް ބޮޑެވެ.
ގޯމޭޒަށްފަހު، ދެ އަހަރެއްހާ ދުވަހު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް ގައުމީ ޓީމަށް ކޯޗުކޮށްދީ، 2005 ގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ޓީމު ގެންގޮސްދިންއިރުވެސް އެސިސްޓެންޓަކީ ސާންތީ އެވެ.
ނަމަވެސް ގައުމީ ޓީމުގައި ސާންތީގެ އެންމެ ބޮޑު މަސައްކަތެއް ފެށުނީ 2007 ގައި އަނެއްކާވެސް ޔަންކޭޒް ގެނައުމުންނެވެ. އެފްއޭއެމުން އޭނާ ދެ ވަނަ ފަހަރަށް ގެނައީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ ބޮޑު އަމާޒާއެކުގ ައެވެ. އެ މަސައްކަތުގައި ޔަންކޭޒް އޭނާގެ އެންމެ ބޮޑު އެހީތެރިއަކަށް ބެލީ ސާންތީ އެވެ.
ޔަންކޭޒަކީ ވަރަށް ބޮޑަށް ތައްޔާރުވާ، އަދި އޭނާގެ ޓްރެއިނިން ޕްލޭނާއި ގޭމްޕްލޭންގެ އިތުރުން ކުޅުންތެރިންގެ ޝެޑިއުލްތައް ވަރަށް ތަރުތީބުން ތައްޔާރުކުރާ މީހެކެވެ. އޭނާ އެ މަސައްކަތްތައް ހަވާލުކުރީ ސާންތީއާ އެވެ. އެހެންކަމުން ސާންތީ ވެގެންދިޔައީ އެސިސްޓަންޓް ކޯޗެއްގެ އިތުރުން ގައުމީ ޓީމުގެ އެޑްމިނިސްޓްރޭޓަރަށްވެސް މެ އެވެ. އަދި ކުޅުންތެރިންނަށް ބޭނުންވާ ކަންކަން ކޯޗުގެ ފަރާތުން އެފްއޭއެމާ ހަމައަށް ގެންގޮސްދިނުމުގައި މެދުވެރިއަކަށް ހުރީވެސް ސާންތީ އެވެ.
ފަހުން ކްލަބް ކޯޗިންއަށް ބަދަލުވެ، ކްލަބް އީގަލްސްއިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގައި ގިނައިން ހިމެނުނީ ސާންތީ ފުރުސަތު ދިން ޒުވާން ކުޅުންތެރިންނެވެ. އެއީ އީގަލްސްގެ ތާރީހުގައި އެ ކްލަބަށް ލިބުނު ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ތައްޓެވެ.
ސާންތީއަކީ ރާއްޖޭގެ އެތައް ރަށެއްގައި ކޯޗިން ކޭމްޕުތައް ހިންގައި އެކި ރަށްރަށުން ޒުވާން ކުޅުންތެރިން މާލެ ގެނެސް ފުޓްބޯޅަ ކުޅުމުގެ ފުރުސަތ ހޯދައިދިން ކޯޗެއް ވެސް މެ އެވެ.
އޭގެ އިތުރުން، އެ ދުވަސްވަރު ފުޓްބޯޅައިގެ ބޭރުން ކުޅިވަރުގެ އެހެން މުހިންމު ޒިންމާތަކެއް ވެސް ސާންތީ ނެގި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2015 ވަނަ އަހަރު ރީޔޫނިއަން އައިލެންޑްސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޝެފް ޑި މިޝަނަރުކަން ކުރުމެވެ.
ރާއްޖޭން އެހާތަނަށް އެންމެ ގިނަ އެތުލީޓުން ފޮނުވި އެ ގޭމްސްގައި، ވަސީލަތްތައް މަދު ރީޔޫނިއަން ފަދަ ގައުމެއްގައި ސާންތީ ކުރި މަސައްކަތް އޮލިމްޕިކް ކޮމިޓީން ވަރަށް ބޮޑަށް ފާހަގަކުރި އެވެ. އެ ގޭމްސް ވެގެންދިޔައީ ފުޓްބޯޅަ ނޫން ކުޅިވަރަކުން ރާއްޖެއަށް ސަރަހައްދީ ފެންވަރުގެ ފުރަތަމަ ރަން މެޑެލް ލިބުނު މުބާރާތަށެވެ. ސަތޭކަ މީޓަރު ދުވުމުން ހަސަން ސާއިދު ރަން މެޑެލް ހޯދި ފަހުރުވެރި ވަގުތުކޮޅުގެ އުފާވެރިކަން އެންމެ ބޮޑަށް ހިއްސާކުރި އެކަކީވެސް ސާންތީ އެވެ.
އޭގެފަހުން އޭނާ ވަނީ ކުޅިވަރު ގާނޫނުގެ ދަށުން އުފެއްދި ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންކަންވެސް ކޮށްފަ އެވެ. ނަމަވެސް އޭނާގެ މައިގަނޑު ހަރަކާތްތެރިވުން އަބަދުވެސް އޮތީ ފުޓްބޯޅައިގަ އެވެ. އެގޮތުން 2017 ވަނަ އަހަރު އަލުން އެފްއޭއެމާ ގުޅުނެވެ. އެފަހަރު އެންމެ ފުރަތަމަ ކުރި މަސައްކަތަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމެވެ.
އޭގެ ފަހުން ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރުމަށް ފަހުން ޓެކްނިކަލް ޑިރެކްޓަރުކަމާ ހަވާލުވި އެވެ. އެ މަގާމުގައިވެސް އޭނާ ވަނީ ފާހަގަކުރެވޭ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެފްއޭއެމުން ޒުވާން ކުޅުންތެރިން ކުރިއަރުވަން ފެށި "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމަކީވެސް ސާންތީގެ ބެލުމުގެ ދަށުން ތައާރަފްކުރި ޕްރޮގްރާމެކެވެ. މީގެ އިތުރުން ޔޫތު ލީގާއި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފަށައި ހިންގީ ވެސް ސާންތީ އެވެ. ރާއްޖެއަށް ދެ ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޖަރުމަނުގެ ކޯޗު ޕީޓާ ސެގާޓް ގައުމީ ޓީމަށް ގެނައީވެސް ސާންތީގެ ލަފާގެ މަތިންނެވެ.