ރެއާލް މެޑްރިޑްގެ ކޯޗުކަން ޒަބީ އަލޮންސޯ އަށް ގެއްލުނީ ފުޓްބޯޅައިގެ ސަބަބަކުން ނޫން ކަމަށް، އެ ކްލަބްގެ ކުރީގެ ކޯޗު ރަފާ ބެނިޓޭޒް ބުނެފި އެވެ.
ރެއާލްގެ ޒުވާން ޓީމަށް އަދި އޭގެ އަހަރުތަކެއް ފަހުން، އެ ކްލަބްގެ ސީނިއާ ޓީމަށް ވެސް ބެނިޓޭޒް ކޯޗުކޮށްދިނެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން އޭނާ އަށް މަގާމު ގެއްލުނެވެ.
އަލޮންސޯ ވެސް، ރެއާލްގެ އެކަޑަމީގައި ކޯޗުކަން ކުރި އެވެ. ފަހުން ބެޔާ ލެވަކޫސަންގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު މިދިޔަ ސީޒަނުގައި ރެއާލްގެ ސިނިއާ ޓީމާ ގުޅުނެވެ. ސީޒަންގެ މެދުތެރެއިން އޭނާގެ ވަޒީފާ ގެއްލުނެވެ.
ލިވަޕޫލާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ބެނިޓޭޒް ބުނީ އޭނާ އާއި އަލޮންސޯ ވެސް ރެއާލްއާ ހަވާލުވުމުގައި އެއްގޮތް ކަންތައްތަކެއް ހުރި ކަމަށެވެ. އެއީ އެހެން ކްލަބެއްގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ފަހު ރެއާލްގެ ކޯޗުކަމާ ހަވާލުވުމެވެ.
"ބަޔާ ލެވަކޫސަންގައި އޭނާ ކުރީ ވަރަށް ފުރިހަމަ މަސައްކަތެއް. އެއީ ރެއާލް މެޑްރިޑަށް ބަދަލުވާން މެދުވެރިވި ސަބަބަކީ. އަހަރެމެން ދެ މީހުންގެ ދެމެދުގައި ވެސް އެއްގޮތް ކަންތަތަކެއް ހުރި،" ބެނިޓޭޒް ބުންޏެވެ.
ލިވަޕޫލުގައި ކުރީގެ މިޑްފީލްޑަރު އަލޮންސޯއަށް ކޯޗުކޮށް ދިން ބެނިޓޭޒް ބުނީ އަލޮންސޯއަކީ ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް ރެއާލްގެ އެތެރޭގައި އޮންނަ "ކްލަބް ޕޮލިޓިސް" އާ ހެދި އޭނާ އަށް އެ ފުރުސަތު ނުލިބުނީ ކަމަށް ބެނިޓޭޒް ލަފާ ކުރި އެވެ.
"އޭނާއަކީ މަސައްކަތާއި ރޭވުންތެރިކަމާއި ކުޅުންތެރިން ހާސިލްކުރަން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ލޯބިކުރާ މީހެއް،" ޗެލްސީގެ މިހާރުގެ ކޯޗު އަލޮންސޯއާ ބެހޭގޮތުން ބެނިޓޭޒް ބުންޏެވެ.
"ނަމަވެސް ރެއާލް މެޑްރިޑަކީ ވަރަށް ބޮޑަށް ކްލަބްގެ ޕޮލިޓިސް ވަށާލާފައި އޮތް ތަނެއް. އަދި (އޭނާ އަށް) ކަންކަން އުނދަގޫވެގެން ދިޔައީ ވެސް އެހެންވެ ކަމަށް ވެދާނެ،" ބީބީސީ އަށް ދިން އިންޓަވިއުގައި ބެނިޓޭޒް ބުންޏެވެ."
ރެއާލްގެ ކޯޗުކަން ބެނިޓޭޒް ކުރީ 2015-16 ގެ ސީޒަނުގެ ކުރީކޮޅު އެވެ. އޭގެ ކުރިން ކޯޗަކަށް ހުރި ކާލޯ އަންޗެލޮޓީ މަގާމުން ވަކި ކުރުމަށް ފަހު ރެއާލުން ގެންދިޔައީ ބެނިޓޭޒެވެ. އެކަމަކު 18 މެޗަށް ފަހު އޭނާ މަގާމުން ވަކި ކުރީ ޖެނުއަރީ 2016 ގަ އެވެ.
އެންމެ ފަހުން އޭނާ މަސައްކަތް ކުރީ ގްރީކްގެ ކްލަބް ޕަނަތިނައިކޯސްގަ އެވެ. އެކަމަކު މިހާރު އޭނާ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ.