އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ އެންމެ މަތީ ޝަރަފު، ޑރ. މުހައްމަދު ރަޝީދު އިބްރާހިމަށް އަދި ދިވެހި ބަހަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އައްބާސް އިބްރާހިމަށް މިރޭ އަރުވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ރަސްމީ ޖަލްސާގައި، އެ ދެ ބޭފުޅުންނަށް މަތީ ޝަރަފު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

ސިއްހީ ހާލު ހުރިގޮތުން މުހައްމަދު ރަޝީދު އިބްރާހިމްގެ ފަރާތުން އެ ޝަރަފާ ހަވާލުވެވަޑައިގެންނެވި ދަރިކަލުން އުސާމާ މުހައްމަދު ރަޝީދެވެ. 

ދީނަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒު، ޑރ. މުހައްމަދު ރަޝީދު އިބްރާހިމްގެ ދަރިކަލުން އުސާމާއަށް މިރޭ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދީނަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒު، ޑރ. މުހައްމަދު ރަޝީދު އިބްރާހިމްގެ ދަރިކަލުން އުސާމާއަށް މިރޭ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދައުލަތަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން މީގެ ކުރިން ވަނީ އެ ދެ ބޭފުޅުންނަށް ވެސް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު 2008 ވަނަ އަހަރު އަރުވައިފަ އެވެ. 

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ފުރަތަމަ ޕީއެޗްޑީ ފުރިހަމަ ކުރެއްވި ދަރިވަރުގެ ލަގަބު ލިބިވަޑައިގެންނެވި މުހައްމަދު ރަޝީދު އިބްރާހިމް، 84، ވަނީ އުއްތަމަ ފަނޑިޔާރުކަމާއި ޖަސްޓިސް މިނިސްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.

އޭގެ އިތުރުން މާޗު 8، 2021 އިން ފެށިގެން ގެންދަވަނީ ފަތުވާ މަޖިލީހުގެ ރައީސްކަން ވެސް ފުރުއްވަމުންނެވެ.

ރައީސްގެ ހާއްސަ މުޝީރުކަމާއި އިސްލާމިކް މިނިސްޓަރުގެ މުޝީރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް މުހައްމަދު ރަޝީދު އިބްރާހިމް މީގެ ކުރިން އަދާކުރެއްވި އެވެ.

ދިވެހި ބަހަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، ރައީސް ޑރ. މުއިއްޒު، އައްބާސް އިބްރާހިމަށް މިރޭ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދިވެހި ބަހަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، ރައީސް ޑރ. މުއިއްޒު، އައްބާސް އިބްރާހިމަށް މިރޭ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނޫސްވެރިކަމަށް އައްބާސް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ "ނޫސްވެރިކަމުގެ އަލިމަސް ގަލަން" 2020 ވަނަ އަހަރު އަރުވައިފަ އެވެ. އޭގެ އިތުރުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމާއި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި އެވެ. 

އައްބާސް ވަނީ ދިވެހި އަދަބިއްޔާތާއި ދީނީ ހޭލުންތެރިކަން އަދި ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ފޮތްތަކާއި ލިޔުންތައް ލިޔުއްވައިފަ އެވެ. އެކަމުގައި "ފަތްތޫރަ" ފަދަ އަދަބީ މަޖައްލާތަކަށް ތާރީހާއި ބަހުގެ ހަމަތަކާއި އިޖުތިމާއި އެކި މައުޟޫއުތަކަށް އިލްމީ މަޒުމޫނުތައް ހިމެނެ އެވެ.