ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ޔޫއެފާގައި މަސައްކަތް ކުރި ދުވަސްވަރު އެ އިދާރާގެ އަންހެން މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފި އެވެ.
ފީފާގެ ރައީސްކަމަށް 2016 ގައި އިންތިހާބުވުމުގެ ކުރިން އިންފަންޓީނޯ ހުރީ ޔޫއެފާގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ ވަނީ މެދުނުކެނޑި ހަތް އަހަރު އެ މަގާމު އަދާކޮށްފަ އެވެ.
އެ ދުވަސްވަރު، އެ އިދާރާގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކާ އެކު، އިންފަންޓީނޯ ގުޅުންތަކެއް ބޭއްވިކަމަށް ތުހުމަތުކޮށް ރިޕޯޓެއް އާންމު ކުރީ އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފް ނޫހުންނެވެ.
އެ ނޫހުން ބުނިގޮތުގައި ޔޫއެފާ ހިނގުމުގެ އިދާރީ އެންމެ އިސް މަގާމުގައި އިންފަންޓީނޯ ހުރި އިރު، އޭނާ ގުޅުން ބޭއްވި ކަމަށް ތުހުމަތު ކުރެވިފައިވާ އަންހެން މުވައްޒަފަކަށް ވަޒީފާއިން ވަކިވުމުން، ލައްކައިން ގުނޭ އަދަދަކުން ފައިސާ ދިން ކަމަށެވެ.
މި މައްސަލައިގައި ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ފައިސާ ދިނުމުގެ އިތުރަށް ޔޫއެފާގެ ހަރަދުގައި މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމު އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިން ކަމަށެވެ. ނަމަވެސް އެއީ އޭރު އޮތް ގަވާއިދުތަކުގެ ތެރެއަށް ފެތޭގޮތަށް ކުރި ކަންތަތަކެއް ކަމަށް ޔޫއެފާއިން ބުންޏެވެ.
ޔޫރަޕްގެ މެންބަރު ގައުމުތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ އިންފަންޓީނޯ އަށް ކުރާ ތުހުމަތުތައް ފީފާއިން ދޮގު ކުރެ އެވެ.
"ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ތުހުމަތުތައް ދޮގުކުރައްވާ. މިއީ މުޅިން ދޮގު ވާހަކަތަކެއް. ނުރަނގަޅު ގޮތެއްގައި އަމަލުކުރެއްވި ކަމަށް ނުވަތަ ގަވާއިދާ ހިލާފުވި ކަމަށް ދޭހަވާ ފަދަ އިޝާރާތެއްގައި ބަދުނާމުކުރުމުގެ ގޮތުން ފަތުރާފައިވާ ވާހަކަތަކެއް،" ފީފާގެ މީޑީއާ އޮފިޝަލަކު ޓެލެގްރާފް ނޫހަށް ބުނެފައިވެ އެވެ.
"ޔުއެފާ ނުވަތަ ފީފާގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު، އިންފަންޓީނޯގެ ސުލޫކާ ގުޅޭ ޝަކުވާއެއް ދުވަހަކު ވެސް ހުށަހަޅާފައެއް ނުވޭ. ސަބަބަކީ އޭނާ ބައިވެރިވެވަޑައިގެންފައިވާ އެފަދަ ހާދިސާއެއް ދިމާވެފައި ނުވާތީ."