ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކާ ގުޅޭ ވިޔަފާރީގެ ޕެކޭޖްތަކުގެ ހިއްސާ ވިއްކަން ފީފާއިން އުޅޭތީ އެކަމަށް ދެކޮޅަށް ތެދުވަން ޔޫއެފާއިން ނިންމައިފި އެވެ.

ފީފާއިން ވަނީ ސަބްސިޑަރީ ކުންފުންޏެއް ހަދައި، އެ ކުންފުނީގެ ކޮންޓްރޯލް ފީފާ އަށް އޮންނާނެހެން މުބާރާތްތަކުގެ ވިޔަފާރީގެ ކޮމޮޑިޓީތަކުގެ ހިއްސާ ވިއްކަން ނިންމާފަ އެވެ.

މި ނިންމުމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި އިދާރާއަކީ، މިފަހަކަށް އައިސް ފީފާގެ ނިންމުންތަކާ މެދު އަބަދުވެސް ދެކޮޅު ހަދަމުން އަންނަ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިންނެވެ.

އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ފުޓްބޯޅައަކީ އެއްވެސް ބަޔަކަށް އަމިއްލަ މިލްކު ކުރެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ފީފާއިން ހުރަސްކުރަން އުޅެނީ ފުޓްބޯޅަ ހިންގުމުގެ އެއްވެސް އިދާރާއަކުން ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެއް ކަމަށް ޔޫއެފާއިން ބުންޏެވެ. 

"މިއީ ފުޓްބޯޅަ ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލުވާ މުއައްސަސާތަކުން ދުވަހަކުވެސް ހުރަސްކޮށްގެން ނުވާނެ ރޮނގެއް ހުރަސްކުރުން،" ޔޫއެފާގެ ބަޔާނުގައިވެ އެވެ.

"ޔޫއެފާއިން އެކަން އިންތިހާއަށް ސީރިއަސްކޮށް ނަގަނީ. ކޮންމެ ގައުމީ ފުޓްބޯޅަ އެސޯސިއޭޝަނަކުން ވެސް މި މައްސަލަ ސީރިއަސްކޮށް ނަގަންޖެހޭ. ފުޓްބޯޅައިގެ މުސްތަގުބަލާމެދު ވިސްނާ ކޮންމެ މީހަކުވެސް ލީގާއި ކްލަބް، ކުޅުންތެރިން، ސަޕޯޓަރުން، ސަރުކާރުތައް އަދި ފުޓްބޯޅައާމެދު ވިސްނާ ކޮންމެ މީހަކުވެސް (މިކަމާ ދެކޮޅުހެދުމުގައި) ބައިވެރިވާންޖެހޭ،" ޔޫއެފާއިން ބުންޏެވެ.

"ފުޓްބޯޅައިގެ ހިތް އަދި އުސޫލުތަކަކީ ގަނެ ވިއްކާ އެއްޗެއް ނޫން. ހާއްސަކޮށް މާލީ ގޮތުން ފައިދާ ލިބެނީ ކޮން ބަޔަކަށްކަން ސާފު ނުވާ ހާލަތްތަކުގައި... އަހަރެމެންގެ ތެރެއިން އެކަކީވެސް ފުޓްބޯޅައިގެ މިލްކުވެރިންނެއް ނޫން. ފީފާއަކަށް ވިއްކާލެވޭކަށް ނެތް."

އީއެސްޕީއެން ބުނީ މި ހަފުތާގައި ޔޫއެފާގެ 55 މެންބަރު ގައުމުން، ފީފާގެ އެ ނިންމުމާ ދެކޮޅަށް އޮންލައިންކޮށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފީފާއިން ނިންމު ބަދަލުކުރަން ދެކޮޅު ހދާނަމަ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ވިސްނުން ވެސް ޔޫރަޕްގެ ގައުމުތަކުން ގެންގުޅެފާނެކަމަށް އެތެރޭގެ މަސްދަރާ ހަވާލާދީ އީއެސްޕީއެންއިން ބުންޏެވެ. 

ދެން އަންނަ ފިރިހެނުންގެ ވޯލްޑް ކަޕްގެ ބޮޑުބައެއް ބާއްވަން ހަމަޖެހިފައިވަނީ ޔޫއެފާގެ މެންބަރު ދެ ގައުމު ކަމަށްވާ ސްޕެއިން އާއި ޕޯޗުގަލް އެވެ. ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރުފުރުން ފާހަގަ ކުރަން ކަމަށް ބުނެ 2030 ގެ ވޯލްޑް ކަޕް ތިން ބައްރެއް ހިއްސާވެގެން ބާއްވަން ފީފާއިން ވަނީ ނިންމާފަ އެވެ.

އެއީ ޔޫރަޕްގެ އިތުރުން އެފްރިކާ އާއި ދެކުނު އެމެރިކާ އެވެ. އެފްރިކާ ބައްރުން މުބާރާތް ބާއްވާނީ މޮރޮކޯގަ އެވެ. ދެކުނު އެމެރިކާއިން އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭގައި ކުޅޭނީ ހާއްސަ މެޗުތަކެއް އެކަންޏެވެ.

ފީފާއިން ބުނެފައި ވަނީ "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި ހަދާ ސެމީ ޕްރައިވެޓް ސަބްސިޑަރީ ކުންފުނީގައި އެ އިދާރާގެ ފުލް ކޮންޓްރޯލް އޮންނާނެ ކަމަށެވެ.  އަދި މުބާރާތްތަކުން ހިއްސާ ވިއްކާނީ ފަރުވާތެރިކަމާ އެކު އިންވެސްޓަރުން ހޯދައިގެންކަމަށް ވެސް ފީފާއިން ބުންޏެވެ. އަދި ވިއްކާނީ އެ ހިއްސާ ގަންނަ ފަރާތްތަކަށް ކުންފުނީގެ ކޮންޓްރޯލް ނުލިބޭނެ ގޮތަށް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. 

އެ ކުންފުނި އުފައްދައި، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކައިގެން މިއަހަރު ފަހުކޮޅު 4.2 ބިލިއަން ޑޮލަރު ފީފާ އަށް ވެއްދުމަށް އުއްމީދުކުރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މުޅި ކުންފުނީގެ އަގު 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެ ކުންފުނިން ވިއްކާ، ހިއްސާ ގަންނާނެ ކުންފުނިތަކާ އެކު ފީފާއިން މަޝްވަރާކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ދަ ޓައިމްސް ނޫހާއި ފައިނޭންޝިއަލް ޓައިމްސްއިން ބުންޏެވެ. އޭގެ ތެރޭގައި އިންފަންޓީނޯގެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް" ހިމެނޭ ކަމަށް ޓައިމްސްއިން ބުންޏެވެ.

އޭގެ އިތުރުން ކުރިން ފަށަން މަސައްކަތްކޮށް ފެއިލްވި ޔޫރަޕިއަން ސުޕަ ލީގަށް ހަރަދުކުރަން އުޅުނު އެމެރިކާގެ ޖޭޕީ މޯގަން ޗޭސް ބޭންކު ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

މި ކުންފުނި އުފެއްދުމާ ބެހޭގޮތުން ފީފާއިން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ވެސް ދަ ޓައިމްސް އާއި ފައިނޭންޝިއަލް ޓައިމްސްއިން، ދެ މަސްދަރަކާ ހަވާލާދީ، އާންމުކުރި ރިޕޯޓާ ގުޅިގެންނެވެ.