ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތައް ބޮއިކޮޓް ކުރަން ޔޫރަޕްގެ ފުޓްބޯޅަ އިދާރާގެ 55 ގައުމުން ނިންމި ނިންމުން އުވައިނުލައި ދަމަހައްޓައިފި އެވެ. 

ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔާފާރީގެ ޕްރޮޖެކްޓްގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކަން ފީފާއިން އިއުލާން ކުރުމުން، ޔޫއެފާއިން ނިންމީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމަށެވެ. 

އެ ޕްލޭން އަނބުރައި ނުގެންދާހާ ހިނދަކު، އެ ބޮއިކޮޓް ދެމިއޮންނާނެކަމަށް، ޔޫއެފާއިން އިއުލާން ކުރި އެވެ. މިދިޔަ ހުކުރު ދުވަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެ ޕްލޭން އަނބުރައި ގެންދިޔަކަށް އިއުލާންކޮށްފަ އެވެ. 

އިއްޔެ މޮރޮކޯގައި ބޭއްވި ފީފާގެ ކައުންސިލްގެ ބައްދަލުވުމަށް ފަހު، އާންމުކުރި ސިޓީއެއްގައި، އިންފަންޓީނޯ ވަނީ ފީފާގެ ފޯވަޑް އެންޓަޕްރައިޒަސް ޕްލޭންގެ މަރުހަލާގައި އޭނާ އަށް ގޯސްތަކެއް ހެދިފައިވާ ކަމަށް އެއްބަސްވެ، މައާފަށް އެދިފަ އެވެ. 

މިރޭ ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނީ އިންފަންޓީނޯ މައާފަށް އެދުނަސް، އަލުން އެފަދަ ޕްލޭނެއް އިއުލާން ނުކުރާނެކަމުގެ ޔަގީންކަމެއް ނުލިބޭ ކަމަށެވެ.

އެހެންވެ ބޮއިކޮޓް އުވައިނުލައި، ދަމަހައްޓަން ޔޫއެފާގެ 55 މެންބަރު ގައުމުން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

"ފީފާ މުބާރާތްތަކުގައި ބައިވެރި ނުވުމަށް ޔުއެފާގެ އެސޯސިއޭޝަންތަކުން ކަނޑައަޅާފައިވާ ޝަރުތުތައް ވަރަށް ސާފު. އެންމެ ފުރަތަމަ ކަމަކަށް، މައިގަނޑު މުބާރާތްތައް ވިއްކާލުމަށް ހުށަހެޅި ހުށަހެޅުންތައް އަނބުރާ ގެންދަންޖެހޭނެ. ދެވަނަ ކަމަކަށް، ކުޅިވަރަށް މިފަދަ ގެއްލުންތައް ދިނުމަށް ކުރާ މަސައްކަތްތައް ދުވަހަކުވެސް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދޭންޖެހޭނެ،" ޔޫއެފާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މައާފަށް އެދެމުން، އާންމު ކުރި ސިޓީގައި އިންފަންޓީނޯ ބުނިގޮތުގައި އެ ހުށަހެޅުމުގެ ތަފްސީލުތައް ދުރާލައި ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުވިފައި ނުވުމަކީ ގަސްދުގައި ކުރި ކަމެއް ނޫނެވެ. 

ޔޫއެފާގެ ބަޔާނުގައި އެ ވާހަކަ އަށް ރައްދު ދެމުން ބުނީ އެކަމުގެ ޒިންމާ ނެގުމުގެ ބަދަލުގައި އެއީ އިދާރީ އޮޅުމަކުން ހިނގި ކަމެއްކަމަށް ދެއްކުމަކީ ބަލައި ގަނެވޭނެ ކަމަެއް ނޫން ކަމަށެވެ. އަދި އެއީ އިންފަންޓީނޯ، ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށްފައިވާކަން ދޭހަވާ ކަމެއްގެ ގޮތުގައި ވެސް ޔޫއެފާއިން ދެކެ އެވެ.

ފީފާ އެންޓަޕްރައިޒަސް ޕްލޭނަކީ ސިއްރިޔާތުގައި ވަކިން ތިބެ މަޝްވަރާކޮށްފައިވާ ކަންތަތަކެއް ކަމަށް ޔޫއެފާއިން ތުހުމަތު ކުރެ އެވެ. 

"ފީފާ ކައުންސިލާއި މެންބަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިން އަދި ފުޓުބޯޅައިގެ ބައިވެރިންނަށް އެކަން އެނގުމުގެ ކުރިން އެއްބަސްވުމަކާ ހަމައަށް ގެންގޮސްފައިވާ ކަމެކެވެ.،" ޔޫއެފާގެ ބަޔާނުގައި ލިޔެފައިވެ އެވެ. 

"ކަންތައް ހިނގިގޮތާ މެދު (ފީފާގެ ކައުންސިލުން) ޒިންމާ ނެގުމުގެ ބަދަލުގައި، އެ ޖަމިއިއްޔާގެ އިސްވެރިންނަށް ތާއީދުކުރާކަން (ކައުންސިލުން) ހާމަކޮށް، އެއީ މުއާމަލާތް ކުރުމުގެ ކުޑަކުޑަ މައްސަލައަކުން ދިމާވި ކަމެއްކަމަށް ސިފަކުރަން ވަނީ މަސައްކަތްކޮށްފަ އެވެ. މިއީ ހަމައެކަނި ހިންގުމުގެ ނުކުޅެދުންތެރިކަމެއް ނޫނެވެ. މިއީ ރައީސްކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމެވެ."

ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ޔޫރަޕުން ނިންމި އިރު، ދެން އަންނަ ވޯލްޑް ކަޕްގެ ގިނަ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ޔޫރަޕްގެ ސްޕެއިން އާއި ޕޯޗުގަލްގަ އެވެ.