ވޯލްޑް ކަޕް 1986 އިންގްލެންޑް ކޮޅަށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އަތުން ޖަހައި ގޯލަށް ވައްދާލި ބޯޅަ، 3.35 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.
މެކްސިކޯގައި ބާއްވި އެފަހަރުގެ މުބާރާތުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި، އިންގްލެންޑްގެ މައްޗަށް 2-1 އިން އާޖެންޓީނާ ކުރި ހޯދި މަޝްހޫރު މެޗުގައި ޑިއޭގޯ މަރަޑޯނާ އަތުން ޖެހި އެ ގޯލު ޖެހީ، އެ މުބާރާތަށް ހާއްސަކުރި އަޑިޑަސް އަޒްޓެކާ ބޯޅަ އެބެ.
އެ ބޯޅަ ނީލަމުގައި ވިއްކާލީ ކުރިން ހީކުރި ވަރަށް ވުރެ އަގު ކުޑަކޮށެވެ. މި ބޯޅަ އަށް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއް ލިބޭނެކަމަށް ޑަލަސްގައި ހުނަނަ ތަރިކައިގެ ނީލަމުގެ ކުންފުނިން ލަފާ ކުރި އެވެ. ނީލަން ފަށާފައިވަނީ 2.5 މިލިއަން ޑޮލަރުންނެވެ.
މި ބޯޅައަކީ ކުޅިވަރު ތާރީހުގައި "އެންމެ މަޝްހޫރު ބޯޅަ" ކަމަށް އެ އިދާރާއިން ސިފަކުރި އެވެ. އަދި މިއީ ފުޓްބޯޅަ ހަނދާނީ ރަމްޒުތަކުގެތެރެއިން މިހާތަނަށް އެންމެ ބޮޑު އަގެއްގައި ވިކޭނެ ބޯޅައަށް ވެދާނެ ކަމަށް ވެސް އެ ކުންފުނިން އުއްމީދު ކުރި އެވެ.
ނީލަމުގެ ކުރިން ތަރިކައިގެ އޮފިޝަލުން ބުނެފައިވަނީ، މި ބޯޅައިގެ އަގު 2022 ވަނަ އަހަރު 9.3 މިލިއަން ޑޮލަރާ ގާތްކުރާ އަގަކަށް ވިއްކާލި މަރަޑޯނާ، ހަމަ އެ މެޗުގައި ކުޅުނު ޖޯޒީގެ އަގާ ގާތްކުރެވިދާނެ ކަމަށެވެ.
އެ ޖޯޒީއަކީ، އެ ދުވަސްވަރު ކުޅިވަރު ހަނދާނީ ރަމްޒުތަކުގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިއްކުނު އެއް އައިޓެމެވެ.
1986 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހު، މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައި ހަތަރު މިނިޓުގެ ތެރޭގައި، މަރަޑޯނާ ހަމަ އެ ބޯޅައިން "ހޭންޑް އޮފް ގޯޑް" ގޯލާއި "ގޯލް އޮފް ދަ ސެންޗަރީ" ޖަހާފައިވެ އެވެ.
ދެވަނަ ހާފް ފެށިގެން ހަ މިނިޓް ކުޅެވެނު އިންގްލެންޑްގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށް ވުރެ މައްޗަށް ފުންމައިގެން އަރައި ހުސްވި ބޯޅައެއް، މަރަޑޯނާގެ ވައަތުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި އެވެ.
ހަތަރު މިނިޓް ފަހުން، މަރަޑޯނާ އަނެއްކާ ވެސް ފާހަގަކޮށްލެވޭ ގޯލެއް ޖެހި އެވެ. ބޯޅަ ހޯދީ އޭނާގެ އަމިއްލަ ހާފުންނެވެ. އެއަށްފަހު 70 މީޓަރު ދުވެލައި، އިންގްލެންޑްގެ ދިފާއީ ފަރާތުގައި ހަ ކުޅުންތެރިން ކަޓުވާލައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި އެވެ.
އާޖެންޓީނާ 2-1 އިން މެޗު ކާމިޔާބު ކުރި އެވެ. ފަހުން މަރަޑޯނާ ބުނެފައިވަނީ ފުރަތަމަ ގޯލު ސައްހަވާން ނުޖެހޭ ކަމަށެވެ.