ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަކީ، އެ އިދާރާ ހިންގަން އެކަށީގެންވާ މީހެއް ނޫން ކަމަށް އިނގިރޭސި އާ ބޮޑުވަޒީރު އެންޑީ ބާނަމް ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔާފާރިގެ ޕްރޮޖެކްޓްގެ ބައިން އަމިއްލަ ކުންފުނިތަކަށް ހިއްސާ ވިއްކަން އިއުލާން ކުރި ނަމަވެސް، ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުގެ ތާއީދު ނުލިބުމުން، އިންފަންޓީނޯ ވަނީ އެ ހުށަހެޅުން އަނބުރާ ގެންގޮސްފަ އެވެ.
ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ ސަޕޯޓަރެއް ކަމަށްވާ، ބާނަމް ވިދާޅުވީ އެ ހުށަހެޅުމެއް، ފީފާއިން އިއުލާން ކުރުމުން ވެސް އެ އިދާރާގެ ހިންގަން ހުރީ އެނެމް އެކަށީގެންވާ މީހެއް ނޫންކަން އެނގިގެންދާ ކަމަށެވެ.
"މިއީ މުޅިން ހުތުރު އެއްގޮތަކަށް ވެސް ބަލައިގަނެވޭނެފަދަ ހުށަހެޅުމެއް ނޫން. މިފަދަ ކަމެއް ހުށަހެޅުމުން ވެސް އެނގިގެންދަނީ، އަޅުގަނޑު ދެކޭގޮތުގައި އެ ޖަމްޢިއްޔާ ހިންގަން ފީފާގެ ވެރިޔާއަކީ އެންމެ އެކަށީގެންވާ މީހެއް ނޫންކަން،" އިނގިރޭސިވިލާތުގެ ސެފީލްޑަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި ބާނަމް ވިދާޅުވި އެވެ.
ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާއިން) އިއްޔެ ބުނީ އިންފަންޓީނޯއާ މެދު އޮތް އިތުބާރު އެ ޖަމިއްޔާ އަށް މިހާރު ގެއްލިފައިވާ ކަމަށެވެ.
"ފީފާގެ މިހާރުގެ ވެރިންނާ މެދު ގެއްލިފައި ވަނީ ޔުއެފާގެ އިތުބާރު އެކަންޏެއް ނޫން. އަދި ކިއެއްތަ ފުޓުބޯޅަ އާއިލާގެ އެހެނިހެން ގިނަ މެމްބަރުންގެ އިތުބާރު ވެސް (ފީފާގެ ވެރިންނާ މެދު) ވަނީ ގެއްލިފައި،" ޔޫއެފާގެ ބަޔާނުގައިވެ އެވެ.
މީގެ 10 އަހަރުކުރިން ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރެއްވި އިރު އިންފަންޓީނޯ ދައްކަވާފައިވާ ވާހަކަތައް ޔޫއެފާގެ ބަޔާނުގައި ވަނީ ހަނދާންކޮށް ދީފަ އެވެ.
"ފީފާގެ ރައީސްކަމަށް 2016 ގައި ޖިއާނީ އިންފަންޓީނޯ އިންތިހާބުކުރުމަށްޓަކައި، ފީފާގެ މެމްބަރު އެސޯސިއޭޝަންތަކުގެ އިތުބާރާއި ވޯޓަށް އެދިވަޑައިގެންނެވި އިރު އޭނާ ވިދާޅުވީ 'އަޅުގަނޑުމެން ކޮންމެހެންވެސް ހާމަކަން ބޮޑު ބަޔަކަށް ވާންޖެހޭނެ. ޔުއެފާގައި ހޭދަކުރި ފާއިތުވި 15 އަހަރު އަޅުގަނޑު ހުރީ އެގޮތަށް. ފީފާގެ ކޮންމެ ދުވަހެއްގެ ކަންކަމުގައި ތިޔަބޭފުޅުން ވެސް ބައިވެރިވާންޖެހޭނެ،' ކަމަށް އެއްވެ ތިބި ފަރާތްތަކާ މުހާތަބު ކުރައްވައި ވިދާޅުވުމަށް ފަހު، 'ފީފާގެ ފައިސާއަކީ ތިޔަބޭފުޅުންގެ ފައިސާ. އެއީ ފީފާގެ ރައީސްގެ ފައިސާއެއް ނޫން. އެއީ ތިޔަބޭފުޅުންގެ ފައިސާ. ތިޔައީ ގައުމީ އެސޯސިއޭޝަންތައް، އަދި ފީފާގެ ފައިސާ ހޭދަވާންޖެހޭނީ ފުޓުބޯޅަ ތަރައްގީކުރުމަށްޓަކައި އެހެން އެއްވެސް ކަމަކަށް ނޫން،' ކަމަށް ވިދާޅުވި،" ފީފާގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ޔޫއެފާގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި އޭގެ ކުރިން ހުންނެވި އިންފަންޓީނޯ ފެބްރުއަރީ 2016 ގައި ވިދާޅުވެފައިވާ ވާހަކައަށް އިޝާރާތްކޮށް ޔޫއެފާގެ ބަޔާނުގައިވެ އެވެ.
ދެން ޔޫއެފާިއން ބުނީ އިންފަންޓީނޯ އޭރު ވި، އެ ވައުދާ ވެސް އޭނާ މިހާރު ހިލާފުވެފައިވާ ކަމަށެވެ.
"މި ދެ ވައުދަށް ވެސް އޭނާ ވަނީ ހިޔާނާތްތެރިވެފައި (ފުއްދައިދިނުމުގައި ނާކާމިޔާބުވެފައި). ސިއްރިޔާތުގައި، ނާތަހުޒީބު އަދި ހާމަކަމެއް ނެތް ގޮތަކަށް އޭނާ ރޭވި އަދި މަޖުބޫރުކުރަން އުޅުނު އެއްބަސްވުމަކީ އެއްވެސް ވަރަކަށް ހާމަކަން ބޮޑު ކަމެއް ނޫން،" ޔޫއެފާޣެ ބަޔާނުގައިވެ އެވެ.